ބޫޓާނާ ވާދަކޮށް 1-3 އިން މޮޅުވެގެން، ލީގުގައި ބާކީ އެއް މެޗު އޮއްވައި ދިވެހިރާއްޖޭން ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.

މިއީ ފުޓްސަލް ގައުމީ ޓީމުން ހޯދި ފުރަތަމަ ކާމިޔާބީ އެވެ. ފުޓްބޯޅައިން ރާއްޖެ ވަނީ ދެ ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ. އެއީ 2008 އަދި 2018ގަ އެވެ.

ރާއްޖޭގެ ކުޅުންތެރިންނަށް މިހާތަނަށް އިންޑޯ ފުޓްސަލް ދަނޑެއް ގާއިމްވެފައި ނެތުމާ އެކު މުޅިންހެން ކުޅެ އުޅެނީ ޓާފް ދަނޑުގައި މިނީ ފުޓުބޯޅަ އެވެ. ނަމަވެސް މުބާރާތަށް ފަހު ރާއްޖޭގައި ހަގީގީ "ހަގީގީ ފުޓްސަލް" ތަރައްގީ ކުރާނެ ކަމަށް އުންމީދުކުރާކަން ގައުމީ ޓީމުގެ ކޯޗު އުޒްބަކިސްތާންގެ ފާރޫކް ޒަކީރޯވް ވަނީ ހާމަކޮށްފަ އެވެ. ޓާފް ދަނޑުތަކުގައި ތަމްރީނުތައް ކޮށް، ގައުމީ ފުޓްސަލް ޓީމު މުބާރާތަށް ދިޔައީ ޗައިނާގައި 10 ދުވަހުގެ އިންޑޯ ތަމްރީނުތަކަކަށް ފަހު އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވަރު ވެގެންނެވެ. މެޗުގެ 13 ވަނަ މިނިޓުގައި ބޫޓާންގެ ޖިގްމޭ ތިޝޫލް ޓްރިމް އެ ޓީމަށް ލީޑު ނަގައިދިން އިރު، މިއީ ރާއްޖެ ކޮޅަށް މުބާރާތުގައި ޓީމަކުން މެޗެއްގެ ފުރަތަމަ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ނަމަވެސް ހުސެއިން ޝަރީފް (އޮންލީ) ދިން ޕާހަކުން އަބްދުﷲ ޖުނެއިދު (ޖޭންނޭ) ވަނީ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ލަނޑެއް ޖަހައި ރާއްޖެއަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. މިއީ ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބްގެ ރިލީޒް ހޯދައިގެން ކުޅެމުން އަންނަ ލ. ގަމަށް އުފަން ޖޭންނޭ ފުޓްސަލް ޓީމުގައި ހިމެނިގެން ޖެހި ފުރަތަމަ ލަނޑެވެ.

އިންމި ލަނޑު ޖެހުމަށް ފަހު.--
އިންމި ލަނޑު ޖެހުމަށް ފަހު.--

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ހިލޭޖެހުމަކުން ރާއްޖެއަށް ލީޑު ނަގައިދިނީ އަހުމަދު ހަމީދު (އަންމަޑޭ) އެވެ. އަދި ތިންވަނަ ލަނޑު ޖަހައިދިނޭ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ.

ރާއްޖެ ވަނީ މިހާތަނަށް ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލި ކުރި އިރު ދެވަނަ މެޗުގައި ބަންގްލަދޭޝް ބަލި ކުރީ 6-1 އިންނެވެ. ޖެހިގެން އައި މެޗުގައި އިންޑިއާއާ ވާދަކޮށް 5-0 އިން މޮޅުވެ، އެއަށް ފަހު ވަނީ ނޭޕާލާ ވަރުގަދަ ވާދައެއް ކޮށް 2-1 އިން މޮޅުވެފަ އެވެ.

ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ފަހު ރާއްޖޭގެ ފުޓްސަލް ޓީމު ޝުކުރުގެ ސަޖިދައަކަށް ތިރިވެގެން.-- ފޮޓޯ: ފުޓްސަލް އެންޑް ބޯޒް ސޮކާ އިންޓަނޭޝަނަލް
ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ފަހު ރާއްޖޭގެ ފުޓްސަލް ޓީމު ޝުކުރުގެ ސަޖިދައަކަށް ތިރިވެގެން.-- ފޮޓޯ: ފުޓްސަލް އެންޑް ބޯޒް ސޮކާ އިންޓަނޭޝަނަލް

ފަސް މެޗުން ރާއްޖެ 15 ޕޮއިންޓް ހޯދާފައި ވާއިރު، ދެވަނައިގައި އޮތީ 10 ޕޮއިންޓް ލިބިފައިވާ ޕާކިސްތާނެވެ. ތިންވަނައިގައި އޮތް ނޭޕާލަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ހަތަރުވަނައިގައި އޮތީ ހަ މެޗު ވެސް ކުޅެގެން ހަތް ޕޮއިންޓް ލިބިފައިވާ ބަންގްލަދޭޝް އެވެ.

ބަންގްލަދޭޝް ވަނީ މިއަދު 4-1 އިން ނޭޕާލް އަތުން ބަލިވެފަ އެވެ. މިއަދު ދެން އޮންނާނީ އިންޑިއާ އާއި ސްރީ ލަންކާ ބައްދަލު ކުރާ މެޗެވެ.

އިންޑިއާ އަށް ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައި ވާއިރު، ލަންކާ އާއި ބޫޓާނަށް ވެސް ވަނީ ޕޮއިންޓެއް ލިބިފަ އެވެ.