މަގާމަކުން ރިޓަޔާ ކުރުމަށް ފަހު، އެހެން މަގަމާކަށް އައްޔަން ކުރުމުން، އެ ފަރާތްތަކަށް ލިބޭ ރިޓަޔާމެންޓް އެލަވަންސް އެ މަގާމެއްގައި ހުންނަ މުއްދަތެއްގައި މެދުކެނޑޭ ގޮތަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރެހެންދީ ސްކޫލުގައި ބޭއްވި ޖަލްސާ ފައްޓަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ބޮޑުވާތީ އެކި ކަހަލަ ކަންކަން ކުރުމަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރުގައި މުހިއްމު ބައެއް މަގާމުތަކަށް ރިޓަޔާޑް ބޭފުޅުން އައްޔަން ކުރައްވާފައިވާ ކަމަށާއި އެއީ އަހުލާގީ ގޮތުން ރަނގަޅު، ހިންގުންތެރި އަދި ނަޒާހާތްތެރި ބޭފުޅުން ކަމަށެވެ. އަދި އެ ބޭފުޅުންނަކީ ގާބިލު ބަޔަކަށް ވާތީ ސަރުކާރު ހިންގުމުގައި ފަސްބައި ސާފު ނަޒާހާތްތެރި ބަޔަކު ލުމުގެ ގޮތުން އެ ބޭފުޅުން ވެސް ބައިވެރި ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަމަކު ރައީސް މުއިއްޒު ވިދާޅުވީ އެ ބޭފުޅުންނަށް ރިޓަޔާމަންޓް އެލަވަންސްގެ އިތުރުން މަގާމަށް ވަޑައިގަތުމުން ލިބޭ މުސާރަ އެކުގައި ލިބުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"އެެހެން ނަމަވެސް ރިޓަޔާޑު ބޭފުޅުންނަށް ރިޓަޔާޑު އެލަވަންސް ލިބި އަދި މަގާމަކަށް އައިމަ މުސާރަ ލިބި، ހަރަދު ބޮޑޭވަނީ. މިއީ ރަނގަޅު ވާހަކައެއް،"
އެހެންވެ، އެކަމަށް ހައްލެއް ގެނައުމަށް އިދާރާތަކަށް އަންގަވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާވިސްގެ ގަވާއިދުތައް ބަދަލުކޮށް، ގެޒެޓް ކުރުމަށް އަންގަވާފައިވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ މަގާމުތަކަށް އައްޔަންކުރުން ނުވަތަ މަގާމަކަށް ރިޓަޔާޑް ބޭފުޅަކު އިންތިހާބުކޮށްފި ނަމަ، އެ މުއްދަތަކަށް ރިޓަޔާމަންޓް އެލަވަންސް މެދުކަނޑާލަން ޖެހޭ ގޮތަށް ނިންމަވާފައިވާ ކަމަށެވެ. ޑަބަލްކޮށް އެލަވަންސްތައް ނުލިބޭ ގޮތަށް ބަދަލުކުރުމަކީ ރައްޔިތުންނެކޭ އެއްގޮތަށް އެ މަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވާ ހަމަހަމަކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް އެގޮތަށް ވިދާޅުވިއިރު، މި ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްޓީސީސީ އާއި އެޗްޑީސީ ފަދަ ކުންފުނިތަކުގައި ވެސް ތިއްބެވީ ރިޓަޔާޑް ބޭފުޅުންނެވެ.
ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ އުމުރުން 65 އަހަރުން މައްޗަށް ދާއިރު ވެސް ބައެއް މީހުންނަކީ ސިއްހީ ގޮތުން ރަނގަޅު މީހުން ކަމަށާއި ގޭގައި ވަކިން ހުރުމަށް ވުރެ މަސައްކަތުގައި ކުރިއަށް ދާން އޭގެ ތެރެއިން ބައެއް މީހުން ބޭނުންފުޅުވާ ކަމަށެވެ. އެހެންވެ، އުމުރުން 75 އަހަރު ވަންދެން މަސައްކަތް ކުރެވޭނެ ގޮތް ހަދައިދިނުމަށް އެ މަނިކުފާނު ވައުދުވެވަޑައިގަތް ކަމަށް ވިދާޅުވި އެވެ.
އެ ބަދަލުތަކާ އެކު، ރައްޔިތުންގެ މަޖިލީހަށް ރީއެމްޕްލޯޔިމަންޓް ބިލު ފޮނުއްވާފައިވާ ކަމަށާއި އެއީ އުމުރުން 65 އަހަރުން 75 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން މަސައްކަތް ކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު ގާނޫނީ ހަމަތަކުގެ މަތިން ދިނުމަށް ފޮނުވާފައިވާ ބިލެއް ކަމަށް ވިދާޅުވި އެވެ.