ފަހަތުން އަރައި ރާއްޖެ ބަލިކޮށް، ކާވާ ކަޕްގެ އަންހެން މުބާރާތުގެ ޗެމްޕިއަންކަން ކިރިގިސްތާނުން ހޯދައިފި އެވ.
މިއީ ވިދިވިދިގެން ދެ އަހަރުގައި ކިރިގިސްތާނު އަތުން ފައިނަލުގައި ރާއްޖޭން އަމިއްލަ ފަސްގަނޑުގައި ބަލިވި ދެވަނަ ފަހަރެވެ. ސެޕްޓެމްބަރު 2024 ގައި ރާއްޖޭގައި ބޭއްވި އޭޝިއާގެ ސެންޓްރަލް ޒޯން އަންހެން ވޮލީ ޗެލެންޖް ކަޕްގެ ފައިނަލުގައި ދިވެހި ޓީމު ކިރިގިސްތާނު އަތުން ބަލިވީ ފަސް ސެޓަށް ކުޅެ 3-2 ންނެވެ.
މިރޭ ކުޅުނު މެޗު ތަޖިކިސްތާނުން ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.
ފުރަތަމަ ސެޓް 25-20 ކާމިޔާބުކޮށް އިތުބާރާ އެކު ރާއްޖޭން ފެށި އެވެ. އެކަމަކު އަނެއް ސެޓްގައި ރާއްޖެއަށް ކުޅުން ނުހިފެހެއްޓި ކިރިގިސްތާނުން ސެޓް ކާމިޔާބުކޮށް ހަމަހަމަ ކުރި އެވެ. އެ ސެޓު އެ ޓީމުން ހޯދީ 25-22 ންނެވެ.
އަނެއް ދެ ސެޓްގައި ރާއްޖޭގެ ކުޅުން އެއްކޮށް ގެއްލުނެވެ. ރާއްޖެ އަށް ގިނަ ޕޮއިންޓަތަކެއް ހޯދުނީ ވެސް ކިރިގިސްތާނު ކުޅުންތެރިން އަތުން ބޭރުވާ ބޯޅަތަކުންނެވެ. ފަހު ދެ ސެޓް އެ ޓީމުން ކާމިޔާބު ކުރީ 25-17 އަދި 25-21 ންނެވެ.
މުބާރާތުގެ ރައުންޑް ރޮބިން ބުރުގައި ރާއްޖޭން ވަނީ ކިރިގިސްތާނުގެ މައްޗަށް 3-1 ސެޓުން މޮޅުވެފަ އެވެ.
އެކަމަކު ފައިނަލު މެޗުގައި ކުޅުންތެރިންގެ ފަރާތުން އެ ހިތްވަރެއް ނުފެނުނެވެ.