ތިމަރަފުއްޓާއި ފުވައްމުލަށް ޕޮއިންޓްގެ ގޮތުން ހަމަހަމަވުމުން ގުރުއަތުލައިގެން، ފުވައްމުލަށް ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ދެވަނަ ބުރުގެ ގުރޫޕް އީ ގައި، ގުރައިދޫން ވަނީ ތިމަރަފުށި އަދި ފުވައްމުލައް ވެސް ބަލިކޮށް، އެއްވަނައިގައި ކުއާޓާއިން ޖާގަ ހޯދައިފަ އެވެ.
ފުވައްމުލަކާއި ތިމަރަފުށި ކުޅުނު މެޗު އެއްވަރުވެ، ދެ ޓީމު ވެސް ޕޮއިންޓްގެ ގޮތުން ހަމަހަމަވުމުން، މުބާރާތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް ގުރު ނެގުން ކުރިއަށް ގެންދިޔަ އެވެ.
ދެ ޓީމުގެ އޮފިޝަލުންގެ ހާޒިރުގައި ކުރިއަށްގެންދިޔަ ގުރު ދިމާވެ، މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ފުވައްމުލަކަށް ލިބުނީ އެވެ. ތިމަރަފުއްޓަށް ޖެހުނީ ކަރުއެލުވާލާފައި މުބާރާތުން ވަކިވެގެންދާށެވެ.
ކުއާޓާގައި ފުވައްމުލަށް ވާދަކުރަން ޖެހޭނީ ގުރޫޕް އެޗްގެ އެއްވަނަ ހޯދާ ޓީމަކާ ދެކޮޅަށެވެ. އެ ގުރޫޕުން ރ. އަލިފުއްޓާއި މާލެ ވަނީ ކުއާޓާއަށް ދަތުރުކޮށްފަ އެވެ. އަލިފުއްޓާއި، މާލެ ހޯމަ ދުވަހު ކުޅޭ މެޗުން އެ ގުރޫޕްގެ އެއްވަނަ ކަށަވަރުވާނެ އެވެ.
މިއަދު ކުޅެން ހަމަޖެއްސި އެ މެޗު މާދަމާއަށް ފަސް ކުރީ މާލެ ޓީމުގެ ދެ ކުޅުންތެރިޔެއްގެ ރަށްވެހިކަމުގެ މައްސަލައިގައި ޅ. ކުރެންދޫން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.