ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އޮފީހުގެ ތެރޭގައި ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ކުރެއްވި ކަމަށް އެ ޑިޕާޓްމަންޓުގެ އިސް ބައެއް ބޭފުޅުން މިއަދު އިއުތިރާފު ވެއްޖެ އެވެ.

ގިނަ އަދަދެއްގެ މީހުންގެ ޒާތީ މައުލޫމާތު ހުއްދަ ނެތި ބޭނުން ކޮށްގެން ޕީއެންސީ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީ ކުރާ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އައިޑީކާޑު ހެއްދުމާއި އެ މައުލޫމާތު ރައްކާ ކުރުމުގެ މަސައްކަތް ކުރާ ޑީއެންއާރުގެ ތެރޭގައި އެ މަސައްކަތް ކުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ލީކުވި އެވެ.

އެ ފޮޓޯތަކުން ހޯމް މިނިސްޓަރު އަލީ އިހުސާނާއި އެ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންތަކެއް ފެނެ އެވެ.

"ވަގު ފޯމް"ތަކުގެ މައްސަލަތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ފުލުހުން ތަހުގީގު ކުރަމުން ދަނިކޮށް ޑިއެންއާރުން މިއަދު ވަނީ އެ އިދާރާގައި މަސައްކަތް ހިނގާ ގޮތް ދައްކާލަން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުން ފެށުމުގެ ކުރިން މިނިސްޓްރީން ވަނީ ތުހުމަތުވާ ފޮޓޯތައް ނަގާފައި ހުރި ޑީއެންއާރުގެ މީޓިން ރޫމަށް ނޫސްވެރިން ވައްދައިފަ އެވެ.

ޑީއެންއާރް ތެރޭގައި ޕީއެންސީ ފޯމް ފުރުމުގެ މަސައްކަތް ކުރަނީ--
ޑީއެންއާރް ތެރޭގައި ޕީއެންސީ ފޯމް ފުރުމުގެ މަސައްކަތް ކުރަނީ--

އެ އަށް ފަހު، ޑީއެންއާރު އޮފީސް ދޮރުމަތީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަން ހުންނެވީ ވެސް ޕާޓީ ފޯމް ފުރަމުން ދިޔަ ކަމަށް ތުހުމަތުވާ ފޮޓޯތަކުގައި ފެންނަ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަޖީދު އިބްރާހިމާއި ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަލީ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން މަޖީދު ވިދާޅުވީ ނޫސްވެރިންނަށް ދައްކާލީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ މީޓިން ރޫމް ކަމަށެވެ. އެއީ ޑީއެންއާރްގެ ތެރޭގައި ވަކިން އިންނަ މީޓިން ރޫމެއް ކަމަށާއި އެހެން ޑިޕާޓްމަންޓުތަކުން ވެސް އެދިއްޖެ ނަމަ އެ މީޓިން ރޫމް ބޭނުން ކުރަން ދޭނެ ކަމަށް މަޖީދު ވިދާޅުވި އެވެ.

"އެ ތަނުގެ ތެރޭގައި އަޅުގަނޑުމެން ގެންގޮސްފައި އޮތް މަސައްކަތެކޭ އިޝާރަތް ތި ކުރައްވާ މަސައްކަތަކީ، މި ދެންނެވި ބީދައިން ވަކިން ހުރި މީޓިން ރޫމެއްގެ ތެރެއިން ކުރެވިފައި ހުރި މަސައްކަތެއް،" މަޖީދު ވިދާޅުވި އެވެ.

އެ މައްސަލާގައި ނޫސްވެރިން އިތުރަށް ސުވާލު ކުރުމުން އޭނާ ވިދާޅުވީ "މިނިސްޓަރު އަލީ އިހުސާން އިސްވެ ހުންނަވައިގެން" އެ މިނިސްޓްރީގެ ދަށުގައި ހުރި މުއައްސަސާތަކަށް ނިސްބަތްވާ ސިޔާސީ މީހުން ހިމެނޭ "ހޯމް ޓީމެއް" ގެ ފަރާތުން ޕީއެންސީ އަށް ފޯމްތައް ފުރާފައިވާ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުގައި މިއަދު ދައްކާލި މީޓިން ރޫމްގައި ޕިއްޒާ އަތުރާފައި.
ނޫސްވެރިންގެ ބައްދަލުވުގައި މިއަދު ދައްކާލި މީޓިން ރޫމްގައި ޕިއްޒާ އަތުރާފައި.

ޑީއެންއާރުގެ ޑޭޓާ ބޭސްއަކީ ވަރަށް ބޮޑު އަދަދެއް ކަމަށާއި ތުހުމަތުވާ ކަންކަން ކުރި ނަމަ އެ އަށް ވުރެ ގިނަ ފޯމު ލިބޭނެ ކަމަށް މަޖީދު ވިދާޅުވި އެވެ.

"މިނިސްޓަރު ކުރިޔަށް ގެންދެވީ ވަރަށް އިންތިޒާމް ކުރެވި، ރޭވިފައި އޮތް އެންމެން ވެސް އޭގަ ބައިވެރިވާ ގޮތަށް. މިނިސްޓްރީ އޮފް ހޯމް ލޭންޑްގައި ސިޔާސީ މީހުންގެ ގޮތުގައި ތިބި ހުރިހާ ފަރާތްތަކަށް ވެސް އެ ފަރާތެއް މެދުވެރިކޮށް ޕާޓީ އަށް މެންބަރުން އިތުރު ކުރުމަށްޓަކައި މެންބަރުން ވެއްދުމުގެ ކަންކަން ގެންގޮސްދިނުމަށް އެދިފައި އޮތީ،" މަޖީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓްރީގެ ދަށުން 56 ސިޔާސީ މަގާމެއްގައި ބޭފުޅުން ތިއްބަވާ ކަމަށާއި އެއިން ކޮންމެ ބޭފުޅަކަށް ވެސް "ވީވަރަކުން ފޯމްތައް ގެންގޮސް ދިނުމަށް" އެދިފައިވާ ކަމަށެވެ.

ޑީއެންއާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ސުވާލުކުރަނީ. -- ފޮޓޯ | ފަޔާޒް މޫސާ
ޑީއެންއާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ސުވާލުކުރަނީ. -- ފޮޓޯ | ފަޔާޒް މޫސާ

އެހެންކަމުން ދައުލަތުގެ އިދާރާއެއްގެ ތެރޭގައި ސިޔާސީ ޕާޓީއަކަށް ތާއީދު ހޯދަން ޕާޓީ ފޯމް ފުރުމުގެ މަސައްކަތް ކުރި ކަމަށް އިއުތިރާފް ވަނީތޯ "މިހާރު" އިން ސުވާލު ކުރުމުން އެކަމަށް އެއްޗެއް ޖަވާބެއް ނުދެއްވި އެވެ.

އެހެން ނޫސްވެރިން ވެސް އެ ސުވާލު ތަކުރާރު ކުރެއްވުމުން އެއްވެސް އެއްޗެއް ވިދާޅުނުވެ ޕްރެސް ކޮންފްރަންސް ދޫކުރައްވައި ދެ ބޭފުޅުން ވެސް ވަޑައިގަތެވެ.

އެއަށް ފަހު ހޯމް މިނިސްޓްރީގެ މީޑިއާ ޑިޕާޓްމަންޓާ ހަވާލުވެ ހުންނެވި ބޭފުޅަކު ވަނީ "މިހާ ހިސާބުން ޕްރެސް ނިންމާލީ" ކަމަށް އަންގައިފަ އެވެ.