ޕްރައިވެޓް ސެކްޓަރުގެ ކުންފުނިތައް އޮޑިޓްކުރާ އެކްސްޓާނަލް އޮޑިޓަރުން ކުރާ މަސައްކަތުގެ ފެންވަރު ބަލައި މުރާޖައާ ކުރުމަކީ ކޮންމެެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަން ގަވައިދުން ނުކުރެވޭ ނަަމަ ބޮޑު ގެއްލުމެއް ވެދާނެ ކަމަށް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް)ގެ ރައީސް މުހައްމަދު ހަލީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ސީއޭ މޯލްޑިވްސް އަކީ ގާނޫނަކުން އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ.

"މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025" ފެށުމުގެ ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ އަމިއްލަ ކުންފުނިތަކަށް އެކްސްޓާނަލް އޮޑިޓްގެ ހިދުމަތްދޭ އޮޑިޓަރުންގެ މަަސައްކަތުގެ ފެންވަރު ބެލުމަކީ ސީއޭ މޯލްޑިވްސްގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. އެ ޒިންމާ އަދާކުރަން އެހެންވެ، ދައުލަތުގެ މަަދަދު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ކެޕިޓަލް މާކެޓާއި ސްޓޮކް އެކްސްޗޭންޖު އަދި އިންވެސްޓް ކުރުމުގެ އެކިއެކި ހަރަކާތްތައް ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުން ކަމަށާއި އެފަދަ މުއާމަލާތްތަކުގެ ސައްހަކަށް ކަށަވަރުކުރަން ވެސް ބޭނުންކުރަނީ އޮޑިޓަރުން ކުރާ އޮޑިޓްކަން ހަލީމް ކުރެއްވި އެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025 ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ބައިވެރިވެވަޑައިގަންނަވަނީ..---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025 ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ބައިވެރިވެވަޑައިގަންނަވަނީ..---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ވީއިރު އޮޑިޓަރުން ކޮށްފައިވާ މަސައްކަތްތަކުގެ ކޮލިޓީ ރިވިއު ހެދުމަކީ ކޮންމެހެން ވެސް ކުރަން ޖެހިފައިވާ މަސައްކަތެއްކަން ފާހަގަކުރަން. މި ކަންތައް ގަވައިދުން ނުކުރެވިއްޖެ ނަމަ މިކަމަށް އެކަށީގެންވާ ސަމާލުކަމެއް އަޅުގަނޑުމެންނަށް ނުދެވިއްޖެ ނަމަ ހީވެސް ނުކުރާ ވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަން އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އޮޑިޓަރުންގެ މަސައްކަތުގެ ފެންވަރު ސީއޭއިން ބަލައި ވަޒަން ކުރަން ޖެހޭ އެހެން ބައެއް ސަބަބުތައް ވެސް ހަލީމް ވިދާޅުވެދެއްވި އެވެ. އެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ދައުލަތަށް ޓެކުހުގެ ގޮތުގައި އާމްދަނީ ލިބެނީ ހަގީގަތުގައި ލިބެން ޖެހޭ ވަރުކަން ކަށަވަރު ކުރުމުގައި އޮޑިޓަރުންގެ ދައުރެވެ.

"ދައުލަތަށް ލިބޭ އާމްދަނީ އާއި ޓެކުސްގެ އަދަދު ބިނާވަނީ އޮޑިޓަރުން އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ މައްޗަށް. މިފަދަ މާލީ ހިސާބުތައް އޮޑިޓް ކުރުމުގައި އޮޑިޓަރުން އަމަލުކޮށްފައި ވަނީ އިންޓަނޭޝަނަލް އޮޑިޓިން ސްޓޭންޑާޑްތަކާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށްތޯ ބެލުމަކީ ދައުލަތަށް ލިބޭ އާމްދަނީގެ އިންސާފުވެރިކަން ޔަގީން ކުރުމަށް ކޮންމެެހެން ވެސް ކުރަން ޖެހޭ މަސައްކަތެއް،" ހަލީމް ވިދާޅުވި އެވެ.

އޮޑިޓަރުންގެ މަސައްކަތުގެ ފެންވަރު ބަލަންޖެހޭ އަނެއް ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ބޭންކުތަކުން ދޭ ލޯނުތަކާއި ކުންފުނިތަކުން ދޭ ކްރެޑިޓް ބިނާވަނީ ކުންފުނިތަކުގެ މާލީ ހިސާބުތަކުގެ މައްޗަށް ކަމަށް ވުމެވެ. އެހެންވެ، އެފަދަ ހިސާބުތައް އެކުލަވައިލަނީ ދެފުށް ފެންނަ ގޮތަށް އެއްވެސް އޮޅުވައިލުމެއް ނެތި ކަން ކަށަވަރުކުރަން ޖެހޭ ކަމަށް ހަލީމް ވިދާޅުވި އެވެ.

އެކައުންޓަންޓުންގެ މި އަހަރުގެ ފޯރަމްގެ ބައިވެރިން، އެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އެކައުންޓަންޓުންގެ މި އަހަރުގެ ފޯރަމްގެ ބައިވެރިން، އެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެ ސަބަބުތައް އެހެން ހުރުމުން އޮޑިޓަރުންގެ މަސައްކަތް މުރާޖައާ ކުރުމަކީ ރާއްޖޭގެ މާލީ ނިޒާމުގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަން އޭނާ ފާހަަގަކުރެއްވި އެވެ.

އެ މަސައްކަތް ގަވާއިދުން ކުރާ ނަމަ ބައިނަލް އަގުވާމީ މާލީ އިދަރާތަކުގެ އިތުބާރު ރާއްޖެއަށް މިހާރަށް ވުރެ ބޮޑަށް ލިބޭނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތްކުރާ އެކައުންޓެންޓުން ރަޖިސްޓްރީކޮށް ދަފުތަރެއް އެކުލަވައިލުމަކީ ވެސް ސީއޭ މޯލްޑިވްސް އިން ކުރަން ޖެހޭ ކަމެކެވެ. އެ ދާއިރާގައި މަަސައްކަތްކުރާ ދިވެހިންގެ އަދަދާއި ބިދޭސީންގެ އަދަދު އޭރުން އެނގޭނެ ކަމަށާއި ބިދޭސީންގެ އަދަދު ސިސްޓަމެޓިކަލީ މަދުކުރެވޭނީ ވެސް އޭރުން ކަމަށް ހަލީމް ވިދާޅުވި އެވެ.

އެމްއެންޔޫގެ އޮޑިޓޯރިއަމްގައި މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި އަހަރުގެ އެކައުންޓަންޓުންގެ ފޯރަމްގައި 300 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެ އެވެ. މި އަހަރުގެ ފޯރަމްގެ ޝިއާރަކީ "ސްޓްރެންތްނިން ފައިނޭންޝަލް ގަވަނަންސް އެންޑް އެކައުންޓަބިލިޓީ" އެވެ.

ފޯރަމްގެ ޕްލެޓިނަމް ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ.