ޑައިވަރު ޒޫނާ ނަސީމްގެ އަރުތެރެއިން ރާއްޖޭގެ ހިތްގައިމު މޫދުގެ ލޮނު ރަހަ ކެނޑޭ ވަގުތެއް މަދުވާނެ އެވެ. އެތައް ބަޔަކު ގޮވައިގެން އެ ރީތި ކަމުގެ ތެރެއަށް ފީނުމުގައި ހުރިހާ ވަގުތެއް ހޭދަކުރާ މި "މޫދުބުޅާ" އެއްގަމަށް އަރައި ދިރާގާއެކު "މިހާރު ބަދިގެ" އިން މިއަދު ބައްދަލުކޮށްލާނީ ހާއްސަ ރެސިޕީއަކުންނެވެ.
އާއްމުކޮށް ޑޯނަޓް ކައި އުޅެނީ ފޮނިކޮށެވެ. އެކަމަކު މިއަދުގެ އެޕިސޯޑުގައި ޕްރެޒެންޓަރު ޝަމްރާ ޝަމީމް (ކުޑޫ)އާ އެކު ޒޫނާ ތައްޔާރުކޮށްދޭނީ ލޮނު ހެޔޮވަރުގެ ޑޯނަޓެކެވެ.
ކޮންމެ ދުވަހަކު ވެސް ދިވެހި ކެއުމަކުން ދުވަސް ފުރިހަމަ ނުވާ އަދި އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ ޒޫނާއަށް "ކަނޑުއަޑިއަށް ވުރެ ބްރިޖާއި މާލޭގެ މަގުމަތި މާ ބިރުވެރި" އެވެ. އެކަކު އަނެކަކަށް ނުބަލައި ބާރު ސްޕީޑުގައި ދުއްވުން މާ ނުރައްކަލެވެ.
ކަނޑުއަޑީގެ ގުދުރަތީ އަޖައިބުތަކުގެ ތެރޭގައި އޭނާ ފޫއްސެއް ނުވެ އެވެ. ރާއްޖޭގެ ކޮންމެ ސަރަހައްދަކީ ވެސް ފީނާލަން އޭނާ އަށް ހަމަ އެއްވަނަ އެވެ.
ކަނޑު އަޑި ނުބެލޭ މީހެއް ނަމަ ރާއްޖޭގެ ވަރަށް މަދު ޕަސެންޓެއް އެ މީހަަކށް އެ ފެނުނީ.
ޗިކަން ޑޯނަޓަށް ބޭނުންވާ ތަކެތި
500 ގްރާމް ކުކުޅު
(މަޑުވަންދެން ކައްކާފައި ކުދިކޮށް ކޮށާފައި ނުވަތަ މިކްސަރުން ހިމުންކޮށްފައި)
1/4 ޖޯޑު ކޮރިއެންޑާ ނުވަތަ ޕާސްލީ (ހިމުންކޮށް ކޮށާފައި)
2 މިރުސް (ކޮށާފައި)
1 ސަމްސާ އަނިއަން ޕައުޑާ
1 ސަމްސާ ގާލިކް ޕައުޑާ
1/4 ސަމްސާ ރީނދޫ
1 ސަމްސާ ލޮނު
1/2 ސަމްސާ އަސޭމިރުސް
1/2 ޖޯޑު މޮޒެރެއްލާ ޗީޒް (ގާނާފައި)
ޑޯނަޓް ތެލުލަން ބޭނުންވާ ތަކެތި
2 ބިސް ގިރާފައި
2/1 ޖޯޑު ޕާންކުޑި
2-3 ޖޯޑު ތެޔޮ
ތައްޔާރުކުރާނެ ގޮތް
ޑޯނަޓްގެ މަސްގަނޑަށް ބޭނުންވާ ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. އަތުގައި ތެޔޮފޮދެއް އުނގުޅުމަށް ފަހު މަސްގަނޑުން ޑޯނަޓް ބައްޓަމަށް ހަދައި ޓްރޭއެއްގައި އަތުރާލާށެވެ.
ފްރިޖްގައި ގާތްގަނޑަކަށް 15 މިނެޓް ބަހައްޓާށެވެ. ކުކުޅުބިހާއި ލޮނާއި އަސޭމިރުސް ގިރާފައި ޑޯނަޓްތައް ތެލުމުގެ ކުރިން އެއަށް ލައި ބޭރުގައި ފާރޮށިކުނޑި ހާކާލަންވާނެ އެވެ. އުނދުން މެދު މިނެއްގައި ބަހައްޓައިގެން ޑޯނަޓްތަކަށް މުށިކުލަ އަރަންދެން ތެލުލާށެވެ.
"މޫދުބުޅާ": އަބަދު މޫދަށް ދާތީ މަންމަ ދިން ނަމެއް
ކުޑަކުޑަ ރީތި ރަށް، ކުޑަފަރިއަށް ނިސްބަތްވާ ޒޫނާގެ ކުޑައިރުގެ ހަނދާންތައް ވެސް ގުޅިފައި އޮތީ މޫދާ އެވެ. އޭނާގެ ޑައިވް ސްކޫލަކަށް މޫދުބުޅާގެ ނަން ދިނީ މަންމަ ލޯބިން ކިޔައި އުޅުނު ނަމާ ގުޅުވައިފަ އެވެ. ރިސޯޓުގައި 15 އަހަރު މަސައްކަތްކޮށްފައި ޑައިވް ސެންޓަރެއް ހުޅުވީ ކަނޑުއަޑީގެ ހިތްގައިމުކަން އެހެން މީހުންނަށް ދެއްކުމަށެވެ.
ޑައިވަށް ފަހު މޫދުން ލިބޭ ތާޒާ މަސް ނުވަތަ ދިވެހިން އާއްމުކޮށް ހައްދާ ތަރުކާރީގެ ބާވަތްތްތަކަކީ އޭނާގެ އާއިލާއަށް އެންމެ ކަމުދާ ކެއުމެވެ. ކޮންމެ ދުވަހަކު ވެސް މަދުވެގެން އެއް އިރު ދިވެހި ކެއުމެއް ހުންނަން ޖެހެ އެވެ.
ޑައިވިންގައި ޒޫނާ ދަސްކޮށްދޭ އެންމެ މުހިއްމު ކަމަކީ ޑިސިޕްލިން އެވެ.
"އެންމެ އުފާވަނީ ޑައިވުން އަރާފައި އެ މީހަކު އެ ދޭ ހިނިތުންވުން. އެ މީހަކަށް ވަރަށް އުފާވެރި ހިތްހަމަޖެހޭ ކަމެކޭ މިކޮށްދެވުނީއޭ ކުރެވޭ އިހްސާސް،" ޒޫނާ ބުންޏެވެ.
ޒޫނާ ބުނި ގޮތުގައި ފީނަން ރާއްޖެ ފަދަ ދެވަނަ އެހެން ތަނެއް ނެތެވެ. ބޭރުގައުމުތަކުގައި ވެސް ޑައިވްކުރި ޒޫނާއަށް ރާއްޖޭގައި ކުރާ ކޮންމެ ޑައިވަކީ ވެސް އެހާމެ ހިތްގައިމު މަންޒަރެކެވެ. ލިބޭ ހިތްހަމަޖެހުމެކެވެ.
ޒޫނާ ބުނި ގޮތުގައި ދިވެއްސެއް ނަމަ މޫދަށް ބިރުނުގަނެ އެންމެ ފަހަރަކު ނަމަވެސް ޑައިވެއް ކޮށްލަން ޖެހެ އެވެ. ޑައިވްކުރން ކޮންމެހެން ފަތަން އެނގޭކަށް ނުޖެހެ އެވެ.
ދުވަހަކު މޫދަށް ނޭރުނަސް ޑައިވް ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.