ށ. ކަނޑިތީމު މޮނިއުމަންޓް-- ފޮޓޯ: ބިނާ / ފޭސްބުކް
12 އޮކްޓޯބަރ 2025 - 10:58
ތާނައިގެ ލިޔުމެއް އެންމެ ފުރަތަމަ ފެނުނު ރަށުގެ ގޮތުގައި ބެލެވިފައިވާ ށ. ކަނޑިތީމުގެ މޮނިއުމަންޓު އެކަމަށް ހާއްސަކޮށް އަދި ރަށުގެ ނަމާ ގުޅުވައިގެން ހަދައިފި އެވެ.
ރަށަށް އަރައި ފައިބާ މީހުންނަށް ދައްކާލަން ބަހައްޓާލާ އެއްޗެއްގެ ބަދަލުގައި ކަނޑިތީމުގެ އެ ބިނާ ހަދާފައި ވަނީ ރަށުގެ ތާރީހާ ގުޅޭ ގޮތަށް އަދި ފަންނުވެރިކަން ވެސް ދައްކުވައިދޭ ގޮތަށެވެ.
ރަށުގެ ނަމުގައި "ކަނޑި" ހިމެނޭއިރު މޮނިއުމެންޓުގެ އެއްކޮޅުގައި ފެންނަނީ ބިމަށް ހަރާލާފައިވާ ކަނޑިއެކެވެ. ހުރަހަށް އޮންނަނީ އެ ކަނޑީގެ އުރަ އެވެ. އޭގައި ރަށުގެ ނަމުގެ އަކުރުތައް ކަމަށްވާ "ކނޑތމ" ލިޔެފައި އޮވެ އެވެ.
ށ. ކަނޑިތީމު މޮނިއުމަންޓް.-- ފޮޓޯ: އިބްރާހިމް ޔާމިން / ފޭސްބުކް
ކަނޑި ރަމްޒުކޮށްދެނީ ރަށުގެ ނަމެވެ. ތާނަ އަކުރުން ލިޔެފައި އޮތީ "ތާނައިގެ ރަށް" އެވެ.
ކަނޑިތީމު ކައުންސިލްގެ ރައީސް އަހުމަދު އަހްސަން ވިދާޅުވީ އެ ހިޔާލު އުފަންވީ ރަށުގެ ޒުވާނުން ހުށަހެޅި ހުށަހެޅުމަކުން ކަމަށެވެ.
"ރަށުގައި މޮނިއުމަންޓަކަށް ބަލާނީ ކޮން ކަމެއްތޯ ބެލިއިރު އެންމެ ގިނަ މީހުންނަށް ވިސްނުނީ މި ރަށަކީ އެެންމެ ދުވަސްވީ، ފުރަތަމަ ތާނައިގެ ލިޔުމެއް ފެނުނު ރަށް ކަމަށް ތާރީހީ ފޮތްތަކުން މި ފެންނަނީ. ކަނޑި މި އިންނަނީ ކަނޑިތީމު ކިޔާތީ، ރަށާ ގުޅުވާލާފައި. ބޮޑަށް އެކަމަކު ޕްރޮމޯޓުކޮށްފައި މި އިނީ ތާނައިގެ ރަށް ގޮތަށް. އޭގައި ލިޔެފައި ހުރި ލިޔުންކޮޅު ވެސް އެންމެ ވައްތަރުވާނީ އެ ފެނުނު ލިޔުންކޮޅުގެ ފޮންޓާ،" ފަސް މަސް ދުވަހުން ނިންމި މޮނިއުމަންޓާ ބެހޭ ގޮތުން އަހްސަން ވިދާޅުވި އެވެ.
ށ. ކަނޑިތީމު މޮނިއުމަންޓް.-- ފޮޓޯ: އިބްރާހިމް ޔާމިން / ފޭސްބުކް
މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން، ތާނައިގެ އެންމެ ކުރީގެ ލިޔުމެއް ފެނިފައިވަނީ ކަނޑިތީމު ގަބުރުސްތާނުގައި ހުރި ހުކުރު މިސްކިތުންނެވެ. މި މިސްކިތުގެ އުތުރުފަރާތު ދޮރުގެ ދެފަރާތުގެ ފިލާގަނޑުގައި ތާނައިން ކަނޑައި ނަގައި ލިޔެފައިވަނީ "ހާހާވިހިވަނައަހަރުފަށްގެލީކަމުހަދާށް" މިހެންނެވެ. އެއީ ހިޖުރައިން 1020 ވަނަ އަހަރު އެ މިސްކިތުގައި ފަންގި ލުމަށް ފަހު، ޖަހާފައި އޮތް ތާރީހެއް ކަމަށް ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ.
"ކަނޑިތީމު-ތާނައިގެ ރަށް" ލިޔެފައިވަނީ މިރަށް ޕްރޮމޯޓް ކުރަނީ އަދި ތައާރަފްކުރަން ބޭނުންވަނީ ވެސް ތާނައަކުރު ފުރަތަމަ ފެނުނު ރަށުގެ ގޮތުގައި ކަމަށް ވާތީ އެވެ. މިއީ "ތާނައިގެ ރަށެއް" ކަން ކަށަވަރުކޮށްދޭ އެހެން ހެކިތައް ވެސް މިރަށުގެ އެހެން ބައެއް ސަރަހަދުތަކުން ފެންނަން އެބަހުއްޓެވެ.
ށ. ކަނޑިތީމު މޮނިއުމަންޓް-- ފޮޓޯ: ބިނާ / ފޭސްބުކް
ށ. އަތޮޅު ކައުންސިލްގެ ކޮމިއުނިޓީ ޕްރޮޖެކްޓެއް ކާމިޔާބުކޮށް އެ ރަށު "ބުލޫ ގްލިޑް ފައުންޑޭޝަން" އާއި "ބިނާ ޓީމު" ގުޅިގެން ހަދަންފެށި އެ ބިނާ އެއްކޮށް ނިންމާލިއިރު ރަށުގެ ވިޔަފާރިވެރިންނާއި ރަށުގެ އަމިއްލަ މީހުން ވެސް އެކަމަށް އެހީވި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"ޖަމިއްޔާ ގްރާންޓް ކިޔާ ގްރާންޓެއް އިންނާނެ އެކި އަތޮޅަށް ދޫކުރާ. ކުރިން 75،000ރ. މިހާރު 100،000ރ. ދޫކުރާނެ. މި ރަށަށް ލިބުނު ގްރާންޓުން ރަށަށް ރަށަށް ރަނގަޅު ކަމެއް، އެހެން ރަށްރަށުގައި ވެސް މިހާރު ހަދާތީ މޮނިއުމަންޓެއް ރަށުގައި ނެތުމުން އަސްލު މި ގޮތަށް ހަދަން ނިންމީ،" އަހުސަން ވިދާޅުވި އެވެ.
ށ. ކަނޑިތީމު މޮނިއުމަންޓް.-- ފޮޓޯ: އިބްރާހިމް ޔާމިން / ފޭސްބުކް
ކައުންސިލުން ބުނި ގޮތުގައި މި މޮނިއުމެންޓުގެ ހުރިހާ މަސައްކަތެއް ވެސް ކުރީ ރަށު ޒުވާނުންނެވެ. އެ ހިޔާލު އުފަން ކުރުމުން ފެށިގެން ޑިޒައިން ކުރުމާއި ކުރެހުމާއި މަސައްކަތުގައި ވެސް އުޅުނީ ރަށުގެ ޒުވާނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާބަސްސް
14 October 2025
ވަރަށް ސަޅި، ވަރަށް ހިތްގައިމު. ދިވެހި ރާއްޖޭގެ ރަށްރަށުގައި ނަން ޖަހަންވާނީ ތާނައިން. އިނގިރޭސިން ލިޔުނަސް ވެސް، ބޮޑުކޮށް އޮންނަންވާނީ ތާނައިން. ތި އިސްނެގުމަށް ފަށްފަށުން ޝުކުރިއްޔާ.
ޢަރުތަ
13 October 2025
ވަރަށް ރީތި، ތީ ވަރަށް މަސައްކަތް، ވެހޭހާ ވާރެއެއްގަ ދޭހާ އައްވެއްގަ މޮނިއުމެންޓް ހުންނައިރު ދިގު މުއްދަތަކަށް ގިނަ އަހަރު ތަކެއް ވަންދެން ހަލާކު ނުވެ ހުންނާނެ ފަދަ މެޓީރިއަލްއެއް ބޭނުންކޮށްގެން ހަދާފަ ހުރި މޮނިއުމެންޓަކަށް ވާނެ ކަމަށް އުއްމީދުކުރަން.
ކިމް
13 October 2025
ކަނޑިއަށްވުރެ ކަނޑީގެ އުރަ ބޮޑަށް ފަވާތީ ކުޑަކޮށް އަޅައިގަނޭ
ގޮނުއަނގަ
13 October 2025
ވަރަށް ސަޅި
ހށނރ
12 October 2025
ތާނަ އެއީ އަރަބި އަދި އިންޑިއާ ނަންބަރުތަކުން އުފައްދާފައިވާ ފަންޑިތަވެރިން ބޭނުންކޮށް އުޅުނު އަކުރުތަކެއް. މުހައްމަދު އަމީނުގެ ވެރިކަމުގަ ސިންހަޅަ އަކުރާއި އެއްގޮތް ދިވެސް އަކުރު އުވާލުމަށް ފަހު އާންމު ކުރި އަކުރެއް. މުހައްމަދު އަމީން ގިނަ ފަންޑިތަ ވެރިންނަށް ލިޔުއްވާފަ ހުރި ސިޓީތައް އަދިވެސް ފެންނަން އެބަ ހުރި
ބޅކއ
12 October 2025
ތާނަ އަކީ އަމީން އައުމުގެ އެތައްސަތޭކަ އަހަރު ކުރިން ބޮޑުތަކުރުފާނުގެ ޒަމާނުއްސުރެ ރާއްޖޭގެ ރަސްމީ އަކުރު.
ގޮނުއަނގަ
13 October 2025
ފަންޑިތަ ވެރިނަށް ވަކި އަކުރަކުން ލިއުއްވިއިރު އެހެން މީހުންނަށް ލިއުއްވީ ކޮންއަކުރަކުންތޯ. އަރަބިން ހިސާބު އަކުރު ލިއުއްވި އަކުރު ބައިން ދިވެހި އަކުރުބައެއް އެކުލަވާލުމަކީ މައްސަލައެއްތޯ. އަމީނުގެ އަކުރުބައިކަމަށް ތިޔަ ވިދާޅުވާ އަކުރުބަޔަކީ ދިވެސް އަކުރަށްވުރެ ލިޔަން ފަސޭހަ އަކުރުބައެއް. ދިވެސް އަކުރު ގިނަ ދިވެހިންނަށް މިހާރު ނުފެނުނަސް އަޅުގަނޑުވެސް ދުށިން "ދިވެސް އަކުރު" ލިޔާ ފޮތް.
ތުރުކީ
12 October 2025
'މޮނިއުމަންޓް" ގެ ފަރުމާ ވަރަށްވެސް ދިވެހި ހިނގޭތޯ. އައްސަރިބަހާ ސާބަސް.
މާލު
12 October 2025
"ހުރަހަށް އޮންނަނީ އެ ކަނޑީގެ އުރަ އެވެ." ކަނޑީގެ އުރަ ހާދަހާ ކުރޭ ދޯ، އެއީ އުރަހެނެއް ހިޔަެއްނުވެ ބޮޑަށް ވައްތަރީ ކަނޑީމުއްގަނޑުގެ ޝީލްޑްހެން އެއީ
ދިގަލި
12 October 2025
ކޮއިފުޅާ ހުރަހަށް އެއޮތީ ތިރީގަ. ރަނގަޅަށް ބަލާފަ ކޮމެންޓްކޮށްބަލަ. ބޯ ހަލާކު
މާލު
12 October 2025
ދިގަލި ...ހުރަހަށް ތިރީގަ އޮތް އެތީގެ ވާހަކަ މިބުނީ، އެމާކުރޭ ކަނޑިޔާ އަޅާބަލާއިރު، ބައެއް ކަނޑީގަ މުއްގަނޑުގެ ޝީލް މުއްގަނަޑުމަތިން އަިސް މުއްގަނޑު ތިރިޔަށްވެސް މީގަ މިވާގޮތަށް ހުރޭ އަދި އެޔާއެކު މުއްގަނޑު މަތީގަ އިތުރު ޝީލްޑެއްވެސް ހުންނާނެ
ސައީދުބެ
12 October 2025
ކަނޑިތީމުގަ ކަނޑިއާއި ގުޅުވައިގެން މޮނިއުމެންޓު ހެދީމަ، ފޯކައިދޫ، ބޮޑުފޮޅުދޫ، މުޅަދޫ، މަކުނުދޫ މީހުން ހަދާނީ ކޯޗެއްބާ!؟ މޮނިއުމެންޓުގެ ކަންކަން ތަންކޮޅެއް މައްޗައްދާހެން އެބަހީވޭ..
ކާނިި
12 October 2025
އަދި އިންނަމާދޫއޯ؟
މެހިލަ
12 October 2025
އަދި ފޮއްދޫ އޯ
ސަސި
12 October 2025
ތިޔަ ބިނާގަ އެބަހުރި ފުރިހަމަ ހިތްގައިމު ކަމެއް.
އައިރިން
12 October 2025
ވަރައްވެސް ހިތްގައިމު. އެހަާމެ މަސައްކަތްތެރި ކަން ދައްކުވާދޭ