މޯލްޑިވްސް އިސްލާމިކް ބެންކުން އެ ބެންކުގެ ހިދުމަތްތައް ރ. އަތޮޅާއި ހއ. އަތޮޅަށް ފުޅާކޮށްފި އެވެ.
އެ ބެންކުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ހއ. އިހަވަންދޫގައި އޭޓީއެމްގެ ހިދުމަތް މިހާރު ވަނީ ފަށައިފަ އެވެ. އެ އޭޓީއެމްއިން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ އެވެ. އަދި އަތޮޅުތަކަށް އެ ހިދުމަތްތައް ފުޅާ ކުރުމަށް އެމްއައިބީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ. ދިއްދޫގައި މީގެކުރިން އެބެންކުން ވަނީ ސޭލްސް ސެންޓަރެއް ވެސް ހުޅުވައިފަ އެވެ.
އެމްއައިބީއިން ރ. އަތޮޅަށް ހިދުމަތް ފުޅާކުރުމުގެ ގޮތުން ރ. އުނގޫފާރުގައި އެ ބޭންކުގެ ސޭލްސް ސެންޓަރެއް ވަނީ ހުޅުވައިފަ އެވެ. އެ ސެންޓަރުން އެބޭންކުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ. އެގޮތުން އޭޓީއެމް އޭޓީއެމްގެ ހިދުމަތާއި ބެންކުގެ މުވައްޒަފުން މެދުވެރިކޮށް ތަފާތު އެކި ހިދުމަތްތަކަށް އެދި ހުށައެޅުމަށް ބޭނުންވާ އެހީތެރިކަން ވެސް ލިބޭނެ އެވެ.
އެމްއައިބީއިން ރ. އުނގޫފާރުގައި ހުޅުވި ސޭލްސް ސެންޓަރުގެ އިތުރުން އެ އަތޮޅުގެ ހުޅުދުއްފާރަށް ވެސް އެ ބޭންކުން ވަނީ އޭޓީއެމްގެ ހިދުމަތް ފުޅާކޮށްފަ އެވެ.
އެމްއައިބީއިން އެބެންކުގެ ހިދުމަތްތައް އެކި ރަށްރަށަށް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، އެ ބެންކުން ދޭ ގިނަ ހިދުމަތްތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދިނުމުގެ ގޮތުން، ގިނަ ހިދުމަތްތައް އޮންލައިންކޮށް ދަނީ ފޯރުކޮށްދެމުންނެވެ.
އެގޮތުން ބޭންކަށް ނުގޮސް ވަގުތުން އެކައުންޓް ހުޅުވުމާއި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވަގުތުން އެހެން ބޭންކުތަކަށް ފަވަރަ މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިތުރަށް ކާޑު ނުލާ ޖަމާކުރުމުގެ ހިދުމަތް ވެސް އެ ބޭންކުން ދެ އެވެ.