މާލޭގެ ސޯޝަލް ސެންޓަރުގައި މާދަމާ ފަށާ ކާވާ ވިމެންސް ލީގުގައި ރާއްޖޭގެ ހުރާ ކޮމިއުނިޓީ ކްލަބާއި ޗެމްޕިއަން ކްލަބް ވެމްކޯ ވާދަ ކުރާނެ އެވެ.
ހުރާ ސީސީ އާއި ވެމްކޯގެ އިތުރުން މުބާރާތުގައި ވާދަކުރާ ހަތް ޓީމު ވަނީ ދެ ގުރޫޕަކަށް ބަހާލައިފަ އެވެ. ގުރޫޕް އޭ ގައި ވެމްކޯ އާއެކު ދެން ހިމެނެނީ ސްރީލަންކާގެ ހިރުދަރަމާނީ ސްޕޯޓްސް ކްލަބާއި ކަޒަކިސްތާންގެ ޓުރާން ވޮލީބޯލް ކްލަބެވެ.
ގުރޫޕް ބީގައި ހުރާ ސީސީގެ އިތުރުން ދެން ހިމެނެނީ ނޭޕާލް ޕޮލިސް ކްލަބާއި އުޒްބަކިސްތާންގެ ހުމޯ ވޮލީބޯލް ކްލަބް އަދި އިރާނުގެ ފޫލަދު މޮބާރަކާ ސެޕަހާން އެވެ.
ވެމްކޯ ވަނީ މިދިޔަ އަހަރު، ވީއޭއެމް ކަޕް ފައިނަލްގައި ޕޮލިސް ކްލަބް ބަލިކޮށް، ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި ހޯދައިފަ އެވެ. އެއަށް ފަހު ޕޮލިސް ކްލަބް އަތުން ވެސް ބަލި ވެގެން ގައުމީ ލީގު ގެއްލުނު ނަމަވެސް، ގައުމީ މުބާރާތުގެ ފައިނަލްގައި ޕޮލިސް ކްލަބް ބަލިކޮށް ވަނީ ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ގައުމީ ތަށި އުފުލާލައިފަ އެވެ.
ވެމްކޯ ވަނީ 2024 ގައި ރާއްޖޭގައި ބޭއްވި ކާވާ ވިމެންސް ވޮލީބޯލް ކްލަބް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދައިދީފަ އެވެ.
ހުރާ ސީސީ ވަނީ މިދިޔަ އަހަރުގެ ވީއޭއެމް ކަޕާއި ގައުމީ ލީގުގެ އިތުރުން ގައުމީ މުބާރާތުގެ ވެސް ތިންވަނަ ހޯދައިފަ އެވެ. އެ ޓީމު ސީޒަން ފެށީ ވީއޭއެމް ކަޕްގެ ޕްރިލިމިނަރީ ބުރުންނެވެ.
ހަތް ދުވަހަށް ކުރިއަށް ގެންދާ ކާވާ ވިމެންސް ލީގުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރެ އެވެ.