މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ޖާނަލިޒަމް އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އިނާމު "ދައުރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފާއި "އާފަތިސް" ނޫހުގެ ކުރީގެ އެޑިޓަރު އަހުމަދު ޒާހިރު (ފެއަރީ ޒާހިރު) މިރޭ ހާސިލް ކުރައްވައިފި އެވެ.
މިއީ ރާއްޖޭގެ ނޫސްވެރިކަމަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އެމްއެމްސީން ދޭ ޝަރަފެކެވެ.
މި އިނާމު މި ފަހަރު ހާސިލުކުރެއްވި ދެ ބޭފުޅުންގެ ތެރެއިން މޫސާ ލަތީފަށް ސަރުކާރުން ވަނީ މި އަހަރު ނޫސްވެރިކަމުގެ ރޮނގުން ޝަރަފްވެރިކަމުގެ އިނާމު ވެސް ދީފަ އެވެ. އޭނާ ވަނީ ދިވެހި ނޫސްވެރިކަމުގެ ރަން ގަލަމާއި އަލިމަސް ގަލަން ވެސް ހާސިލުކުރައްވައިފަ އެވެ.
ނޫސްވެރިކަމުގެ ދާއިރާއާ މޫސާ ގުޅިވަޑައިގަތީ 1989 ވަނަ އަހަރު "ހަވީރު" ނޫހުންނެވެ. އެ ނޫހުގައި އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ކުޅިވަރު ރިޕޯޓަރެއްގެ ގޮތުގަ އެވެ. މޫސަ ވަނީ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ވަރަށް ގިނަ ކުޅިވަރު މުބާރާތްތައް ކަވަރުކުރައްވައިފަ އެވެ.
ނޫސްވެރިކަމުގެ ރޮނގުން މެލޭޝިއާ އިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ މޫސަ ވަނީ 2010 އިން ފެށިގެން 2016 ވަނަ އަހަރު ކޯޓުން އެ ނޫސް ހުއްޓުވުމާ ހަމަޔަށް އެޑިޓަރުކަން ކުރައްވައިފަ އެވެ. ފަހުން އެ ނޫހުގެ މެނޭޖްމަންޓުން އުފެއްދި "މިހާރު" ނޫހުގެ އެޑިޓަރުކަން ކުރެއްވީ ވެސް މޫސަ އެވެ. އޭނާ ނޫސްވެރިކަމުގައި މުޅިން އާ ދަތުރެއް ފެއްޓެވީ 2021 ވަނަ އަހަރު "ދައުރު" ގެ ނަމުގައި ފެށްޓެވި ނޫހާ އެކު އެވެ.
މޫސަ އަކީ ރާއްޖޭގެ މަގުބޫލު ކޮލަމިސްޓެއް ވެސް މެ އެވެ. އޭނާ އަކީ ފީޗާ ލިޔުއްވުމުގެ ވެސް މާހިރެކެވެ. ހާއްސަކޮށް "ހަވީރު" އިން ނެރުނު މަޖައްލާ "ހުވާސް" އަށް މޫސަ ލިޔުއްވި ފީޗާ ލިޔުންތައް ވަރަށް ގިނަ ކިޔުންތެރިން ވަނީ ބަލައިގަނެފަ އެވެ. ރާއްޖޭގެ ނޫސްވެރިކަމުގައި ކުރިން ލިޔެ އުޅުނު މަޒުމޫނު ސްޓައިލްގެ ލިޔުންތައް ޒަމާނީ ކުރެއްވި އެއް ލިޔުންތެރިޔަކީ ވެސް އޭނާ އެވެ. ކުޅަދާނަ ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި ވެސް ފާހަގަކުރެވޭ މޫސަ ވަނީ ފެބްރުއަރީ 2012 ގައި ރާއްޖޭގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުމާ ގުޅޭގޮތުން "ހަތެއް ފެބްރުއަރީ" ނަމުގައި ފޮތެއް ވެސް ލިޔުއްވައިފަ އެވެ.
ލައިފްޓައިމް އެޗީވްމަންޓް އިނާމު ދެން ހާސިލްކުރެއްވި ފެއަރީ ޒާހިރަކީ ވެސް ރާއްޖޭގެ ނޫސްވެރިކަމުގެ ބްރޭންޑް ނަމެކެވެ. ޓީޗަރެއްގެ ވަޒީފާގައި އުޅުއްވަމުން "ހަފުތާ" ނޫހަށް ލިޔުއްވަން ފަށްޓަވައި، މި ދާއިރާ އަށް ވަދެވަޑައިގެންނެވި ޒާހިރުގެ ތަރި އެރީ 1984 ވަނަ އަހަރު ދުވަހު "އާފަތިހަ"ށް ލިޔުއްވަން ފެށްޓެވި ހިސާބުންނެވެ. އޭނާގެ އެންމެ ހާއްސަ ދާއިރާއަކަށްވީ ބޭރު ދުނިޔެ އާއި ބޭރުގެ ކުޅިވަރެވެ. އޭނާ ވަނީ ޓެލެވިޝަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑަށް ވެސް ބޭރު ހަބަރު ތަރުޖަމާކޮށްދެއްވައިފަ އެވެ.
ސަރުކާރުން ދެއްވި ފުރުސަތެއްގައި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނިވާސިޓީން އެޑިއުކޭޝަން އެންޑް މާސް މީޑިއާގެ ރޮނގުން އެއް އަހަރުގެ ކޯހެއް ވެސް ފުރިހަމަކުރެއްވި ޒާހިރު ވަނީ، ސަރުކާރުގެ އިސް ބޭފުޅުންނާއި، ރާއްޖެ ވަޑައިގަންނަވާ އިއްޒަތްތެރިންނާ ވަރަށް ގިނަ އިންޓަވިއު ކުރައްވައިފަ އެވެ.
އެ ހުރިހާ ތަޖުރިބާތަކާ އެކު، ޒާހިރުގެ ނޫސްވެރިކަމުގެ ކުރިބޯއްޓަކީ، "އާފަތިސް" ނޫހުގެ އެޑިޓަރުކަން ލިބިވަޑައިގަތުމެވެ. އޭނާގެ އެޑިޓަރުކަމުގެ ދަށުން އެންމެ ބޮޑަށް މަސައްކަތްކުރެއްވީ އާ ނޫސްވެރިން އުފެއްދުމަށެވެ.
ޒާހިރު ވަނީ އެ ދުވަސްވަރު ނުރަސްމީ ތައުލީމު ދޭ މަރުކަޒުން ނެރުނު ދެ މަޖައްލާއެއް ކަމަށްވާ "ޖަމާއަތުގެ ހަބަރު" އަދި "ހޮޅުއަށި" ގެ އެޑިޓަރުކަން ކުރައްވައިފަ އެވެ. ހާއްސަކޮށް، އޭރު މުޅި ރާއްޖެ އަށް ހިލޭ ބަހާ "ޖަމާއަތުގެ ހަބަރު" ގައި އޭނާ ކުރެއްވި މަސައްކަތް ފާހަގަކުރެވެ އެވެ. އެ މަޖައްލާއަކީ އިޖުތިމާއީ ކަންކަމާއި، ތައުލީމާ ގުޅޭ ކަންކަމުގައި އޭރު އާއްމުން ހޭލުންތެރިކުރުވުމުގައި މުހިއްމު ދައުރެއް އަދާކުރި މީޑިއާގެ ވަސީލަތެކެވެ.
ނޫސްވެރިކަމުގެ ރޮނގުން ޒާހިރު ކޮށްދެއްވާފައިވާ ހިދުމަތްތައް ބަލައިގަނެ ދިވެހި ސަރުކާރުން ވަނީ އޭނާ އަށް 1996 ވަނަ އަހަރު އާއްމު ހިދުމަތުގެ އިނާމު ދެއްވައިފަ އެވެ. އަދި ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެމްއެމްސީ އިން އޭނާ އަށް ނޫސްވެރިކަމުގެ ރަން ގަލަން އެރުވި އެވެ.