މިއަހަރު ފަވަރައިން ހިންގި މުއާމަލާތްތަކުގެ އަދަދު 48 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
މާލީ ދާއިރާގެ މުހިއްމު ހިދުމަތްތަކެއް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު މުނައްވަރު ވިދާޅުވީ، މި އަހަރު 16 މިލިއަން ޓްރާންސެކްޝަން ފަވަރަ މެދުވެރިކޮށް ހިންގާފައިވާ ކަމަށެވެ.
މިދިޔަ އަހަރު ފަވަރައިން ހިންގާފައިވަނީ އަށް މިލިއަން މުއާމަލާތެވެ. އެއީ ގާތްގަނޑަކަށް 23 ބިލިއަން ރުފިޔާ އެވެ. މިއީ ދެ ގުނަ އިތުރުވުމެވެ.
އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ، ފަވަރަ އެމްއެމްއޭ އިން ތައާރަފްކުރީ އޮގަސްޓް 2023 ގަ އެވެ.
މުނައްވަރު ވިދާޅުވީ، ފަވަރަ ބޭނުންކުރާ ވަރު އެއް އަހަރުން އަނެއް އަހަރަށް އިތުރުވުމުން ދައްކުވައި ދެނީ، މާލީ މުއާމަލާތް ކުރުމުގައި ފަސޭހަ، ލުއި އަދި އަވަސް ގޮތްތައް އާންމުން ބަލައިގަންނަ މިންވަރު ކަމަށެވެ.
އޭނާ ވިދާޅުވީ، އެމްއެމްއޭ އިން އުފެއްދި ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ އެކު ޑިޖިޓަލް މުއާމަލާތްތައް ހިންގުމުގައި އިތުރު ލުއި ގޮތްތައް އާންމުނަށް ތައާރަފް ކުރެވޭނެ ކަމަށެވެ.
"ޕޭމަންޓް މޯލްޑިވްސްއާ އެކު މާލީ ދާއިރާ 15 ޕަސެންޓް ކުރިއެރުވަން މަގުފަހިވާނެ. މިއީ ސަރުކާރުން ވެސް ބޭނުންވާ އަމާޒު،" އޭނާ ވިދަޅުވި އެވެ.
މުނައްވަރު ވަނީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރާވަރު އިތުރުވި މިންވަރު ފާހަގަކޮށްފަ އެވެ. މީގެ ހަ އަހަރު ކުރިން 40 ޕަސެންޓް މުއާމަލާތްތައް ޗެކުން ހިންގި ނަމަވެސް މިހާރު ޗެކް މެދުވެރިކޮށް ހިންގަނީ އެންމެ ހަތް ޕަސެންޓުގެ ފައިސާގެ މުއާމަލާތްތަކެވެ.
"އެކައުންޓް ޓްރާންސްފާ ކުރާ މިންވަރު 49 ޕަސެންޓުން 83 ޕަސެންޓަށް ވަނީ އިތުރުވެފައި. މިކަމުން ދައްކުވައިދެނީ ކޮވިޑަށް ފަހު ޑިޖިޓަލް މާލީ މުއާމަލާތްތައް އިތުރުވި މިންވަރު. އަދި ފަވަރައާ އެކު އެ އަދަދު ވަނީ އިތުރުވެފައި،" އޭނާ ވިދާޅުވި އެވެ.