ޑިފެންސް މިނިސްޓްރީގެ ނަން "މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް" ގެ ނަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބަދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ބަދަލު ގެނައީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ކަމަށެވެ.
ޑިފެންސް މިނިސްޓްރީގެ ނަން ބަދަލުކުރުމާ ގުޅިގެން، އެ މިނިސްޓްރީ އަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސާފައިވާ ރަސްމީ ނަމަކީ ރައީސް އޮފީހުން ބުނި ގޮތުގައި "ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާ" އެވެ.
ޑިފެންސް މިނިސްޓްރީގެ ނަމަށް ނޭޝަނަލް ސާވިސް އިތުރު ކުރިއިރު، އަހުލާގު ރަނގަޅު، ހިދުމަތްތެރި ޒުވާނުންތަކެއް ބިނާކުރަން ރައީސް މުއިއްޒު ވަނީ މޯލްޑިވްސް ނެޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް) ތައާރަފުކޮށް، ތަމްރީނު ކުރަން ފަށައިފަ އެވެ. އެ ޒުވާނުންނަށް ތަމްރީނު ދިނުމުގެ ހުރިހާ ކަމެއް ބަލަހައްޓަނީ ޑިފެންސް މިނިސްޓްރީގެ ދަށުންނެވެ.
މޯލްޑިވްސް ނޭޝަނަލް ސާވިސްއަކީ އަހުލާގު ރަނގަޅު، ހިދުމަތްތެރި ޒުވާނުންތަކެއް ބިނާކުރަން ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ހާއްސަ ޕްރޮގްރާމެއް ވެސް މެ އެވެ.
ދިވެހި ވަތަނީ ހިދުމަތަށް ތަމްރީނުކޮށް، ބައެއް ޒުވާނުންނަށް ސިފައިންގެ އާއި ދައުލަތުގެ އެހެން ބައެއް އިދާރާތަކުން މިހާރު ވަނީ ވަޒީފާ ވެސް ހަމަޖައްސައިދީފަ އެވެ.
ޑިފެންސް މިނިސްޓްރީގެ ނަމަށް ގެނައި ބަދަކާ އެކު، އެ މިނިސްޓްރީގެ މަސައްކަތުގެ އޮނިގަނޑުގެ ތެރެއަށް ވަނީ މޯލްޑިވްސް ނޭޝަނަލް ސާވިސްއާ ގުޅޭ ގޮތުން އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުން ހަވާލުކޮށްފަ އެވެ.
ޑިފެންސް މިނިސްޓްރީގެ ނަމަށް ބަދަލު ގެނައިއިރު، އެ މިނިސްޓްރީގެ އާ މިނިސްޓަރަކަށް ރޭ ވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހަސަން ރަޝީދު އައްޔަން ކުރައްވައިފަ އެވެ.
ތ. ވިލުފުއްޓަށް އުފަން ހަސަން ރަޝީދަކީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރެއްވި ދުވަސްވަރުން ފެށިގެން ވަރަށް ގާތް އަދި އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ލިސްޓުގައި ހިމެނޭ ނަމެކެވެ.
ހަސަން ރަޝީދު ވަނީ ތަފާތު ތިން މިނިސްޓްރީއެއްގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ފެށިގެން 10 ވަރަކަށް އަހަރު ވަންދެން ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ. އެއީ ހައުސިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީ އެވެ.
ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ވެސް ހަސަން ރަޝީދު ހުންނެވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
އޭނާއަކީ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ އެއްބަފާ ބޭބެ ވެސް މެ އެވެ.
އާ ޑިފެންސް މިނިސްޓަރަކަށް ހަސަން ރަޝީދު އައްޔަން ކުރެއްވީ ކުރިން އެ މަގާމު ފުރުއްވި މުހައްމަދު ޣައްސާން މައުމޫން މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ޣައްސާނާ އެކު އިތުރު ނުވަ މިނިސްޓަރަކު ވެސް އިސްތިއުފާ ދެއްވި އެވެ.
ރައީސް އޮފީހުން ބުނީ، ކެބިނެޓުގެ ގިނަ މިނިސްޓަރުންތަކެއް އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވަން ކަމަށެވެ.