އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ފާޑު ވިދާޅުވެ ޖަލްސާއެއްގައި ދެއްކެވި ވާހަކާގައި ސަރުކާރު ސިފަކޮށްދިނުމުގެ ބޭނުންކުރެއްވި ދިވެހި ބަހުގެ މަޖާޒީ މިސާލަކުން، ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް ފުރައްސާރަވާ ކަމަށް ބުނެ އެ ވާހަކަ  ޑިސްއެބިލިޓީ ކައުންސިލުން ކޮށްވެރިކޮށްފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރަން އުފައްދާފައިވާ ކައުންސިލުން ބަޔާނެއް ނެރުނީ "ކަނަކު އިޝާ ނަމާދަށް ދާހެން" ސަރުކާރުން ލާހޫރެނީ ކަމަށް ވިދާޅުވެ ޝާހިދު ދެއްކެވި ވާހަކައަށް ފަހުގަ އެވެ.

އެ ކައުންސިލުން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ފަހިފެހި ތިނަދޫ ސިޓީ މެނިފެސްޓޯ އިފްތިތާހުކުރަން ބޭއްވި ޖަލްސާގައި ޝާހިދު ވާހަކަ ދެއްކެވީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަދި މަލާމާތް ރައްދުވާ ބަހުރުވައިން ކަމަށެވެ. 

"ކަނަކު އިޝާ ނަމާދަށް ދާހެން މަގުމައްޗަށް ނުކުމެ ލާހުރެމުންދާ ސަރުކާރެއް އަޅުގަނޑުމެންގެ މިއޮތީ. އެ ސަރުކާރަކަށް ނޭނގޭ މެނިފެސްޓޯއެއް ލިޔެގެން މެނިފެސްޓޯގައި ކަންކަން ކުރަންވާ ގޮތްތަކެއް ތަރުތީބުކޮށްގެން ހިސާބުކިތާބު ޖަހައިގެން ކަންކުރުން އެއީކަން ގައުމު ހިންގުމަކީ،" ތިނަދޫގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވެ އެވެ. 

ޝާހިދު ބޭނުންކުރެއްވި މިސާލު ބަހަކީ، ސީދަލަށް ޔަގީންކަމާ އެކު ކުރިއަށް ނުދެވި ހޫރެމުން ހިނގަމުން ދިއުމާ ގުޅުވައި ބޭނުންކޮށް އުޅޭ މިސާލު ބަހެކެވެ. ބައެއް މީހުން ދަނީ ޝާހީދުގެ އެ މިސާލު ދިފާއު ވެސް ކުރަމުންނެވެ. އެގޮތަށް ދެކޭ މީހުން ބުނާ ގޮތުގައި ޝާހިދު ޖެއްސެވި މިސާލު މައްސަލައަކަށްވާ ނަމަ، "ފެތުނު އޮޑީ ރިޔާ ދަށުވިޔަސް ކަނަކު އަތްދަށުނުވާށެވެ." ފަދަ މިސާލުތަކެއް ވެސް ބޭނުމެއް ނުކުރެވޭނެ އެވެ. 

ކައުންސިލްގެ ބަޔާނުގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ރާއްޖެ ބައިވެރިވެފައިވާ ހުރިހާ ބައިނަލްއަގްވާމީ މުއާހަދާތަކުންނާއި ގާނޫނުއަސާސީން ރައްކާތެރިކަން ލިބިގެންވާ ބައެއް ކަމަށެވެ. އަދި ގާނޫނުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އިހްތިރާމުކުރުމާއި އަމިއްލަވަންތަކަމާއި މިނިވަންކަމާ އެކު ދިރިއުޅުމުގެ ފުރުސަތަކީ އެ މީހުންނަށް ލިބިގެންވާ ހައްގެއް ކަމަށް ބަޔާނުގައި ބުންޏެެވެ. 

ބަޔާނުގައި ބުނީ ސިޔާސީ ޕާޓީއެއްގެ އިސް ބޭފުޅަކު އެފަދަ މޭރުމަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މަލާމާތާއި ފުރައްސާރަ ކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުވާ މުޖުތަމައުއެއް ބިނާކުުރުމަށް އެ ކައުންސިލުން ކުރާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށެވެ. އެފަދަ ބަސްތައް މުޖުތަމައުގައި އާންމުވުމަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ވެސް ބުންޏެވެ. 

"މިފަދަ ބަސްތައް މުޖުތަމައުގައި އާންމުވެގެންދިއުމަކީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް، އަދި އެކަމުގެ ސަބަބުން އެ މީހުންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެއްކަން ހިތާމައާއެކު ފާހަގަކުރަމެވެ." ބަޔާނުގައިވެ އެވެ. 

އެ ވާހަކަތަކާ ގުޅިގެން ކައުންސިލުން ވަނީ އެފަދަ ވާހަކަތައް ތަކުރާރު ނުކުރުމަށް ގޮވާލައިފަ އެެވެ. އަދި އެމީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރާ ބުރަ މަސައްކަތުގައި އެއްބާރުލުން ދިނުމަށް ވެސް އެދިފައިވެ އެވެ.