ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ ރޭގެ ފަތިހު އަވަހާރަވެއްޖެ އެވެ.

ހާލިދާ ޒިއާގެ ބަންގްލަދޭޝްގެ ނެޝަނަލް ޕާޓީ (ބީއެންޕީ)އިން ނެރުނު ބަޔާނެއްގައި ބުނީ، އުމުރުފުޅުން 80 އަހަރުގެ ހާލިދާ ޒިޔާ، ރޭގެ ފަތިހުގެ ވަގުތެއްގައި އަވަހާރަވެފައިވާ ކަމަށެވެ.

ހާލިދާ ޒިއާގެ ސިއްހީ ހާލުކޮޅު ގޯސްވެ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ދަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންނެވެ.

އޭރު އެޑްމިޓުކުރީ ފުއްޕާމޭގެ އިންފެކްޝަނެއް ޖެހިގެންނެވެ. ނަމަވެސް، ޚާލިދާއަށް ހިތުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތަކާއި ހަކުރު ބައްޔާއި ފުއްޕާމޭގެ މައްސަލަތަކާއި އާތުރައިޓިސް އަދި ލޮލުގެ މައްސަލަތައް ވެސް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފައިވެ އެވެ.

ބަންގްލާދޭޝްގައި ތިން ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ ޚާލިދާ ވަނީ ޝައިހް ހަސީނާގެ ވެރިކަމުގައި ކޮރަޕްޝަންގެ ދައުވާކޮށް އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 2018 ވަނަ އަހަރު ޖަލަށް ލައިފަ އެވެ. އަދި ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގަތުން ވެސް މަނާކުރި އެވެ.

ޚާލިދާ ޖަލުން މިނިވަންކުރީ މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވައްޓާލުމާ އެކުގަ އެވެ.

ސިއްހީ ހާލުކޮޅު ގޯސް ނަމަވެސް، އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ހާލިދާ ޒިއާ އޭރު ވަނީ ވިދާޅުވެފަ އެވެ.