ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަސޭހަ އަދި ރައްކާތެރި ގޮތުގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) އަންނަ އަހަރުގެ ޖުލައި މަހު ގުޅާލައި، ބޭނުން ކުރަން ފަށާނެ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
މާލީ ދާއިރާގެ މުހިއްމު ތަރައްގީގެ ހަރަކާތްތައް ފެށުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި މުނައްވަރު ވިދާޅުވީ، ޕޭމެންޓް މޯލްޑިވްސް މެދުވެރިކޮށް، ބޭރުގެ ޕޭމެންޓް ނެޓްވޯކްތަކާ ގުޅާލުމުން އިތުރު ލުއިތައް ލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، އަންނަ އަހަރުގެ އޭޕްރީލް މަހު ކިއުއާރް ކޯޑު މެދުވެރިކޮށް ވެސް ޕޭމެންޓްތައް ހެދޭނެ ކަމަށެވެ
ޔޫޕީއައި އަކީ އިންޑިއާގައި މިހާރު ފައިސާގެ މުއާމަލާތްތައް ކުރުމަށް އެންމެ އާންމުކޮށް ބޭނުންކުރާ އެ ގައުމުގެ ރަސްމީ ޑިޖިޓަލް ޕޭމަންޓް ސިސްޓަމް އެވެ. އެންމެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން ޓެކްސީތަކާއި މަގުމަތީގެ ތަރުކާރީ ފިހާރަތަކުގައި ވެސް ފައިސާގެ މުއާމަލާތަށް ޔޫޕީއައި ބޭނުންކުރެ އެވެ.
މިދިޔަ ޖުލައި މަހު އެކަމާ ގުޅޭ ހާއްސަ އެއްބަސްވުމެއްގައި އެމްއެމްއޭއާ އެކު ސޮއިކޮށްފައިވެ އެވެ.
މިއަދު ވަނީ ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ވެސް ތައާރަފްކޮށްފަ އެވެ. އެއީ 2022 ވަނަ އަހަރު ހެދި ނޭޝަނަލް ފައިނޭންޝަލް ސާވޭގެ އެހީގައި އެކުލަވާލި ޕްލޭނެކެވެ. އޭގެ އިތުރުން ޕޭމެންޓް މޯލްޑިވްސްގެ އިތުރުން އިންކްލޫސިވް ގްރީން ފައިނޭންސް ވެސް ތައާރަފްކޮށްފަ އެވެ.
އެމްއެމްއޭގެ ދިރާސާތަކާ ހަވާލާ ދެއްވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، މާލީ އެންމެ ފަހުގެ ހިދުމަތްތަަކަށް އަދިވެސް ދިވެހިން އެހާ އަހުލުވެރި ނޫން ކަމަށާއި އެހެންވެ މާލީ ދާއިރާގެ ހޭލުންތެރިކަން އިތުރު ކުރުމަށް ވެސް މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
މާލީ ދާއިރާ ކުރިއެރުވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަކީ، އުންމީދީ އަދި މުހިއްމު ކަންކަމަށް ވާއިރު، އެކަންކަން ހާސިލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އާ ޕްލޭންގެ ދަށުން އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭ މާލީ ދާއިރާގެ ކުރިއަރުވައި، ރާއްޖޭގެ ޖީޑީޕީ ނިސްބަތުން ހަ ޕަސެންޓުން 12 ޕަސެންޓަށް އެ ދާއިރާގެ ހިއްސާވާ މިންވަރު ބޮޑުކުރުމެވެ.
"މިކަން ހާސިލުކުރުމަށް ފައިނޭންޝަލް އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް އެންމެ ޒަމާނީ ހިދުމަތްތައް ތައާރަފްކުރަން ޖެހޭ. އަދި ހިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ އެކު، އީޖާދީ އާ ކަންކަން އެ ދާއިރާ އަށް ގެނައުމަށް ހިތްވަރުދޭނެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވި ގޮތުގައި، ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސާވޭއިން އެނގުނު ގޮތުގައި ރާއްޖޭގެ 14 ޕަސެންޓު އަންހެނުން މާލީގެ ދާއިރާގެ ހިދުމަތްތައް ނުހޯދަ އެވެ. އިންޝުއަރެންސާއި މާލީ އެފަދަ ގިނަ ހިދުމަތްތަކުގެ ބޭނުން ކުރާ ފަރާތްތަކަށް އަދިވެސް ރާއްޖޭގައި މަދު ކަމަށް ސާވޭއާ ހަވާލާ ދެއްވަމުން އޭނާ ވިދާޅުވި އެވެ. އަދި އިންޓަނެޓް ބޭންކިން ބޭނުން ކުރަނީ އުމުރުން ދުވަސްވީ މީހުންގެ 38 ޕަސެންޓު މީހުން ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.
"ސްކޭމަރުން ވެސް އުމުރުން ދުވަސްވީ މީހުންނަށް ޓާގެޓް ކޮށްގެން ސްކޭމްތައް ހިންގާ. ފުލުހުންގެ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ނޮވެމްބަރު މަހު އެކަނި 165 ސްކޭމުން 1.2 މިލިއަން ރުފިޔާ އަތުލި،" އޭނާ ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ، އާ ޕްލޭންގެ ތެރެއިން އާންމުންނަށް މިހާރަށް ވުރެ ފަސޭހައިން ހިދުމަތްތައް ބޭނުން ކުރެވޭނެ ގޮތްތައް ފަހިކޮށް، ގިނަ ފަރާތްތަކަށް މާލީ ހިދުމަތްތައް ލިބޭނެ ގޮތްތައް ހަމަޖެހޭނެ ކަމަށެވެ.