ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވެފައިވާ ފާތުމަތު ހަނާގެ މަރުގެ ހުކުމް ނިހާއީ ހުކުމެއްގެ ގޮތުގައި ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ލިއުއްވި ރައުޔުގައިވާ ގާނޫނީ އުސޫލުތައް ފޮތެއްގެ ގޮތުގައި ނެރުއްވައިފި އެވެ. 

"ތަމާލުއު"ގެ ނަމުގައި މަހާޒު ނެރުއްވީ ޖަމާއަތެއްގެ ކިބައިން ގިސާސް ހިފުމުގެ ޝަރުއީ އުސޫލުތައް ރާއްޖޭގައި ތަތުބީރު ކުރަމުން އަންނަ ގޮތުގެ އުސޫލުތަކެވެ. މި ފޮތް ނެރެފައިވަނީ އޮންލައިންކޮށެވެ. ދިވެހި ފޮތް އެޕުން ވެސް ފޮތް ކިޔާލެވޭނެ އެވެ. 

ހަނާގެ މައްސަލަ ބަލަން އެކުލަވާލި ބެންޗުގައި މަހާޒު ހިމެނިވަޑައިގެންނެވި އެވެ. ނަމަވެސް، އެ މައްސަލައިގައި އޭނާ ރައުޔު ލިޔުއްވާފައިވަނިކޮށް މަގާމުން ވަނީ ވަކިކޮށްފަ އެވެ. މިހާރު މައްސަލަ ބަލަމުން ދަނީ އާ ރިޔާސަތަކާއި ބެންޗަކުންނެވެ. މިހާތަނަށް ވެސް އެ މައްސަލައިގެ ހުކުމެއް ނީއްވަ އެވެ. 

ހަނާގެ މައްސަލައިގައި އެންމެ ފުރަތަމަ ރައުޔު ލިޔުއްވައި ފޮނުއްވީ ކުރީގެ އުއްތަމަ މުއުތަސިމް އަދުނާން ކަމަށް، މަހާޒްގެ ފޮތާ ބެހޭ ގޮތުން އޭނާ އާންމުކުރައްވާފައިވާ މައުލޫމާތުގައި ލިޔުއްވާފައިވެ އެވެ. އެ ރައުޔު ވިދާޅުވުމަށް ފަހު މަހާޒު ވަނީ ފަނޑިޔާރުންނާ އެކު ބައްދަލުވުމަކަށް އެދިވަޑައިގެންފަ އެވެ. އެ ބައްދަލުވުމަށް މަހާޒު އެދިވަޑައިގެންނެވީ ބައެއް ކަންކަން ސާފުކުރަން ބޭނުންވާތީ އެވެ. އެ ބައްދަލުވުމަށް ފަހު، ނަޖީބުގެ ހަށިގަނޑު ބެލި ޑޮކްޓަރުގެ ހެކިބަސް ނަގާފައިވެ އެވެ. 

އެ ހެކިބަހަށް ވެސް ރިއާޔަތްކޮށް މަހާޒު ވަނީ އޭނާގެ އަމިއްލަ ރައުޔެއް ލިޔުއްވައި، ބެންޗުގެ އެހެން ފަނޑިޔާރުންނަށް ފޮނުއްވައިފަ އެވެ. އެ ބެންޗުގައި އެހެން ދެ ފަނޑިޔާރަކު ރައުޔަށް ތާއިދު ކުރައްވާފައިވާތީ، އަޣުލަބިއްޔަތު ރައުޔަށް ވަނީ ވެފަ އެވެ. ނަމަވެސް، މަހާޒު ވިދާޅުވެފައިވާ ގޮތުގައި އެއްވެސް އަސާސެއް ނެތް ކަމެއްގައި އޭނާ މަގާމުން ވަކިކުރީ ރައުޔު އިތުރަށް ފުރިހަމަ ކުރައްވަމުން ގެންދަވަނިކޮށެވެ. 

މަހާޒުގެ ރައުޔުގައި ގިސާސްއާ ގުޅޭ ގިނަ އުސޫލުތަކެއް ބަޔާން ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ޖަމާއަތެއްގެ ކިބައިން ގިސާސް ހިފޭނެ އުސޫލުތައް ހިމެނެ އެވެ. އޭނާ ވަނީ އެ ހުރިހާ ކަމެއް ފޮތުގައި ހިމަނުއްވައިފަ އެވެ. އެގޮތުން، ޖަމާއަތެއްގެ ކިބައިން ގިސާސް ހިފަން ޖެހޭ ސަބަބާއި ޖަމާއަތަކީ ކޮބައިކަމާއި ބައިވެރިންނާއި އެހީތެރިންގެ ކިބައިން ގިސާސް ހިފުމުގެ އުސޫލުތައް ހިމެެނެ އެވެ. 

ފޮތުގެ އިސްބަހުގައި މަހާޒު ލިޔުއްވާފައިވާ ގޮތުން ފޮތެއް ގޮތަށް އެކުލަވާލުމުގައި އިތުރު ގިނަ މަސައްކަތްތަކެއް ކުރަންޖެހުނެވެ. އޭގެ ތެރޭގައި ކޯޓުތަކުން މި މައުޟޫއުގައި ނިންމާފައިވާ މައްސަލަތައް އަލުން ކިޔައި ބެލުމާއި، އިތުރު ފޮތްތަކާއި، އިތުރު ގުޅުންހުރި މައުޟޫއުތައް ދިރާސާކުރަން ޖެހުނުކަން ފާހަގަކުރައްވާފައިވެ އެވެ. 

"މި ފޮތް ލިޔުމުގައި ހައިކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލަތަކުގެ ނިންމުންތައް ހުރި ގޮތަށް ލިޔުމުގައި އެ ނިންމުންތަކުގައި ހުރި ފުޓްނޯޓުތައް އުނިއިތުރެއް ގެނައުމެއް ނެތި ލިޔެފައިވާނެ އެވެ. އަދި ކޮންމެ މައްސަލައަކާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ނުވަތަ ކޮމެންޓްރީގައި އައިކަނެއް ހިމެނުމަށް ފަހު ލިޔެފައިވާނެ އެވެ." މަހާޒު ވިދާޅުވެފައިވެ އެވެ. 

މީގެ ކުރިން ވެސް ގާނޫނީ ބައެއް ފޮތްތައް ލިޔުއްވާފައިވާ މަހާޒް އެންމެ ފަހުން ކުރެއްވި މިފަދަ ބޮޑު އެއް މަސައްކަތަކީ  ދިވެހި ބަހުން ފަސޭހައިން ދޭހަވާނެ ގޮތަށް، ކީރިތި ގުރުއާނުގެ ހުލާސާ ތަފްސީރު ލިޔުއްވައި ޝާއިއުކުރެއްވުމެވެ. ޖުމްލަ ހަ ވޮލިއުމަކަށް ބަހާލައިގެން ކޮންމެ ވޮލިއުމެއްގައި ގުރުއާނުގެ ފަސް ފޮތް ހިމެނޭ ގޮތަށް ޝާއިކުރަމުން ގެންދާ އެ ފޮތްތަކުގެ ތެރެއިން ތިން ފޮތް މިހާރު ވަނީ ޝާއިއުކުރައްވައިފަ އެވެ.