އެއާބަސްގެ އޭ320 މަރުކާގެ މަތިންދާބޯޓަކަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ މަރުކާގެ ބޯޓުތަކުގެ ސޮފްޓްވެއާ އަޕްގްރޭޑްކުރަން އަނބުރާ ގެނައުމަށް އެ ކުންފުނިން އެންގުމާ ގުޅިގެން، މުޅި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ބުރޫ އަރާނެކަމަށް ބުނެފި އެވެ.

އޭ320 ބޯޓުތަކުގައި މި މައްސަލަ ފާހަގަވީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު މެކްސިކޯއިން ފުރައިގެން އެމެރިކާއަށް ދަތުރުކުރި ޖެޓްބްލޫގެ ފްލައިޓަކަށް ދިމާވި ހާދިސާއާ ގުޅިގެންނެވެ. އެ ބޯޓުގެ އެލްޓިޓިއުޑް ކުއްލިއަކަށް ވެއްޓި، ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ވަނީ އަނިޔާވެފަ އެވެ.

މި މައްސަލަ ދިމާވީ، އިރުގެ ރޭޑިއޭޝަންގެ ސަބަބުން ކަމަށާއި، އެކަމުން ރައްކާތެރިވުމަށް އެ ބޯޓުތަކަށް އާ ސޮފްޓްވެއާއެއް އަޅަންޖެހޭ ކަމަށް އެއާބަސް ކުންފުނިން ވަނީ ބުނެފަ އެވެ.

އޭ320 މަރުކާގެ މަތިންދާބޯޓުތަކަކީ، ދުނިޔޭގެ ވައިގެ ދަތުރުފަތުރުގައި ގިނަ އެއާލައިންތަކުން އެންމެ ގިނައިން ބޭނުންކުރާ އެއް ބޯޓެވެ. އެކި އެއާލައިންތަކުގައި 11،300 އެއްހާ އޭ320ގެ ބޯޓުތައް ބޭނުންކުރެ އެވެ. އަދި މި މަރާމާތަށް 6،000 އެއްހާ ބޯޓު ގްރައުންޑް ކުރަންޖެހޭ ކަމަށް އެއާބަސް ކުންފުނިން ވަނީ އަންދާޒާކޮށްފަ އެވެ.

މި ސޮފްޓްވެއާ އަޕްގްރޭޑަށް މަދުވެގެން ދެ ގަޑިއިރު ނަގާނެކަމަށް ލަފާކުރެވޭއިރު، އެތައް ސަތޭކަ ބޯޓު އެއްފަހަރާ ގްރައުންޑު ކުރަންޖެހުމުގެ ލޮޅުން މުޅި ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އަރާނެކަމަށް މާހިރުން ވަނީ އިންޒާރުދީފަ އެވެ.

މިހާރުވެސް އެހެންނިހެން މަރާމާތުތަކަށް ގްރައުންޑުކޮށްފައިވާ މަތިންދާބޯޓުތަކުގެ އިތުރުން އެއްފަހަރާ މިހާ ގިނަ އަދަދެއްގެ ބޯޓު މަރާމާތުކުރުމުގެ ގާބިލުކަން ނެތުމުގެ ސަބަބުން، އޭ320ގެ ސޮފްޓްވެއާ އަޕްގްރޭޑްކުރަން ވެސް ދެ ތިން ދުވަސް ނަގާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިހާރު ވެސް، އެއާ އިންޑިއާ، ލުފްތާންޒާ، އީޒީޖެޓް އަދި އިންޑިގޯ ފަދަ އެއާލައިންތަކުން ވަނީ ބައެއް ފްލައިޓުތައް ޑިލޭވުމުގެ ފުރުސަތު ބޮޑުކަމަށް ފަސިންޖަރުންގެ ސަމާލުކަމަށް ބުނެފަ އެވެ.