ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް. އިސްވަރަންގެ މައްޗަށް އުފުލި ރިޝްވަތު ހިފުމާއި ހިޔާނާތާ ގުޅުން ހުރި ދައުވާތަކުގެ ތެރެއިން ބޮޑެތި ދައުވާތައް އަނބުރާ ގެންދިއުމާ އެކު އޭނާ މިއަދު ކޯޓުގައި ދައުވާތަކަށް އިއުތިރާފްވެއްޖެ އެވެ.
އިސްވަރަންގެ މައްޗަށް ކުރި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާ އެކު މިދިޔަ އަހަރުގެ ޖުލައި މަހު ހައްޔަރުކުރި ނަމަވެސް އޭނާ ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.
ސިންގަޕޫރަށް "ފޯމިއުލާ 1" ގެނައުމުގައި އިސް ދައުރެއް އަދާކުރި ވަޒީރެއްގެ ގޮތުގައި ގިނަ ބަޔަކު ދަންނަ އިސްވަރަންގެ މައްޗަށް 35 ދައުވާއެއް އުފުލި އެވެ. އަދި މި މައްސަލަ ވެފައިވަނީ ސިންގަޕޫރުގައި މިހާތަނަށް ފެންމަތިވި މިފަދަ އެންމެ ބޮޑު އެއް މައްސަލައަށެވެ.
އެކަމަކު ސުޕްރީމް ކޯޓުގައި މިއަދު އަޑުއެހުންތައް ފެށުމާ އެކު ވަރަށް އަވަހަށް ނިންމާލައި ޕްރޮސިކިއުޓަރުން ވަނީ އާދައިގެ ހަތަރު މައްސަލައެއްގައި ކުރި ދައުވާތައް ކުރިއަށް ގެންދަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން ފަދަ ހަތަރު ދައުވާއެކެވެ. އެއީ ދެ ވިޔަފާރިވެރިއެއްގެ އަތުން ހަދިޔާ ގަބޫލުކުރުމާ ގުޅޭ މައްސަލަތަކެކެވެ.
އެ ދައުވާތަކުގެ ތެރޭގައި ސިންގަޕޫރުގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މެލޭޝިއާގެ ހޮޓެލް ޓައިކޫން އޮންގް ބެންގް ސެންގްގެ ހަރަދުގައި ބިޒްނަސް ކްލާހުގައ ކުރެއްވި ދަތުރެއްގެ ތަހުގީގަށް ހުރަސްއަޅަން މަސައްކަތްކުރުން ހިމެނެ އެވެ. އަނެއް ހަތަރު ދައުވާއަކީ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އޮންގުގެ އަތުންނާއި ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އިސް ޑިރެކްޓަރެއްގެ އަތުން ވިސްކީ ފުޅިތަކަކާއި ގޮލްފް ކްލަބްތަކެއް ހަދިޔާގެ ގޮތުގައި ގަބޫލުކުރި މައްސަލަ އެވެ.
އިސްވަރަންގެ މައްޗަށް މި މައްސަލަތަކުގައި ދައުވާކުރިޔަސް އެ ދެ ވިޔަފާރިވެރިންގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އިސްވަރަން، 62، މި ފަސް ދައުވާއަށް އިއުތިރާފް ވެފައި ވާއިރު ބާކީ 30 ދައުވާ ބޭނުންކުރާނީ އަދަބު ކަނޑައަޅައި ހުކުމްކުރުމުގައި ރިއާޔަތްކުރުމަށް ކަމަށް ސިންގަޕޫރުގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
"އަޅުގަނޑު ކުށަށް އިއުތިރާފުވަން،" ކޮރަޕްޝަންގެ ބޮޑެތި ދައުވާތައް އަނބުރާ ގެންދިއުމާ އެކު އޭނާ ވިދާޅުވި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ސްޓްރެއިޓްސް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރޮސެކިއުޓަރުން އެދުނީ އެ ދައުވާތަކަށް ހަ މަހާއި ހަތް މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ.
މިދިޔަ ޖެނުއަރީ މަހު އިސްވަރަށް އިސްތިއުފާ ދެއްވީ ތިން ލައްކަ ޑޮލަރަށް ވުރެ އަގުބޮޑު ހަދިޔާ ގަބޫލުކުރެއްވި މައްސަލަގައި ދައުވާ އުފުލައި އެކަން ރަސްމީކޮށް އެންގުމާ އެކުގަ އެވެ. އިސްތިއުފާގެ ސިޓީގައި އޭނާ ވަނީ ކޯޓުގައި އޭނާގެ ނަން މިކަމުން ސަލާމަތްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އިސްވަރަންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ އަދަބަކީ ގިނަވެގެން ހަތް އަހަރަށް ޖަލަށް ލުމާއި ޖޫރިމަނާގެ އަދަބެކެވެ. އަގު ހުރި ހަދިޔާ ގަބޫލުކުރުމުގެ ކުށުގެ އަދަބަކީ ގިނަވެގެން ދެ އަހަރަށް ޖަލަށް ލުމާއީ ޖޫރިމަނާ އެވެ. -- އޭއެފްޕީ