ޖަރާސީމުގެ އަސަރު ހުރި ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ (އެމްއެފްޑީއޭ) ގެ ޓެސްޓުތަކުން ދެއްކި ބެޗުގެ ހޭންޑީ ވޯޓާގެ ބިއްލޫރިފުޅިތައް މާކެޓުން ނަގާފައިވާނެ ކަމަށް އެ ފުޅިތައް ބަންދުކުރާ ކުންފުނިން ބުނެފި އެވެ.

އެމްއެފްޑީއޭ އިން މިދިޔަ ބުދަ ދުވަހު ވަނީ ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާ 330 އެމްއެލް އާއި 550 އެމްއެލް އަދި އެއް ލީޓަރުގެ ބިއްލޫރި ފެން ފުޅީގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު ފެނިފައިވާތީ އެކަމަށް ސަމާލުވާން އާންމުންނަށް އަންގައިފަ އެވެ.

އެހެންވެ، ވަކި ގޮތެއް އަންގަންދެން ހޭންޑީ ވޯޓާގެ ބިއްލޫރި ފުޅިތަކުގައި ބަންދުކޮށްފައިވާ ފެން ބޭނުން ނުކުރަން އެމްއެފްޑީއޭ އިން އެންގި އެވެ. 

އެކަމާ ގުޅިގެން، ހޭންޑީ ވޯޓާފުޅި ބަންދުކުރާ ހޭންޑީ އިންޑަސްޓްރީޒުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ މައްސަލައެއް މެދުވެރިވި ސަބަބު ދެނެގަނެ، އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ވާނީ އަޅާފައި ކަމަށެވެ. 

"އެމްއެފްޑީއޭ އިން ޓެސްޓުކޮށް، ބެލިއިރު ހޭންޑީ ވޯޓާގެ ML 330 ގެ 007 ބެޗު، 006 ބެޗު، 500 ML ގެ 0026 ބެޗު، 1،000 ML ގެ 009 ބެޗު، 0011 ބެޗުގައި މައްސަލަތަކެއް ހުރި ކަމަށް ފާހަގަވެފައިވާ ކަމަށް އެ އޮތޯރިޓީ މި ކުންފުންޏަށް އެންގުމާ އެކު އެއްވެސް ލަސްކުރުމެއް ނެތި އެ ބެޗުތަކުގައި ވިއްކާފައިވާ އެންމެހާ ފުޅިތައް މި ކުންފުނިން ވާނީ ރީކޯލް (އަނބުރާ ގެނެސްފަ) ކޮށްފަ އެވެ،" ހޭންޑީ އިންވެސްޓުމަންޓުން ބުންޏެވެ. 

އެ ބެޗުތަކުގެ އެއްވެސް ފުޅިއެއް މާކެޓުގައި މިހާރު ނުހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.