ރާއްޖޭގައި ފަހަކަށް އައިސް ބިނާކުރާ ކޮންމެ މިސްކިތަކުން ފެންނަން ހުންނަނީ ޒަމާނުގެ ކުލަތަކާއި ފަރުމާތަކާއި އަލިތަކެވެ. މިސްކިތުގެ ފުރިހަމަކަން މިނެނީ ތަނުގެ ސައިޒުންނާއި އުސްމިނުންނެވެ.

ނަމަވެސް ނ. ކުޑަފަރީގައި އިއްޔެ ހުޅުވި މިސްކިތުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އެ މިސްކިތުން ދައްކުވައިދެނީ ދިވެހީންގެ އިހުގެ ފަރުމާތަކާއި ފަންނުވެރިކަމެވެ. ދިރުވައިދެނީ ދިވެހީންގެ ސަގަފާތާއި މަސައްކަތްތެރިކަމެވެ.

އެއީ ރާއްޖޭގެ ކާމިޔާބު ޓޫރިޒަމް ވިޔަފާރިވެރިޔާ އަދި ސިޔާސީ ދާއިރާގައި މަޝްހޫރު އަހުމަދު ސިޔާމް މުހައްމަދު (ސަން ޓްރެވެލް ސިޔާމް) އޭނާގެ ބައްޕަ ހަނދާނުގައި އުފަން ރަށުގައި ބިނާކޮށްދެއްވި "މަސްޖިދުލް މުހައްމަދު ގާސިމް" އެވެ. ރަށުގެ ބަނދަރު ސަރަހައްދުގައި، އިމާރާތްކުރި މި މިސްކިތް އިއްޔެގެ މަޣްރިބް ނަމާދަށް ހުޅުވައިދެއްވީ ވެސް އޭނާ އެވެ.

ސިޔާމްގެ އަމިއްލަ ހަރަދުގައި ކުޑަފަރީގައި އިމާރާތްކުރި މިސްކިތް
ސިޔާމްގެ އަމިއްލަ ހަރަދުގައި ކުޑަފަރީގައި އިމާރާތްކުރި މިސްކިތް

މުޅި ދުނިޔެ އަށް ބެލިޔަސް ތާރީހީ މިސްކިތެއްގެ ގޮތުގައި ފާހަގަކުރެވޭ މާލޭ ހުކުރު މިސްކިތުގެ ފަރުމާ އިން ހިތްވަރު ހޯދައިގެން ބިނާކުރި މި މިސްކިތް މުއްސަނދިވެފައި ވަނީ ގަލުވަޑާމާއި ލަކުޑީގެ ވަޑާމުގެ ޑިޒައިންތަކުންނެވެ. ގިނަ އަދަދަކަށް ހައިވަކަރު ބޭނުންކޮށްފައިވާ މިސްކިތުގައި ކަނޑާނަގާފައިވާ ގުރުއާނުގެ ކަލިމަތަކުން ވެސް ފެންނަނީ އިހުގެ ފަރުމާ އެވެ. އަދި ދޮރުތަކާއި މަތިވަޑާންގަނޑުން ވެސް ފެންނަނީ އެ ކުލަވަރެވެ.

އިސްލާމިކް މިނިސްޓްރީން ވެސް ބުނީ 150 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދިވެހީންގެ ގަދީމީ ތާރީހާއި ސަގާފަތާއި ދިވެހީންގެ މަސައްކަތްތެރިކަމުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ ވަޑާމާއި ލަކުޑީގެ ވަޑާމާއި ލިޔެލާޖެހުމުގެ ފަންނާއި ހުނަރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާނެ ގޮތަށް ބިނާކޮށްފައިވާ މިސްކިތެއް ކަމަށެވެ.

ސަން ސިޔާމް އޭނާގެ އުފަން ރަށް ކުޑަފަރީގައި އިމާރާތް ކޮށްދިން މިސްކިތުން ދައްކުވައިދެނީ ދިވެހިންގެ ގަދީމީ ތާރީހާއި ސަގާފަތް.
ސަން ސިޔާމް އޭނާގެ އުފަން ރަށް ކުޑަފަރީގައި އިމާރާތް ކޮށްދިން މިސްކިތުން ދައްކުވައިދެނީ ދިވެހިންގެ ގަދީމީ ތާރީހާއި ސަގާފަތް.

މި މިސްކިތުގައި ގުއްބެއް ނެތެވެ. ބަދަލުގައި ހުރީ މާލޭގެ ހުކުރު މިސްކިތުގައި ހުރި ކަހަލަ މުންނާރެކެވެ. އެތަނުގެ އެތެރޭގައި ވުލޫއު ކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.

މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ކުޅަދާނަ އާކިޓެކްޓް އަދި ރާއްޖޭގެ އާކިޓެކްޗުއަރަލް ހެރިޓޭޖް ދިރާސާކުރައްވާ މައުރޫފް ޖަމީލް ވަނީ މި މަސައްކަތަށް ތައުރީފުކުރައްވައިފަ އެވެ.

"ވަރަށް ރީތި މިސްކިތެއް މިއީ،"

ރާއްޖޭގެ ހިރިގަލުގެ މިސްކިތްތަކުގެ ޑިޒައިނަށް ޒަމާނީ ގޮތް ގެނެސް ބިނާކުރި މި މިސްކިތަކީ ރާއްޖޭގެ ސަގާފަތަށް ލިބުނު ދިރުމެއް ކަމަށް އޭނާ ވިދާޅުވީ އެވެ.

"މިސްކިތުގެ އެތެރޭގެ މަސައްކަތް ވެސް ވަރަށް ފުރިހަމަ. ޑޯމެއް (ގުއްބެއް) ނުލާ ވެސް ރީތި މިސްކިތެއް ބިނާކުރެވިދާނެކަން މި ފެނުނީ،"

މި މިސްކިތުން ރާއްޖޭގެ އިހުގެ ފަންނުވެރިކަން ވަރަށް ބޮޑަށް ފެންނާތީ މިއީ ޓޫރިސްޓުންގެ ސަމާލުކަން ވެސް ލިބޭނެ ތަނެއް ކަމަށް ބެލެވެ އެވެ.

ކުޑަފަރީ ބަނދަރު ސަރަހައްދުގައި އެޅި މި މިސްކިތަކީ އެ ރަށު މީހުންގެ އިތުރަށް، އެ ރަށް އަރައިފައިބާ ދަތުރުވެރިންނަށް ފަސޭހައިން ނަމާދުކުރެވޭނެ ގޮތަށް ހަދާފައިވާ މިސްކިތެވެ.

ސިޔާމް ވަނީ ކުޑަފަރީގައި އޭނާގެ މަންމަގެ ހަނދާނުގައި ވެސް މީގެ ކުރިން މިސްކިތެއް ބިނާކުރައްވައިފަ އެވެ.