މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ހިންނާ ހާލިދު އިސްތިއުފާ ދެއްވައިފި އެވެ.
ހޯމް މިނިސްޓްރީގެ ޕީއެސްކަން މީގެ ކުރިން ވެސް ކުރައްވާފައިވާ ހިންނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ހިންނާ އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ. އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފުސީލެއް ނުލިބެ އެވެ.
ފަސް އަހަރުގެ ދައުރަކަށް މަގާމަށް ހިންނާ އައްޔަން ކުރެއްވީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެއީ އެ މަގާމުގައި ހުންނެވި އަބްދުލްރަހުމާން ސަލާހު ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ހިންނާ ވަނީ މީގެ ކުރިން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީގެ މަގާމާއި މާލޭ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.