ރާއްޖޭގެ އެންމެ ބޮޑު އެއްމަހުޖަނު ގާސިމް އިބްރާހީމް ރޭ އެ ވަނީ އޭނާގެ ބަޔޯގްރަފީ ނެރުއްވައި، ފަގީރު ހާލަތުން އޭނާ އެ ހިސާބަށް ކުރެއްވި ދަތުރުގެ ތަފްސީލުތައް ވިދާޅުވެދެއްވައިފަ އެވެ. ތަޖުރިބާކާރު ނޫސްވެރިޔާ މުހައްމަދު ޖަމީލް ލިޔުއްވި މި ފޮތުގައި ގާސިމުގެ ހަޔާތުން ވަރަށް ގިނަ އިބުރަތްތަކާއި ފިލާވަޅުތައް ހިމެނެ އެވެ. އެކަމަކު މި ފޮތުގެ ސަފުހާތަކުގެ ތެރެއިން އެންމެ ހާއްސަވީ ގާސިމް އަމިއްލަ އަށް ލިޔުއްވި އޭނާގެ ބޭފުޅުންނަށް ކުރެއްވި ވަސިއްޔަތެވެ.

ފޮތުގެ އެންމެ ފަހު ބާބުގައި ހިމަނުއްވާފައިވާ އެ ވަސިއްޔަތުގައި ގާސިމް ލިޔުއްވި ގޮތުގައި ކުދިންގެ އަތްމައްޗަށް އޭނާ ދޫކޮށް ލައްވަނީ އެ ކުދިންނާއި ކުދިންގެ މައިންނަށް ވަގުތު ނުދެވި ކުރެއްވި މަސައްކަތުގައި ގުރުބާނީގެ ސަބަބުން ހޯއްދެއްވުނު އެއްޗެއް ކަމަށެވެ.

"އެހެންވީމާ، މި އިންވެސްޓްމަންޓްތައް ތިޔަ ކުދިންގެ މެދުގައި ތެދުވެރިކަމާއި، އިންސާފުވެރި ގޮތުގައި ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެކެވެ،" ގާސިމްގެ ވަސިއްޔަތުގައި ވެ އެވެ.

ގާސިމް ކުދިން ގާތު އެދިވަޑައިގަތީ މިއީ އެ ކުދިންގެ މިލްކެއް ކަމަށް ވިޔަސް އެ މުދަލާއި ފައިސާ ހޯދުމަށް އޭނާ ވެވަޑައިގެންނެވި ގުރުބާނީ ހިތުގައި ބާއްވައިގެން ގައުމަށް ފައިދާކުރާނެ ގޮތަކަށް އެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށެވެ.

"(އަޅުގަނޑުގެ) ވަސިއްޔަތަކީ، ކުދީން ބައިބައިވެގެން ނުދިއުމެވެ. އެއް ކުއްޖަކު އަނެއް ކުއްޖަކަށް އަޅާލުމެވެ. އެކީގައި އުޅޭއިރު ހިތްހަމަނުޖެހޭ ކަންތަކާ ދިމާވިޔަސް ކެތްތެރިވުމެވެ. ވިސްނުންތެރިވުމެވެ،" ގާސިމް ލިޔުއްވާފައިވެ އެވެ.

"ހިތްހަމަނުޖެހޭ ކަންކަމާ ދިމާވުމުން ވަކިވެގެން ލިބޭ އެއްޗެއް ހިފައިގެން ގޮސް އުޅޭއިރު، ވަރަށް ގިނަ ފަހަރަށް ކާމިޔާބު މަސައްކަތަކާ ހަމަށް ނުދެވިދާނެ އެވެ."

ގާސިމް އޭނާގެ އަންހެނުން ރާބިއާ (ކ) އާއި ބައެއް ކުދިންނާ އެކު އުފަން ދުވަހު ކޭކެއް ފަޅަނީ.
ގާސިމް އޭނާގެ އަންހެނުން ރާބިއާ (ކ) އާއި ބައެއް ކުދިންނާ އެކު އުފަން ދުވަހު ކޭކެއް ފަޅަނީ.

ގާސިމް އޭނާގެ ކުދިންނަށް ލިޔުއްވި ގޮތުގައި އޭނާގެ ހަޔާތުގެ އެންމެ މުހިއްމު އެއް ބަޔަކީ އިންސާނިއްޔަތަށް އެހީތެރިވުމެވެ. އަދި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އަނިޔާތަކާއި ހުރަސްތަކާ އެކު ވެސް ގައުމާއި ރައްޔިތުންނަށް ހިދުމަތްކުރުމަކީ އޭނާގެ ހަޔާތުގެ މުހިއްމު ބައެއް ކަމަށާއި އެންމެ ފަހު ނޭވާއާ ހަމަޔަށް ވެސް އެކަން ދެމި އޮންނާނީ އެހެން ކަމަށް ވިދާޅުވި އެވެ.

"ދަރިފުޅުމެންގެ ކާފަ ބުރުމާ އިބްރާހީމްގެ ފަރާތުން ބައްޕަ އަށް ލިބުނު އެންމެ މުހިއްމު ފިލާވަޅަކީ ދަތި ހާލުގައި ޖެހިފައިވާ މީހުންނަށް ވެވުނު ވަރަކުން އެހީވުމެވެ. ތިޔަ ކުދިން ވެސް ބައްޕަގެ ވަސިއްޔަތެއްގެ ގޮތުގައި ދެކެންވީ އަބަދުވެސް ދަތި ހާލުގައި ޖެހިފައިވާ މީހުންނާ މެދު ރަހުމުކޮށް އެހީތެރިވުމުގެ އަތްތިލަ ހުޅުވާލައިގެން ތިބުމެވެ. އިސްރާފު ނުކުރުމަށެވެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އޭނާގެ ވަސިއްޔަތުގައި، އާއިލީ ކަންކަމުގެ އިސް މަސްއޫލިއްޔަތު ހަވާލުކުރައްވާފައި އޮތީ 14 ކުދިންގެ ތެރެއިން ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް ސިޔާދު ގާސިމްއާ އެވެ. ހުރިހާ ކުދިން އޭނާ އަށް އެހީތެރިވެ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ވަޑައިގެން، އޭނާ ނެތް ދުނިޔެއެއްގައި ދެން އެންމެ ރަނގަޅަށް ހަރުދަނާކޮށް ކަންތައްކުރާ ކުއްޖަކު އިސްވެ އޭނާގެ ފަހަތުން ދިއުމަށް އެދިވަޑައިގެންފައިވެ އެވެ.

"ގާތް މީހަކު ކަމެއް ގޯސްކުރަން ނަސޭހަތް ދިނަސް އެ ކަހަލަ ކަންތައްތަކުގައި ބައިވެރި ނުވާށެވެ. އަދި ބަޔަކު ނުބައި ރޭވުމެއް ރާވައިގެން ދެރައެއް ދޭން އުޅުނަސް، އެ ބަޔަކަށް ބަދަލުގައި ދެރައެއް ދޭން ނުވިސްނާށެވެ. ވިސްނަންވީ ހަމައެކަނި އެކަމަކުން ސަލާމަތްވެވޭނެ ގޮތެއް ހޯދައިގެން ސަލާމަތްވުމަށެވެ،" ގާސިމްގެ ބޭފުޅުންނަށް ހާއްސަ ކުރެއްވި ނަސޭހަތުގައި ވިދާޅުވި އެވެ.

ގާސިމްގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް ސިޔާދު ގާސިމް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ގާސިމްގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް ސިޔާދު ގާސިމް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގާސިމް ވަނީ އޭނާގެ ބޭބޭފުޅުންގެ މަންމައިންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ. ގާސިމް ލިޔުއްވި ގޮތުގައި އޭނާ މަސައްކަތުގައި އަވަދިނެތި އުޅުއްވިއިރު، ދަރިން ތަރުބިއްޔަތުކުރުމާއި ބޭބޭފުޅުންގެ ކަންކަމުގައި އެންމެ ބޮޑު ގުރުނާބީއެއްވީ މައިން ކަމަށާއި މުޖުތަމައުގެ ނުބައި އޮއިވަރުތަކުގެ ތެރޭގައި ކުދިން ޖެހުނަ ނުދީ ގައުމަށް ހިދުމަތްކުރެވޭ ފަދަ އިލްމީ، ގާބިލް އަދި ހިތްހެޔޮ ދަތިންތަކަށް ހަދައިދިނީ ވެސް މައިން ކަމަށެވެ.

"ބައްޕަ އަށް ކޮށްދެވުނު ކަމަކީ ތިޔަ ކުދިންގެ ކަންކަމަށް ކުރަން ޖެހުނު ހަރަދުތަކުގައި ދަތިވިޔަ ނުދިނުމެވެ. ލިބިފައިވާ ތަނަވަސްކަމާއި އެކު ވެސް މަޖާކުރުމާ، ވަގުތު ބޭކާރުކުރުމުގައި، ހައްދު ފަހަނައަޅައި ދިޔަ ނުދީ، ދެއްކުންތެރިކަން އިސް ކުރިޔަނުދީ، ލިބޭ އެއްޗަކުން ދެކޮޅު ޖައްސައި، ސާދާ ދިރިއުޅުމަކަށް ތިޔަ ކުދިން މިސްރާބު ކުރެވޭތޯ ބެލީމެވެ،" ޖުމްލަ 8 ކައިވެންޏެއް ކުރެއްވި ގާސިމް ލިޔުއްވި އެވެ.

ގާސިމް އޭނާގެ ކުދިންގެ މައިންގެ ކިބައިން އެދިވަޑައިގަތީ އެއް ކުއްޖަކު އަނެއް ކުއްޖަކަށް ހަސަދަވެރިކަން އުފެދިދާނެ ފަދަ ކަމަކަށް މަގު ތަނަވަސްވިޔަ ނުދީ، އުފާވެރި، ސުލްހަވެރި ހަޔާތެއްގައި އެ ކުދިން އުޅުމަށް ނަސޭހަތްތެރިވުން މަތީގައި ދެމި ތިބުމަށެވެ.

ގާސިމްގެ ނަސޭހަތަކީ އޭނާ ބިންގާ އެޅުއްވި ކަންކަން ކުދިން ކުރިއަށް ގެންދެވުމެވެ. އިސްލާމް ދީނުގައި އަންގަވާފައި އޮތް ގޮތަށް ދީނާއި މައިންބަފައިންނާއި އަހުންނާއި އުހުތުންނާއި ގާތް ތިމާގެ މީހުންނަށް ރައްޓެހިންނާއި ނިކަމެތިންނަށް ހެޔޮކޮށް ހިތާ ބަޔަކަށް ކުދިން ވުމެވެ.

"ކާމިޔާބީގެ ތަޅުދަނޑިއަކީ އެއީ އެވެ،"