ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބަޔަކު އަޅުކަމުގައި.
21 އެޕްރީލް 2025 - 12:31
ހައްޖު ދަތުރަށް މި އަހަރު ގެނައި ބަދަލުތަކުން، ސައުދި އަރަބިއްޔާގައި ތިބޭ މުއްދަތު ކުރުވެއްޖެ އެވެ.
ރާއްޖެ އިން ހައްޖަށްދާ މީހުންނަށް އަޅުކަމުގައި މީގެ ކުރިން މަސް ދުވަސް ހޭދަވެ އެވެ. އެކަމަކު، މި ފަހަރު ގެނައި ބަދަލުތަކުން ހައްޖުގައި ހޭދަވާނީ ގާތްގަނޑަކަށް 19 ދުވަހެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް "މިހާރު"އަށް މިއަދު ވިދާޅުވީ މަދީނާއަށް މީގެ ކުރިން ޒިޔާރަތްކުރަމުން ދިޔައީ ހައްޖުގެ އަޅުކަމަށް ފަހު ކަމަށެވެ.
މަދީނާގައި މަސްޖިދުއް ނަބަވީ އާއި ކީރިތި ރަސޫލާގެ ގަބުރުފުޅާއި އާސާރީ ތަންތަން ބެލުމަށްފަހު އަނބުރާ މައްކާއަށް އަދި މައްކާއިން ޖިއްދާއަށް ދަތުރުކުރެ އެވެ. އެކަމަކު، އެ ދަތުރުތަކުގެ ބަދަލުގައި މި ފަހަރު މަދީނާ އެއާޕޯޓުން ސީދާ މާލެއަށް ދަތުރުކުރެވޭ ގޮތަށް ބަދަލުކުރީ ކަމަށް ޝަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ބަދަލުތައް ގެނައުމުން ހާޖީންނަށް ދަތުރުކުރުމުގައި ލުޔެއް ލިބޭނެ އެވެ.
"ހައްޖަށް ފަހު ހާޖީން ތިބެނީ ވަރަށް ބޮޑަށް ބަލިވެފައި ކަމަށް ވުމާ އެކު މި ދަތުރުތައް މަދުކޮށްލީމަ ހާޖީންގެ ތަކުލީފުތަކަށް ވަރަށް ބޮޑު ލުއެއް ލިބޭނެ." ޝަކީލް ވިދާޅުވި އެވެ.
މި އަހަރު ހައްޖަށްދާ ފުރަތަމަ ބެޗު އަންނަ މަހުގެ 26 ގައި ފުރާނެ އެވެ. އަނބުރާ ރާއްޖެ އަންނާނީ އަންނަ ޖޫން މަހުގެ 13 ގަ އެވެ. އެހެންވެ، މި ފަހަރު ގާތްގަނޑަކަށް ހައްޖަށް މި ލިބެނީ 19 ވަރަކަށް ދުވަހެވެ.
އެކަމަކު، ގާތްގަނޑަކަށް މަސް ދުވަހަށް ހައްޖަށް ދާން މީގެ ހައެއްކަ އަހަރު ކުރިން ފައިސާ ދައްކައި އަދި އެ މުއްދަތު ކުރު ކުރިއަސް ރިފަންޑު ނުލިބޭތީ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކަމާ ގުޅިގެން ޝަކީލް ވިދާޅުވީ ހައްޖަށް އަގު ނަގާފައިވަނީ އޭގެ އަޅުކަމަށް ކަމަށެވެ. އެއީ ވަކި މުއްދަތަކަށް ނަގާ އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެކުރިން ވެސް ހަމަ ދޭ ހުރިހާ ހިދުމަތްތަކެއް ދޭނެ. ދަތުރުން ނަގާ 2-3 ދުވަސް މަދު ވާނީ މިހާރު،" ޝަކީލް ވިދާޅުވި އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނުން ހައްޖު ދަތުރަކަށް މީހަކަށް ނަގަނީ 69,965ރ. އެވެ.
ކިއު ކުޑަކުރަން މިދިޔަ އަހަރުން ފެށިގެން ސަރުކާރުން އަންނަނީ ހައްޖު ކޯޓާ ސަރުކާރުގެ ކުންފުންޏަށް އެކަނި ދެމުންނެވެ. އޭގެ އިތުރުން ހައްޖު އުސޫލަށް މި އަހަރު ގެނައި ބަދަލުން، އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަންދޭން ޖެހެ އެވެ. އަދި ހައްޖު އަޅުކަން އަދާކޮށްފައިނުވާ މީހުންގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނަށް ހައްޖު ކޯޓާގެ ވަކި ޕަސެންޓެއް ހާއްސަކުރަން ވެސް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުންގެ އަޑު
23 April 2025
ގްރޫޕްތަކަށް ކޯޓާ ނުދީ ހުރިހާކަމަކުން ވައްކަން ހައްޖުގެ މަތިވެރި އަޅުކަން ކުރުމުގެ ކުރިން ތިދަތުރުތަށް ކުރީމާ ހައްޖުގެ މަތިވެރި އަޅުކަން ކުރަން ވާއިރު ތިބޭނީ ރޮންގާޖެހި. ބަލިވެފަ. ރައްޔިތުންގެ ފައިދާއަށް ކުރާކަމެއްނޫން ވިޔަފާރީގެ ފައިދާއަށްޓަކައި ކުރާކަމެއް
ދިރާސާ ދަރިވަރު
22 April 2025
މި ލިޔުން ކިޔާލުމުން ހުތްޖަތެއްގެ ގޮތުގައި ބަޔާންކޮއްފައި މިއޮތީ ހާޖީން ވަރުބަލި ވާނެތީކަމަށް.ހައްޖަށް ފުރާމީހުންނަށް އެމީހުން ވަރުބަލިވާނެކަން ނޭގިގެންތަ އެމީހުން އެއުޅެނީ. އެއީހަމައެކަނި އުޒުރެއްކަމަށް ބަލައިގެން ދިހަވަރަކަށްދުވަސް ހައްޖުދަތުރުން އުނިކޮށްލުމަކީ ބަލައިގަނެވޭނޭ އަދި ޤަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށް ދެކެން. ކޯޓަށްގޮސްގެންވެސް ހައްލު ހޯދަންޖެހޭވަރުގެ ބޮޑު ވަކީލެއް ނަގައިގެންކުރަންޖެހޭ ވަރުގެ ފުންނާބުއުސް ކަމެއް ތިއީ.ކަޑަނިންމުމެއް
ވަކީލްް
22 April 2025
ކުރިން ފައިސާ ދައްކާފަތިބި މީހުންނަށް ތިޔަހެނެއް ނެހެދޭނެ. އެހެނެއްނޫން ތިޔަކަން އިއުލާން ކުރުމަށްފަހު ހައްޖަށްދާން ފައިސާ ދައްކާ މީހުން ހޭދަކުރާދުވަސް މަދުކުރެވިދާނެ. ކޯޓަށްދާން ގޮވާލަން.
ޙައްގު ބާައްވާ
23 April 2025
ކޯޓުގަ ތިބީ ޔަހޫދިއްޔަތު ކިޔަވައިގެން ތިބި މީހުން..ދެފޮޅުވަތް ދޭތެރެއަށް ފިއްޔަކާ އަކުރެއް އިތުރު ނުކުރެވުނިއްޔާ މަދުކޮށް ގެން ވިޔަސް މަގާމު ދިފާއު ކުރާނެ.
ސައިކަލް ޓެކްސީ
22 April 2025
"ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނުން ހައްޖު ދަތުރަކަށް މީހަކަށް ނަގަނީ 69,965ރ. އެވެ." މީ ހަމަ ރަނގަޅު އަދަދު ބާ؟ 70 އެތަެއް ހާހެއް ދައްކަންޖެހުނު ވާހަކަ އަޑުއެހިން.
ދޮން ހަސަނު
21 April 2025
2،3 ދުވަހެއް ނޫނެއްނުން ތި މަދުވަނީ. ޖުމްލަ 10 ވަރަކަށް ދުވަސް ތި މަދުވަނީ. އަދި އެ ދެމެދު ކުރާ ވަރަށް ގިނަ އެއްގަމު ދަތުރުތައް. ވީމާ 10 ދުވަހުގެ ހުރުމުގެ ޙަރަދާއި އެ ދަތުރުތަކުގެ ޙަރަދަވެސް ހިމެނިގެންތާ ކުރިން އަގުނަގާފަވާނީ.
ކަޑަ11
21 April 2025
ހާދަ ދަރުމައަކާ ސަވާބެކޭ ތި ގެއްލެނީ. ތި ގޮތް ކަމަކު ނުދޭ. ވީހާވެސް ދަރުމަ ހޯދަން މިދަނީ ބޮޑު އަގުދީފަ.
އިބްރާހިމް7773991
21 April 2025
ޙައްޖު އަޅު ކަމަށް ދައްކާ ރުފިޔާއިން ވިޔަފާރި ކޮށް ބޮޑެތި ބިން ގަނެ ފައިދާ ބޮޑު ކުރަން ބޭނުން ވީމާ މިހެންވެސް ހަދާނެ،
ޕޫރުބެ
21 April 2025
ޝަކީލު! ހަމަބުއްދީގަތޯ ތިހުންނެވީ؟ ހުރިހާކަމެއްގަވެސް އޮޅުވާލުން! އެއްކަމެއް ނެތް ތެދުނިޔަތުގައި ތެދުބަހުން ކުރާ!
އަބްޑޫޅް +
21 April 2025
ފާނަބަސަނދު ޖެހުން ދުރުވާނެ ދޯ؟
އިހްސާސް
21 April 2025
2 ނުވަތަ 3 ދުވަހު ސައުދީން ޙައްޖާޖީންނަށް ކޮޓަރި މީގެކުރިން ދީފަހުރީ ހިލޭތަ؟ ސައުދީގައި ތިބޭއިރު ހޮޓާ ހުންނާނީ އެބަޔަކު ތިބޭ ދުވަހަކަށް ފައިސާދޭގޮތަށް ނޫންތަ؟ ދެން ދުވަސްމަދުވީމަ ދައްކަންޖެހޭ ފައިސާވެސް މަދުވާންޖެހޭނެ ނޫންތޯ؟