މިއަހަރުގެ ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ޝެފްސް ގިލްޑް މޯލްޑިވްސް (ސީޖީއެމް)ގެ ޝެފުންގެ ޓީމެއް ބައިވެރިވެއްޖެ އެވެ.

ސީޖީއެމުން ބުނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިއަދާ ހަމައަށް އިނގިރޭސިވިލާތުގެ ވޭލްސްގައި ބޭއްވި އެ ކޮންގްރެސްގައި މި-ޝެލިންސްޓާ ޝެފުންގެ ކީނޯޓް އެޑްރެސްތަކާއި އެކި ހުނަރުތައް ދަސްކޮށްދޭ ވޯކްޝޮޕްތަކާއި ކޯ-ލާނިން ސެޝަންތަކާއި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު ކަލިނަރީ ދާއިރާއަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރި ކަމަށެވެ.

އޭގެ ތެރޭގައި ސަސްޓެއިނަބިލިޓީ އާއި ފުޑް ސެކިއުރިޓީ އަދި ގެސްޓްރޮނޮމީގެއާ ޓްރެންޑްތަކާ ބެހޭގޮތުން މަޝްވަރާކުރި ކަމަށް ސީޖީއެމްއިން ބުންޏެވެ.

އެ ކޮންފަރެންސްގެ ތެރެއިން "ދަ ގްލޯބަލް ޝެފްސް ޗެލެންޖު" ކެއްކުމުގެ މުބާރާތުގެ ފައިނަލް ވެސް ކުރިއަށް ގެންދިޔަކަން ފާހަގަކޮށް، ސީޖީއެމުން ބުނީ އެ މުބާރާތަށް މީހުން ކޮލިފައިވެފައިވަނީ މިދިޔަ އަހަރު ބޭއްވި ރީޖަނަލް ސެމީ ފައިނަލްތަކެއްގައި ބައިވެރިވެގެން ކަމަށެވެ.

އެފަދަ މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ޝެފުން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމާއި އެކަކު އަނެކެއްގެ ފަރާތުން އާ ކަންކަން ދަސްކުރުމުގެ މަގްސަދު ފަހިވާނެތީ ކަމަށް ވެސް ސީޖީއެމުން ބުންޏެވެ.

ޝެފްސް ގިލްޑްއިން ބުނީ އެ ޖަމްއިއްޔާގެ އަމާޒަކީ 2028 ވަނަ އަހަރު ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ ވޯލްޑް ޝެފްސް ކޮންގްރެސްގައި ދިވެހި ޒުވާން ޝެފުން ބައިވެރިކުރުން ކަމަށެވެ. 

އެންމެ ފަހުން، ވޯލްޑް ޝެފްސް ކޮންގްރެސް ބާއްވާފައިވަނީ 2024 ވަނަ އަހަރު ސިންގަޕޫރުގަ އެވެ. އަދި އެފަހަރު ސީޖީއެމްގެ 30 މެމްބަރުންގެ ޓީމެއް ބައިވެރިވި އެވެ.

ސީޖީއެމްއަކީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުން ތަމްސީލުކުރުމަށް އެންމެ ފުރަތަމަ އުފެއްދި ހަމައެކަނި ނޮން-ޕްރޮފިޓް އެންޖީއޯ އެވެ.