އެމެރިކާ މެދުވެރިވެގެން ސޮއިކުރި ސުލްހައިގެ އެއްބަސްވުމާ މުޅިން ހިލާފަށް އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަށް ދޭ ހަމަލާތައް އިތުރުކޮށް، ޣައްޒާ ހިފުމުގެ ޖަރީމާ ވަރުގަަދަކޮށްފި އެވެ.
ޣައްޒާގައި ތިބި އަލްޖަޒީރާގެ މުރާސިލުންނާ ހަވާލާދީ، އަލްޖަޒީރާ އިން ބުނީ ޣައްޒާގެ އިރުމަތީގައި އިޒްރޭލުން ކަނޑައަޅައިގެން އުޅޭ "ޔެލޯ ލައިން" (އިޒްރޭލުން ކޮންޓްރޯލް ކުރާ ސަރަހައްދާއި ޣައްޒާގެ ރައްޔިތުން ދިރިއުޅެން އޮތް ސަރަހައްދު ވަކިކުރަން ކަމަށް ބުނެ ދަމައިގެން އުޅޭ ރޮނގު) އެތެރެއަށް ޖައްސައި ފަލަސްތީނު މީހުންގެ ޖާގަ ކުޑަކުރުމުގެ މަސައްކަތް މިދިޔަ 24 ގަޑިއިރު ވެސް ކުރި ކަމަށެވެ.
ޣައްޒާ ސިޓީގެ ތުއްފާހު، ޝުޖާޔާ އަދި ޒައިތޫން އަވަށުގައި ވެސް އިޒްރޭލުން އެގޮތަށް ކަންތައް ކޮށް، ފަލަސްތީނު މީހުން ފިއްތައި ކުޑަތަންކޮޅަކަށް ޖަމާކުރަމުންދާ ކަމަށް ވެސް މުރާސިލުން އަލްޖަޒީރާ އަށް ކިޔައިދީފައި ވެ އެވެ.
އިޒްރޭލު ސިފައިން މިހާރު ވަނީ 2023 ވަަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޖެނޮސައިޑްގައި ބިމާ ހަމަކޮށްލާފައިވާ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު މީހުން އެއްބަޔަކު އަނެއް ބައެއްގެ ކައިރިއަށް ގޮސް އައިސް އުޅެން އޮތް މުހިއްމު މަގު ކަމަށްވާ ސަލާހުއްދީން ސްޓްރީޓާ ކައިރިއަށް ޖެހިފަ އެވެ. އެއާ އެކު، ބޮޑުބަޑި އާއި ޑްރޯން އާއި އެ ނޫން ވެސް ވަރުގަދަ ހަތިޔާރުތައް ބޭނުންކޮށްގެން ޣައްޒާގެ އާއްމުންނަށް އެ މީހުން ހަމަލާދޭތީ ފަލަސްތީނު މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ދާން ފަށައިފަ އެވެ.
ޣައްޒާގެ 50 ޕަސެންޓް މިހާރު ވެސް ކޮނޓްރޯލް ކުރަނީ އިޒްރޭލު ސިފައިންނެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް އެ އެއްބަސްވުމާ ހިލާފަށް އިޒްރޭލުން ކޮންމެ ދުވަހަކު ވެސް ޣައްޒާ ރައްޔިތުންނަށް ހަމަލާތައް ދެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 10 ވަަނަ ދުަވަހު އެ އެއްބަސްވުމަށް އަމަލުކުރަން ފެށި ކަމަށް ބުންޏަސް އޭގެ ދަހުން ދިން ހަމަލާތަކުގައި އިޒްރޭލުން ވަނީ ޣައްޒާއިން 414 މީހުން މަރާލައި 1،145 މީހުން ޒަހަމްކޮށްލައިފަ އެވެ.
އެއްބަސްވުމާ އެއްގޮތަށް ރަފަހު ބޯޑަރު ހުޅުވާލާނެ ކަމަށް އިޒްރޭލާއި އެ މީހުންނަށް ވާގިވެރިވާ ގައުމުތަކުން ބުނި ނަމަވެސް ޣައްޒާގައި ތިބި ފަލަސްތީނު މީހުން ބުނާ ގޮތުގައި އިޒްރޭލުން މަސައްކަތް ކުރަނީ ރަފަހު ބޯޑަރަކީ އެއްކޮޅަށް(ހަމަ އެކަނި ޣައްޒާއިން ބޭރަށް ދެވޭ) ތަނަކަށް ހަދައި ފަލަސްތީނު މީހުން ޣައްޒާއިން ބޭރުކުރުމަށެވެ.
ޣައްޒާއިން ފަލަސްތީނު މީހުންގެ ނަސްލު ނައްތާލަން އިޒްރޭލުން ފާޅުގައި އުދުވާނު ހިންގާތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުަވަސް ވެއްޖެ އެވެ.