މާޖިދު ހެދި ސީޕްލޭން މޮޑެލް . ފޮޓޯ: މުހައްމަދު މާޖިދު
25 ޑިސެމްބަރ 2025 - 22:23
ބަލާ ބެލުމަށް އެއީ ހަމަ އުދުއްސާލަން ތައްޔާރުވެފައިވާ ސީޕްލޭނެކެވެ. ފެންމަތީގައި އޮތުމުގައި ވެސް ހަމަ އެއްވެސް ތަފާތެއް ނެތެވެ. އޭގައި އިންޖީނެއް ނެތްކަން ވެސް އެނގެނީ ވަރަށް ބޮޑަށް ބަލައި ދިރާސާ ކުރުމުންނެވެ.
ނ. އަތޮޅުގައި އޮންނަ ހައި-އެންޑް ރިސޯޓެއް ކަމަށްވާ ޝެވަލް ބްލޯންކް ރަންދެލީގައި މަސައްކަތްކުރާ އުމުރުން 43 އަހަރުގެ މުހައްމަދު މާޖިދު އުފެއްދި މި ރެޕްލިކާ [އަސްލާ އެއްގޮތް މޮޑެލް] އަކީ ހަމައެކަނި ދައްކާލަން ބާއްވާ ގޮތަށް ހަދާފައިވާ އެއްޗެއް ނޫނެވެ.
އޭނާ ބުނި ގޮތުގައި މިއީ އެ ރިސޯޓުގައި ޓޫރިސްޓުންނަށް ހިންގާ ހަރަކާތެއްގައި ދުއްވަން ތައްޔާރު ކޮށްފައިވާ އެއްޗެކެވެ. ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ތަރުހީބު އޮހެމުންދާ މި ސީޕްލޭން ދުއްވާނީ ފީނަން ބޭނުންކުރާ ބެޓެރީ އުޅަނދެއް ކަމަށްވާ "ސީބޮބް" ބޭނުންކޮށްގެންނެވެ.
މާޖިދު އުފެއްދި ސީޕްލޭން މޮޑެލްގައި އޭނާ އިށީނދެލަނީ.
ރަންދެލީގައި ވަޑިއެއްގެ ވަޒީފާ އަދާކުރާ މާޖިދު "މިހާރު" އަށް މިރޭ ކިޔައިދިން ގޮތުގައި ސީޕްލޭންގެ މޮޑެލް ހަދަން މި ފަހަރު ހޭދަކުރީ ގާތްގަނޑަކަށް ދޮޅުމަސް ދުވަހެވެ.
"މި ރިސޯޓަށް އަންނަ ފްލައިޓުގައި ހުންނާނީ މި ތަނުގެ ކުލަތައް ޖަހާފައި. ދެން އެންމެން ވެސް ވަރަށް ލޯބިވާ އެއްޗެއްގެ ގޮތުގައި ފްލައިޓް އޮންނަނީ ފާހަގަވެފައި މުޅި ރަށުގައި،" ސީޕްލޭން މޮޑެލް ތައްޔާރުކުރަން މެނޭޖްމަންޓަށް ހުށަހެޅި ސަބަބު ކިޔައިދެމުން މާޖިދު ބުންޏެވެ.
އޭނާ ބުނީ، ސީޕްލޭން މޮޑެލް ފައިބަރުން ހަދަން ނިންމީ އެ އިން ކުރަން ޖެހޭ ބޭނުމަށް ވިސްނައިގެން ކަމަށެވެ. އެހެންވެ ކުރި ކަމަކީ ލަކުޑި އާއި ފްލައިވުޑް ފިލާ ބޭނުންކޮށްގެން، މިން ހަމަ ފްރޭމެއް [މޯލްޑެއް] ހަދައި އޭގައި ފައިބަރު ޖަހައިގެން ސީޕްލޭންގެ މައިގަނޑު އުފައްދައި، މެދުން ކީހާލައިގެން ފްރޭމްގަނޑު ނެގީ އެވެ.
އެ އަށް ފަހު ފައިބަރު ބޭނުންކޮށްގެން އެ ދެބައި އަލުން ގުޅުވީ އެވެ.
"ފައިބަރުން ކަމަށް އަޅުގަނޑަށް ވިސްނުން އައީ މިކަން ކުރެވޭނީ. އެހެން އެއްޗަކުން ހަދަން ވެއްޖެއްޔާ ރާއްޖެއަކު ނުކުރެވޭނެ. މިތަނަކު ނުހުންނާނެ އެ ވަސީލަތްތަކެއް، އެލުމެނިއަމްގައި މެޓަލްގައި ހަދާކަށް،" މާޖިދު ބުންޏެވެ.
މާޖިދަކީ ފައިބަރުން ބަންނަ ލޯންޗުތައް ފަރުމާކުރުމުގެ މަސައްކަތް ކުރިއްސުރެ ވެސް ކުރާ މީހެކެވެ. އެ ދާއިރާގައި އޭނާ މަސައްކަތްތައް ކުރާތާ މިހާރު 25 އަހަރު ވެއްޖެ އެވެ.
"ފަންސަވީސް އަހަރުވީ މި ފީލްޑްގައި އުޅޭތާ، ބޯޓުބިލްޑިން އާއި މި ކްރިއޭޓިވް މަސައްކަތާއި ރިސޯޓް ފަރުނީޗަރު މަސައްކަތް ކުރާތާ،" އޭނާ ބުންޏެވެ.
ބޭނުންކުރާ ބޮޑެތި އުޅަނދުތަކާއި ފަރުނީޗަރު ފަރުމާ ކުރުމުން ފެށިގެން އެ ބާވަތްތަކުގެ ކުދި މޮޑެލްތައް ހެދުމުގައި ވެސް މާޖިދަކީ ވަރަށް ހުނަރުވެރި މީހެކެވެ.
ރަންދެލީގެ ކުލަތައް ލާފައިވާ، އެ ރިސޯޓްގައި މަގުބޫލް ސީޕްލޭންގެ ވަރަށް ކުޑަ މޮޑެލްއެއް އޭނާ 2022 ވަނަ އަހަރު ވެސް ހެދި އެވެ. ފޮޓޯ ނެގީމާ އެ މޮޑެލް ވެސް އަސްލާ ހަމަ އެއްވެސް ތަފާތެއް ފެންނާކަށް ނެތެވެ. ތަފްސީލުތައް އެހާ ވެސް ފުރިހަމައަށް ހިމަނާފައި ވެ އެވެ.
މާޖިދު ހަދާފައިވާ ކުޑަ މޮޑެލްއެއް
މި ފަހަރުގެ މޮޑެލަށް ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ލިބުނީ ވެސް އެހެންވެ އެވެ. ފޭސްބުކަށް މާޖިދު ދޫކޮށްލި ފޮޓޯތައް ވަނީ ވަރަށް ބޮޑަށް ވައިރަލްވެ، އެތައް ބަޔަކަށް ކަމުދާ މަސައްކަތަކަށް ވެފަ އެވެ.
މާޖިދު ބުނި ގޮތުގައި މީހުންގެ ތަރުހީބަކީ އޭނާއަށް ލިބޭ ބޮޑު ހިތްވަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
raajje
27 December 2025
މުސާރަދީފަ ޓޫލްސްދީފަ އިސްރާފުކުރާނެއެއްޗެހިދީފަ ބަހައްޓައިފިއްޔާ ތިކަހަލަކިތަންމެއެއްޗެއް އަހަރެންވެސްހަދާނަން ހެހެ
އަމަލު2
27 December 2025
ތިސޮރު ތިޔާކުރީ ވަރަށް ބޭކާރު މަސައްކަތެއް.ރަގަނޅުވީސް ކުޑަ ބައްތެއްޔެއް ބަނަސް.އެއިރުން ކެޔޮޅުކަމު ދެވުނީސްތާ.އުދުހޭ އެއްޗިސްސަކީ މިންތަކާ،އިންތަކާ،ބަރުދަނާ،ހަރުމިނާ،ބޯމިނާ މިހުރިހާ ގޮތަކުން އިންޖިނިއަރިން މަސައްކަތްތަކެއް އެކުލެވޭ ކަމެއް.މިއިން އެއްވެސް ކަމެއް އެކުނުލެވޭ ގޮތައް މިޒާތުގެ އެއްޗެހި ތައްޔާރުކޮށް އާންމުންނަށް މެސެޖް ދިނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް.މިހެން މިކަހަލަ ކަންތައް ކުރިއަށް އޮތްތަނުގަ ނުކުރުމަށް އިލްތިމާސް ކުރަން.
އަންކަލް
26 December 2025
ކުލޭކުޅޭ އެއްޗިސް ހަދައިގެން މޮޔަ ކަންތަކުގަ
ރަބިޝް
26 December 2025
މާވަރުގަދަ ހެޑިން އެއް ފެނިގެން ހަބަރު މިކިޔާލީ ހަމަ އަސްލުވެސް އުދުހޭ އެއްޗެއްކަމަށް ހީކޮށް ބަލާލިއިރު ތޮށިގަނޑެއް ހަދައިގެން މިވަރެއް ނެތިގެން މިއުޅެނީ
ޞޮލްސޯ
26 December 2025
ކަމޯން ދެޓްސް އަ ބިޓް ހާރޝް!
ޙަމީދާ
26 December 2025
ރާއްޖެއިން ތައްޔާރު ކުރި ސީޕްލޭންވެސް ވަރަށް ފުރިހަމަ އެކަމަކު އެ މޮޑެލް ތައްޔާރު ކުރީ ބޭރުމީހެއް ވީމަ އޭގެ ވާހަކަ އެއްވެސް ނެތް އޭގެ ފަޙުރު ލިބިގަތީ އެހެން ބައެއް.
ސަލީމު އިދުރީސް
26 December 2025
ތިވަރް ތިކަލަ އެއްޗެއް ނުހެދޭނެ މީހަކު ފައިބަރު މަސައްކަތް މީހުން ތެރޭ ނުހުންނާނެ! ތިއަކީ މީހަކު ގައުމީ ބަތަލަކައް އެރަށަކައް އެމިހަކު އުފަންވީތި އުފާކުރާވަރުގެ އީޖާދީ އުފެއްދުމެއް ނޫން! މިބުނީ ފަހާފޮށި ފުރަތަމަ އުފެއްދި މީހަގެ މޮނިއުމައްޓުވެސް އަދިދައްވެސް އެރަގަހުރޭ ސަބަކީ އެއުފެއްދުމުގެ ސަބަބުން އެގައުމުގެ އިގުތިސޯދު ކުރިއަރާ މުޅި ދުނިއެއައް ބޮޑު ބަދަލެއް ގެނައި ކަމަކަމެއްކަމައް ވާތި
ނުވާނެ
26 December 2025
ކޮންމެ މީހަކައް ނުވާނެ! މިއުޅެނީ ކަމުދާ ޑިންގިއެއްވެސް މަދު ބަޔަކަށް ނޫނީ ނޭޅިގެން!
ކަވާބު
26 December 2025
ސަލީމުބޭ މިހުރިހާ ދުވަހު ތިއުޅުނީ ކޮންތާކުބާ؟؟މިހެން މިއަހާލީ މިހާރު ބެއްޔާގެ ކޮމެންޓެއްވެސް ނުފެންނާތީ!!
އަލީ05
26 December 2025
ދެން ތިބުނާ މީހުން ކޮބާތަ. ކިތޭ ގިނަމީހުން ތިއްބަސަ ތިއޮތީ ރާއްޖޭގެ ތިގޮތައް ހެދި ފުރަތަމަ އެތީގެ ލަގަބު ލިބިފަ. ދެންތިބި މޮޅަތި މީހުން މިޔައް ވުރެއް ރީތި ކޮން ހަދާ ހަމަ ޗެލެންޖު ކުރަންވީ އެއްނު ހިތްވަރު ހުރިއްޔާ
ސަލީމު އިދުރީސް
27 December 2025
ކޮއްބުނަންތޯ ނޫސްތަކަވެސް ސަރުކާރުން ފައިސާދޭވާހަކަ ބުނިފަހުން ހަމަކަނި ސަލީންބެ ވަންނަ މިހާރު ނޫހައްވެސް ވަރްމަދުން ވަންނަނަނީ އަދި ވަންނަ ފަހަރަކުވެސް ކޮމެއްޓެއް ނުޖަހަން! ސަރުކާރުން ފައިސާ ދޭނަމަ މިނިވަން ނޫސްވެރި ކަމެއް ކުރެވިދާނެ ކަމައް ގަބޫލު ނުކުރެވޭ!
ހަސަން ބެއްޔާ
27 December 2025
ކީއްކުރަން ޖެލެންޖު.ކޮއް ބޭކާރު ކަމެއް ކުރަންވީ
އަލި ކޮއްކޮ
26 December 2025
މިބޯޓުގަ އިންޖީނު އަޅާ ދަތުރުކުރަން ޓީއެމްއޭ ނުނީ މޯލްޑިވިއަން އާއި ހަވާލުކުރަން ރަނގަޅުވާނެ.
ޕަވިޔަނި
26 December 2025
ލޯންޗެއްގެ އިންޖީނު އަޅައިގެން ފަޅުތެރޭގަ ދުއްވަން ބޭނުން ކުރެވިއްޖެ ނަމަ ގެސްޓުން ވަރަށް އުފާވާނެ! ވީޑިއޯ އާއި ފޮޓޯ ނަގާނެ!
ޢެޑްމުންޑޯ
26 December 2025
ވަރަށް ރަގަޅު ހުނަރުވެރި މަސައްކަތެއް ،
ޢައްޑޫ ދީޑި
26 December 2025
ޢުފާވެރީ، ނ ޅޮޙި ޒުވާނެއް، އެރަށުމީމުން ވ އިންޓެލިޖެންޓްވާނެ