މިއަދު ފެށި 2026 ގައި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ގައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން ވަފާތެރި، ގާބިލް ދިވެހި ދަރިންތަކެއް އުފެއްދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާ އަހަރު ފެށުމުގެ ހިތާބުގައި އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ތަރައްގީ ވެފައިވާ ގައުމުތަކުގެ ސަފަށް ނުކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅައިފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، 2026 އަކީ ރާއްޖެ އިސްލާމްވިތާ ހިޖުރީ ގޮތުން 900 އަހަރު ފުރޭނެ އަހަރު ވެސް މެ އެވެ.
"މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތު ހުރި އެއް ތާރީހެވެ،" ރައީސް މުއިއްޒުގެ ހިތާބުގައި ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، މި އަހަރު ވާނީ، ދިވެހިން އެދޭ އަމާޒަށް ގައުމު ގެންގޮސް ދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށް ކަމަށެވެ.
އެ މޭރުމުން ރައީސް ވިދާޅުވީ، ދިވެހިންގެ އެންމެ އެވޭލާ ތާރީހުއްސުރެ މިއަދާ ހަމަޔަށް ފެންނަން އޮތް އެއް ހަގީގަތަކީ، އަހަރުން އަހަރަށް ގިނަ ކުރިއެރުންތަކެއް ހޯދަން ގަދައަޅައި މަސައްކަތްކުރި ތަން ކަމަށެވެ.
"ގައުމުގެ ތަމައްދުނާއި ތަރައްގީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް، ވަރުގަދަ ކުރެވޭތޯ ކޮންމެ އަހަރަކުމެ ދިވެހީން ހިންމަތް ކުރަމުން ދިޔަ ކަމެވެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ދިވެހި ލޮބުވެތި ރައްޔިތުން އަބަދުމެ ދެމިތިބޭނީ މި ރޫހާއި މި ވިސްނުމުގަ އެވެ. ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ގައުމު ބިނާކުރަން މަސައްކަތްކުރާ ފަދައިން ވަފާތެރި، ގާބިލް ދިވެހި ދަރީންތަކެއް ވެސް ބިނާކޮށްދިނުމެވެ. ތަރައްގީ ވެފައިވާ ގައުމުތަކުގެ ސަފަށް ނުކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅައިފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުމެވެ."
އާ އަހަރު ފެށުމުގެ ހިތާބުގައި ރައީސް ވިދާޅުވި ގޮތުގައި، ކޮންމެ އައު އަހަރެއްގެ ފެށުމަކީ، ފަރުދީގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ތިމާ އުފަންވި ގައުމަށްޓަކައި ކޮށްދެވޭނީ ކޮން ހިދުމަތްތަކެއްކަން ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތް ކުރުމަށް އަޒުމު އައުކުރުމުގެ ވަގުތެކެވެ.