ކޯޗު ހެންސީ ޑިއެޓާ ފްލިކްގެ ވައުދާ އެއްގޮތަށް ބާސެލޯނާގެ ޓީމުން ތަފާތު ފެންނަން ފަށައިފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ މަހު ޗެލްސީ އަތުން ބަލިވި މެޗަށް ފަހު، ފްލިކް ބުނެފައި ވަނީ ކުރިއަށް އޮތްތަނުގައި މުޅިން ތަފާތު ބާސާއެއް ފެންނާނެ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރީ އަނިޔާއިން ރަނގަޅުވެގެން އެނބުރި އަންނަ ކުޅުންތެރިންނާ އެކު ބާސާ، އަސްލު ފޯމަށް އިއާދަވުމުގެ މައްޗަށެވެ.

ގިނަ ކުޅުންތެރިން އަނިޔާއިން ރަނގަޅުވެގެން ކުޅެން ނުކުންނަށް ފެށުމާ އެކު އެ ޓީމުން ވަނީ ތަފާތު ފެންނަން ފަށައިފަ އެވެ. ރޭ އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗަކީ އޭގެ ހެއްކެކެވެ. އެ މެޗު ބާސާއިން 2-0 ން ކާމިޔާބު ކުރީ އަނިޔާގައި އުނދަގޫ ދުވަސްތަކެއް ހޭދަކުރުމަށް ފަހު ކުޅެން ނުކުމެ މިހާރު ރަނގަޅު ފޯމަކަށް އެޅެމުންދާ ރަފީނިއާގެ ދެ ލަނޑުންނެވެ.

އުނދަގޫ ދުވަސްތަކެއް ހޭދަކުރި މުއްދަތުގައި ލީގުގެ އެއްވަނަ މަގާމަށް އެ ޓީމަށް ނޭރިދާނެކަމުގެ ބިރުވެސް ހީވި އެވެ.

ހާލަތުން އަރައިގަނެފައިވާ ކަމުގެ އަލާމަތަކީ ލަލީގާގައި އެ ޓީމުން އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅުވެފައި ވުމެވެ. ރޭގެ މެޗު ކާމިޔާބުކޮށް އެ ޓީމުން އެއްވަނައިގައި މިހާރު އޮތީ ހަތް ޕޮއިންޓްގެ ލީޑަކާ އެކު އެވެ.

"އަހަރެމެން ތަހައްމަލު ކުރި އުނދަގޫ ހަފުތާތަކަށް ފަހު އަހަރެމެން މިހާރު މިތިބީ އެނބުރި އައިސް،" މެޗަށް ފަހު ފްލިކް ބުންޏެވެ.

"ހުރިހާ ކުޅުންތެރިންގެ ވެެންވަރު ވެސް މިހާރު ވަނީ 100 ޕަސަންޓަށް އައުމާ ދާދި ގާތުގައި. ކަލޭމެންނަށް ފެންނާނެ މިހާރު މި ޓީމުގައި ގާބިލުކަންހުރި މިންވަރު."

ފްލިކްގެ ތައުރީފް އެންމެ ބޮޑަށް ބަންޑުންކޮށްލީ ޓީމުގެ ޑިފެންޑަރުންނަށެވެ. އެ ޓީމުގެ ހަތަރު ޑިފެންޑަރުންގެ ތެރެއިން ތިން ޑިފެންޑަރުންނަކީ އުމުރުން 23 އަހަރު ނުވަތަ އެއަށްވުރެ ހަގު ކުޅުންތެރިންނެވެ. އެ ތިން ކުޅުންތެރިންނަކީ ކްލަބްގެ ޕްރީމިއަމް އެކަޑަމީ "ލަ-މާސިއާ" އިން ތަމްރީނުވި ކުޅުންތެރިންނެވެ. ޖެރާޑް މާޓިން، އަލްހެންޑްރޯ ބާލްޑޭ ޕައު ކުބްރާސީ އެވެ. އަދި މިޑްފީލްޑްގައި އެރިކް ގާސީއާ ވެސް ރޭގެ މެޗުގައި ވިދާލި އެވެ. އޭނާއަކީ ވެސް ލަ-މާސިއާގެ ގްރެޖްއޭޓެކެވެ.

ބާސާގެ ޑިފެންޑަރު ބާލްޑޭ (ކ): އޭނާއަކީ ވެސް ލަ-މާސިއާއިން އުފެއްދި ކުޅުންތެރިޔެއް
ބާސާގެ ޑިފެންޑަރު ބާލްޑޭ (ކ): އޭނާއަކީ ވެސް ލަ-މާސިއާއިން އުފެއްދި ކުޅުންތެރިޔެއް

"މިޑްފީލްޑްގައި އެރިކް ޓީމަށް ހަމަޖެހުން ގެނެސްދޭ. އޭނާ މޮޅު ކުޅުމެއް ދެއްކި. ޖެރާޑް ވަނީ ބޮޑުތަނުން ކުރިއެރުން ހޯދާފަ. މީގެކުރިން ވެސް އަހަރެން ވާނީ ކުބާ [ކުބުރާސީ] ގެ ވާހަކަ ދައްކާފަ. އުމުރުން 18 އަހަރުގައި އެވަރުގެ ކުޅުމެއް ދެއްކުމަކީ އާދަޔާހިލާފް ކަމެއް،" ލަ-މާސީއާއިން އުފެއްދި އެ ކުޅުންތެރިންނަށް ތައުރީފުކުރަމުން ފްލިކް ވާހަކަ ދެއްކި އެވެ.

"އަހަރެން ޖެހޭނެ ލަ-މާސިއާ އަށް މަރްހަބާ ކިޔަން ޒުވާން ކުޅުންތެރިން އުފެއްދުމަށް ކުރި މަސައްކަތަށް. (ލަ-މާސިއާ) އިން ކޮށްފައި ވަނީ ވަރަށް ފުރިހަމަ މަސައްކަތެއް."

މެޗުން ބަލިވެ، އޮސަސޫނާ އަށް ވަނީ ރެލިގޭޝަން ޒޯނަށް ފުރޮޅާލާނެކަމުގެ ބިރު ކުރިމަތި ވެފަ އެވެ.