މިދިޔަ މަހު ބޭއްވި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި މާލޭގެ ޑަބްލިއުޑީސީގެ ރައީސާ ކަމަށް ޕީއެންސީގެ ފަރާތުން ވާދަކޮށް ބަލިވި އާޝިޔަތު އަލައިކާ އަދުދާނަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި، ޓްރާންސްޕޯޓް އެންޑް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަލައިކާ އައްޔަންކުރެއްވީ އިއްޔެ އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

މިދިޔަ މަހުގެ ހަތަރެއްގައި ބޭއްވި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި މާލޭގެ ޑަބްލިއުޑީސީގެ ރައީސާ ކަމަށް އަލައިކާގެ އިތުރު ދެ ބޭފުޅަކު ވާދަކުރެއްވި އެވެ. އެ އިންތިހާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައިޝަތު ރީޝާ އެވެ. 

އެ އިންތިހާބުން ބަލިވުމަށް ފަހު އަލައިކާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ނާކާމިޔާބުވި ނަމަވެސް، އެ ދަތުރު ނިންމާލީ އެ އަށް ވުރެ މާ މަތިވެރި އަދި އަގުނުކުރެވޭނެ ފަދަ ނިއުމަތަކާ އެކުގައި ކަމަށެވެ. އެއީ އެތައް ބައެއްގެ އިތުބާރާއި ލޯތްބާއި ޔަގީންކަން ލިބުމުން، އެއީ ކާމިޔާބީއެއް ކަމަށް ދެކޭތީ ކަމަށް އަލައިކާ ވިދާޅުވެފައިވެ އެވެ. 

"މި ދަތުރަކީ ހަމައެކަނި މަގާމެއް ހޯދުމަށް ކުރި ދަތުރެއް ނޫން. މިކަން ކުރީ މަތިވެރި މަގުސަދެއްގައި. ބަދަހި ދިރިއުޅުމަކަށް އެދޭ އާއިލާތަކުގެ ހައްގުގައި ވަކާލާތުކޮށް، ހަމަހަމަ ފުރުސަތުތަކާއި ބާރުވެރިކަން ހޯދައިދިނުމަށް ކުރި މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

ސިޔާސީ ކަންކަމުގައި މާޔޫސްވާ ކަންކަމާއި، އަދި ބައެއް ފަހަރު ވަފާތެރިކަމެއް ނެތުމުގެ ހިތްދަތިކަން ވެސް ތަހައްމަލު ކުރަން ޖެހުނު ކަމަށާއި އޭނާގެ ނިޔަތާއި އަމަލުތަކާ މުޅިން ހިލާފު ދޮގު އިލްޒާމުތައް އަޅުވައި ބަދުނާމުކުރި ކަމަށް ވެސް އަލައިކާ ބުންޏެވެ.

ނަމަވެސް، ކޮންމެ ގޮންޖެހުމެއްގައި ވެސް ހުރީ ސާބިތުކަމާ އެކުގައި ކަމަށާއި އޭނާ ގަބޫލުކުރާ އަދި ހިފަހައްޓާ އުސޫލުތަކުގެ މަތީގައި ދެގޮތެއް ނުވެ ދެމިހުންނާނެ ކަމަށް ވެސް އަލައިކާ ވިދާޅުވެފައިވެ އެވެ.