މެންޗެސްޓާ ސިޓީގެ ސިޓީ ގުރޫޕްގެ ކުޑައިގެ ދަށުން ހިންގާ އިންޑިއާގެ މުމްބާއީ ސިޓީ އެފްސީގެ ހިންގުން، އެ ގުރޫޕުން ދޫކޮށްލައިފި އެވެ.

މެންޗެސްޓާ ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް ރައީސްކަން ކުރައްވާ ސިޓީ ގުރޫޕުން މުމްބާއީ ސިޓީގެ 65 ޕަސަންޓް ހިއްސާ ގަތީ 2019 ގަ އެވެ. ސިޓީ ގުރޫޕަކީ މުމްބާއީގެ މެޖޯރިޓީ ހިއްސާދާރެވެ.

އެ ގުރޫޕްގެ ލިޑާޝިޕްގެ ދަށުން މުމްބާއީން ވަނީ އިންޑިއާގެ ސުޕަ ލީގު ދެ ފަހަރު އައި އައިއެސްއެލް ކަޕް ވެސް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

ސިޓީ ގުރޫޕްގެ ނަމުގައި އޮތް ހިއްސާ، ގަތީ ސީދާ މުމްބާއީ ސިޓީ އެފްސީންނެވެ. އެ ބަދަލާ އެކު އެ ކްލަބްގެ އޯނާޝިޕް އަލުން ބަދަލުވާނީ ބޮލީވުޑްގެ ތަރި ރަންބީރް ކަޕޫރަށާއި ވިޔާފަރީވެރިޔާ ބިމާލް ޕަރެކް އަށެވެ.

އިންޑިއާގެ މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސިޓީ ގުރޫޕުން މުމްބާއީގެ ހިއްސާ ދޫކޮށްލީ އިންޑިއާޣެ ސުޕަ ލީގުގެ ކުރިމަގާ މެދު ސުވާލު އުފެދިފައި ވުމުންނެވެ. އިންޑިއާގެ ސުޕަ ލީގު ހިންގާ ކޮންސޯޓިއަމް އާއި އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަނާ ދެމެދު ވަނީ ގިނަ ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.