ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަރާމާތު ކުރާނީ އެ އެއާޕޯޓު ހިންގާ ފަރާތުން ކަމަށާއި އެ މަސައްކަތް ގާތުން ބައްލަވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު" އަށް ވިދާޅުވީ، ކޫއްޑޫ އެއާޕޯޓުގެ މަރާމާތުގެ ހުރިހާ ކަމެއް ހަމަޖައްސާނީ އެއާޕޯޓުގެ ހިންގާ ކުންފުނިން ކަމަށެވެ.
އެ ކުންފުނި ހިންގަނީ ސިންގަޕޫރުގެ ހިއްސާދާރުން ހިމެނޭ ޕްރިސްޓީން އައިލެންޑް މޯލްޑިވްސް އިންނެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އިން ކޫއްޑު އަށް ކުރި ދަތުރުތައް ހުއްޓާލަން ނިންމީ، އެ އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަން ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެވެ. އެކަމުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓެއް ގްރަންޑު ކުރަން ޖެހިފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެފައި ވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު މިނިސްޓަރު އަމީން ވިދާޅުވީ، މޯލްޑިވިއަން އިން މަރާމާތަށް ފަހު ވަރަށް އަވަހަށް ބޭނުންކުރެވޭނެ ހާލަތަށް ގެންނާނެ ކަމަށެވެ. މިނިސްޓްރީގެ އިސް ނެގުމާއެކު ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެއާޕޯޓް އޮޕަރޭޓާ އަދި ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޫއްޑޫ އެއާޕޯޓު އެންމެ ފުރަތަމަ ހުޅުވީ 2012 ވަނަ އަހަރު އެވެ. އެ އަށް ފަހު ބޮޑެތި ބޯޓުފަހަރާއި ޖެޓްތައް ޖެއްސޭ ފެންވަރުގެ ބޮޑު ރަންވޭއަކާ އެކު ތަރައްގީކޮށް އަލުން ކޫއްޑޫ އެއާޕޯޓު ހުޅުވީ 2017 ވަނަ އަހަރު އެވެ. އެ އެއާޕޯޓު ހިންގާ އެކޯ އިން އަންނަނީ އެ ސަރަހައްދުގައި ދެ ރިސޯޓު ހިންގަމުންނެވެ.