ފުޑް އެންޑް ޑްރަގު އޮތޯރިޓީ މެދުވެރިކޮށް ނަގަން ޖެހޭ ހުއްދަތައް ނުނަގައި، ބަރުދަން ލުއި ކުރުމަށާއި މޫނު ރީތިކޮށް ހަންގަނޑު އޮމާންކޮށްދޭ ކަމަށް އިޝްތިހާރުކޮށް ބޭސް ވިއްކަމުންދާ އޮންލައިން ޕޭޖުތަކާއި ފާމަސީތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްއެފްޑީއޭ އިން ދީފި އެެވެ.
ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އިމްޕޯޓްކޮށް ވިއްކޭނީ ބޭހާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ބޭސް އިމްޕޯޓްކުރާ އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީ ހުއްދަ ލިބިގެންނެވެ.
އެމްއެފްޑީއޭ އިން ބުނީ އިމްޕޯޓްކުރާ ހުރިހާ ބޭހަކީ ވެސް އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ރަޖިސްޓްރީކޮށް ވިއްކުމަށް އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭހުގެ ލިސްޓުގައި ހިމެނިފައިވާ ބޭހަކަށް ވާންޖެހޭ ކަމަށެވެ. އެކަމަކު ހުއްދަ ނުނަގައި ޕޭޖުތަކުން ބޭސް އެތެރެކޮށް ވިއްކާކަން ފާހަގަވެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
"ނަމަވެސް މި ފަހަކަށް އައިސް ނަގަންޖެހޭ ހުއްދަތައް ނުނަގައި އެކި ކަންކަމަށް ބޭނުންކުރާ ބޭސް އެތެރެކޮށް، ތަފާތު އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުން ގެންދާކަން މި އޮތޯރިޓީއަށް ވަނީ ފާހަގަކުރެވިފަ އެވެ." ބަޔާނުގައިވެ އެވެ.
އެމްއެފްޑީއޭ އިން ބުނީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ބޭނުންކުރާ ސެމަގްލުޓައިޑް އަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރާ ބޭހެއް ކަމަށާއި ހަމުގެ މައްސަލަތަކުގައި ބޭނުންކުރާ އަޒެލައިކް އެސިޑަކީ މޫނު ރީތިކޮށް އަލިކުރާ ބޭހެއް ކަމަށް ބުނެ، އޮންލައިން ޕޭޖުތަކުގައި އިޝްތިހާރުކޮށް ވިއްކަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި އެފަދަ ބޭސްތަކަކީ ކޮންމެހެން ބޭނުންކުރަންޖެހޭ ހާލަތުގައި އެކަމަށް ހާއްސަ ޑޮކްޓަރު ލިޔެދިނުމުން ނޫނީ ބޭނުންކޮށްގެންނުވާނެ ބޭސްތަކެކެވެ. އަދި ފާމަސީތަކުން ވެސް އެފަދަ ބޭސްތައް ދޫކުރެވޭނީ ޑރ. ލިޔެދީފައިވާ ބޭސް ސީޓީއަކަށް ކަމަށާއި ޑޮކްޓަރުގެ ލަފަޔާ ނުލައި އެފަދަ ބޭސްތައް ބޭނުންކުރުމުން ހީނުކުރާ ފަދަ ނުރައްކާތެރިކަމެއް ވެސް ދިމާވެދާނެ ކަމަށް ބުންޏެވެ.
އެހެންވެ، ހުއްދަ ނުނަގައި ބޭސް އިމްޕޯޓްކޮށް ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކަށް ބޭހާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެ ކަމަށް ބުނެ އެމްއެފްޑީއޭ އިން އިންޒާރުދެ އެވެ.