ޑެންމާކުގެ ސަރަހައްދެއްގެ ގޮތުގައި، ވަކި ވެރިކަމެއް ހިންގަމުން އަންނަ ގްރީންލެންޑު ހިފާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްވާ މައްސަލައިގައި އުފެދުނު ނުތަނަވަސްކަމާ އެކު ޔޫރަޕްގެ ގައުމުތައް ބައްދަލުކޮށް ޓްރަމްޕާ ދެކޮޅަށް ތެދުވެއްޖެ އެވެ. 

މިނެރަލްގެ މުއްސަނދިކަން ލިބިފައިވާ ގްރީންލެންޑު ޗައިނާ ނުވަތަ ރަޝިޔާއިން ހިފާފާނެ ކަމަށާއި އެހެންވެ އޭގެ ކުރިން އެމެރިކާގެ ބާރުގެ ދަށަށް އެތަން ގެންދާނެ ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފަ އެވެ. މިކަމުގައި ގްރީންލެންޑާ ވާހަކަ ދައްކައިގެން ޑީލަކަށް ދާން މަސައްކަތްކުރައްވާނެ ކަމަށާއި އެކަމަކު އެކަން ކާމިޔާބު ނުވެއްޖެ އެހެން ގޮތަކުން ވިޔަސް ތަން ހިފާނެ ކަމަށް ޓްރަމްޕު ވަނީ އިންޒާރު ދެއްވައިފަ އެވެ. 

މި އިންޒާރުތަކާ ދެކޮޅަށް ޔޫރަޕްގެ ގައުމުތަކުން ވާހަކަ ދައްކައި ގްރީންލެންޑުގެ ދިފާއުގައި އޮންނާނެ ކަމުގެ ޔަގީންކަން ދިނުމާ އެކު ޓްރަމްޕު ވަނީ ޑެންމާކް، ނޯވޭ، ސްވިޑެން، ފްރާންސް، ޖާމަނީ، ޔޫކޭ، ނެދަލެންޑްސް، އަދި ފިންލެންޑުގެ މުދަލަށް އަންނަ މަހުން ފެށިގެން އިތުރު 10 ޕަސެންޓުގެ ޓެރިފެއް ނަގާނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ ގްރީންލެންޑާ އެކު އޮންނާނެ ކަމަށް އިއުލާނުކުރ ގައުމުތަކެވެ. 

އެމެރިކާގެ ބާރުގެ ދަށަށް ގްރިންލެންޑު ގެންދިއުމާ ދެކޮޅަށް މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ
އެމެރިކާގެ ބާރުގެ ދަށަށް ގްރިންލެންޑު ގެންދިއުމާ ދެކޮޅަށް މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާއިން ގްރީންލެންޑު ހިފުމާ ދެކޮޅަށް މަސައްކަތްކުރާ ގައުމުތަކަށް ދިން އަދަބެއް ކަމަށް ވިދާޅުވެ ޓްރަމްޕު ނިންމެވި ނިންމެވުމަށް ގައުމުތަކުން ކަންބޮޑުވުމާ އެކު ރައްދު ދެމުން މިއަދު ބުނެފައިވަނީ މިކަމުގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑަށް ދަތިވާނެ ކަމަށާއި ޔޫރަޕަށް ގެއްލުން ވާއިރު ޓްރަމްޕަށް ވެސް "ގެއްލޭ އެއްޗެއް ވަކި ކުޑައެއް ނުވާނެ" ކަމަށެވެ. 

ޓްރަމްޕުގެ އިންޒާރާ އެކު މަސްރަހު ގޯސްވެ ޔޫރަޕްގެ އިއްތިހާދު (އީޔޫ) ގެ ކުއްލި ބައްދަލުވުމެއް މިއަދު ވަނީ ފަށައިފަ އެވެ. 

ޔޫރަޕްގެ ވެރިންގެ ގުޅިފައިވާ ބަޔާނުގައި ޑެންމާކުގެ ބޮޑުވަޒީރު މެޓް ފްރެޑެރިކްސަން ވިދާޅުވީ ޓްރަމްޕަށް "ޔޫރަޕް ބްލެކްމެއިލް ނުކުރެވޭނެ" ކަމަށެވެ. 

"ޑެންމާކަށް އަންނަނީ ވަރަށް ބޮޑު އެއްބާރުލެއް ލިބެމުން،" ފްރާންސާއި ޖަރުމަނާއި ޔޫކޭއާ އެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާކަން ފާހަގަކުރައްވަމުން ފްރެޑެރިކްސަން ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މުޅި ޔޫރަޕުން ވެސް އެއްބައިވަންތަކަން ފާޅުކޮށް ލިބެމުން އަންނަ މެސެޖުތަކާ މެދު އުފާކުރައްވާ ކަމަށެވެ. 

ގްރީންލެންޑުގައި ޖަރުމަނު ސިފައިން: ގްރީންލެންޑު ހިމާޔަތްކުރާނެ ކަމަށް ޔޫރަޕުން އަންނަނީ ބުނަމުން. -- ފޮޓޯ: އޭއެފްޕީ
ގްރީންލެންޑުގައި ޖަރުމަނު ސިފައިން: ގްރީންލެންޑު ހިމާޔަތްކުރާނެ ކަމަށް ޔޫރަޕުން އަންނަނީ ބުނަމުން. -- ފޮޓޯ: އޭއެފްޕީ

ފްރާންސުން ވަނީ ބޭރުގެ ބާރުތަކުން ޔޫރަޕްގެ ކަންކަން ބަދަލުކުރުމާ ދެކޮޅަށް އަމަލުކުރުމަށް 2023 ވަނަ އަހަރު އެކުލަވާލާފައިވާ "އެންޓި-ކޯޝަން އިންސްޓްރޫމަންޓް" (އޭސީއައި) އަށް އަމަލުކުރަން ފެށުމަށް ވެސް ގޮވާލައްވައިފަ އެވެ. އޭސީއައި އިން، ވިޔަފާރި އާއި އިގްތިސާދީ ގޮތުން ޔޫރަޕް ހިމާޔަތްކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅައި އެހެން ގައުމުތަކާ ދެކޮޅަށް ފިޔަވަޅުތައް އެޅުމުގެ ބާރު ލިބެ އެވެ. 

"ޔޫރަޕުން މި ކަންކަމަށް އެކަތިގަނޑެއްގެ ގޮތުގައި ޖަވާބު ދޭނަން. ޔޫރަޕްގެ އިސްތިގުލާލް ހިމާޔަތްކުރެވޭކަން ކަށަވަރުކުރާނަން." 

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ނޭޓޯ އިން ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކުގައި މަސައްކަތްކުރާތީ އެ ގައުމުތަކުން ޓެރިފް ނެގުމަކީ ބޮޑު ގޯހެއް ކަމަށެވެ.

ޓްރަމްޕާ ގާތް ގުޅުމެއް ބާއްވާ އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވެސް ވަނީ ޓްރަމްޕު ހައްދަވަނީ "ގޯހެއް" ކަމަށް ވިދާޅުވެފަ އެވެ. 

އެމެރިކާގެ ބާރުގެ ދަށަށް ގްރިންލެންޑު ގެންދިއުމާ ދެކޮޅަށް މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ
އެމެރިކާގެ ބާރުގެ ދަށަށް ގްރިންލެންޑު ގެންދިއުމާ ދެކޮޅަށް މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ

މި މައްސަލައިގައި ޓްރަމްޕާ ފޯނުން ވާހަކަ ދައްކަވާފައިވާކަން ހާމަކުރައްވަމުން މެލޯނީ ވިދާޅުވީ ގްރީންލެންޑްގެ ސަލާމަތަށް ގައުމުތަކުން އެއްބާރުލުން ދިނުމުން އެކަމުގެ ރައްދުގައި ޓެރިފް ނެގުމުގެ ވިސްނުމާ އެއްބަސްނުވެވޭނެ ކަމަށެވެ. 

"މިއީ ޗައިނާ އާއި ރަޝިއާ ކުޅި ބަލަން ތިބޭނެ ދުވަހެއް. އެކުވެރިންގެ މެދުގައި ބައިބައިވުން އުފެދުމުގެ ފައިދާ ވަނީ އެ މީހުންނަށް،" އީޔޫގެ ފޮރިން ޕޮލިސީ ޗީފް ކާޖާ ކަލަސް ވިދާޅުވި އެވެ.

ޑެންމާކުގެ އިސްތިއުމާރުގެ ދަށުގައި 1953 އާ ހަމައަށް އޮތް ގްރީންލޭންޑް އޭގެ 26 އަހަރު ފަހުން އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ އިރު މިހާރު އަންނަނީ ޑެންމާކުގެ ބާރު އިތުރަށް ކުޑަކުރުމަށް މަސައްކަތްކުރަމުންނެވެ. 

ގްރީންލޭންޑުގެ އާބާދީގެ ބޮޑު ބައެއް އަދި ސިޔާސީ ޕާޓީތަކުން ވެސް ދަނީ އެމެރިކާގެ ދަށުގައި އޮންނަން ބޭނުން ނުވާ ކަމަށް ބުނެ އަޑު އުފުލަމުންނެވެ. ނަމަވެސް ޓްރަމްޕު ވިދާޅުވަމުން ގެންދަނީ އެއީ އެކަން އޮތް ގޮތް ނޫން ކަމަށެވެ.