ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިނާޔާ، މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
05 މެއި 2025 - 11:36
ރާއްޖޭގެ ފުރަތަމަ އަންހެން ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، އެ މަގާމުން ވަކިވެވަޑައިގެންފި އެވެ.
މަގާމުން ވަކިވެވަޑައިގަތްކަން ހާމަކުރައްވައި، ފޮރިން މިނިސްޓްރީގެ މުވައްޒަފުންނަށް ފޮނުއްވި މެސެޖެއްގައި އިނާޔާ ވަނީ ފޮރިން ސެކްރެޓަރީގެ މަގާމުން ވަކިވެވަޑައިގަތަސް، މިނިސްޓްރީގެ ސެކްރެޓަރީގެ މަގާމުގައި އަދިވެސް ދެމިހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް، ފޮރިން ސެކްރެޓަރީގެ މަގާމުން އޭނާ ވަކިކުރީ ކަމެއް ނުވަތަ އަމިއްލައަށް އިސްތިއުފާ ދެއްވީ ކަމެއް ސާފެއްނުވެ އެވެ.
ފޮރިން ސާވިސް ގާނޫނު ބުނާ ގޮތުން ފޮރިން ސެކްރެޓަރީގެ މަގާމުގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ. އެކަމަކު، އޭގެ ކުރިން އެ މަގާމުން އިނާޔާ ވަކިވެވަޑައިގެން ކުރިން ހުންނެވި ސެކްރެޓަރީގެ މަގާމުގައި ދެމިހުންނަވަން ނިންމެވިއިރު، ފޮރިން ސެކްރެޓަރީ ކަމަށް ވަރަށް އަވަހަށް އެހެން ބޭފުޅަކު ހަމަޖައްސަވާނެ ކަމަށް "މިހާރު" އަށް އެނގިފައި ވެ އެވެ.
ފޮރިން ސެކްރެޓަރީގެ މަގާމަށް ހަމަޖައްސަވަނީ ސެކްރެޓަރީންގެ ތެރެއިން ބޭފުޅެކެވެ. އަދި ފޮރިން ސާވިސްގައި ސެކްރެޓަރީންނަކީ އެ ދާއިރާގެ އެންމެ އިސް މަގާމު ވެސް މެ އެވެ.
ހާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އިނާޔާ ފޮރިން ސެކްރެޓަރީއަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު، 2023 ގަ އެވެ. އެ މަގާމަށް އިނާޔާ ހަމަޖެއްސެވުމާ ހަމައަށް ހުންނެވީ ޑެޕިއުޓީ މިނިސްޓަރަކަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އިނާޔާ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އެވެ. އަދި ފޮރިން މިނިސްޓްރީއާ އަލުން ވަޑައިގަތުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގަ އެވެ.
އިނާޔާ ވަނީ އޮސްޓްރޭލިއާގެ ސިޑްނީ ޔުނިވާސިޓީން އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް އެފެއާޒް އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަހާއަބުދޫ
05 May 2025
އެއްވެސް ފެންވަރެއް ހުރިފަރާތެއް ނޫން، މާ ލަސްވެސްވެއްޖެ މަޤާމުން ވަކިކޮށް ނުލަނީސް ވަކިވިކަން، ފޮރިން މިނިސްޓްރީގެ ހަލާކަކީތީ ކުރިން ރައީސް ޔާމިންގެ ދައުރުގައިވެސް މުޅިމިނިސްޓްރީ ގައި ފަނި ފަކްސާއެޅުވި ފަރާތް،