ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އަށް ޗީފް އެގްޒެކެޓިވް އޮފިސަރަކު ހޯދަން އެ އެޖެންސީން އިއުލާނުކޮށްފި އެވެ. 

އެ އިދާރާ އިން ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ޝައުގުވެރިވާ ނަމަ އަންނަ ޖުލައި 8 ވާ ބުދަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން [email protected] އަށް އެޕްލިކޭޝަން ފޯމާއި ތައުލީމީ ސެޓްފިކެޓުތައް ފޮނުވަން ޖެހޭ ކަމަށެވެ. 

އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަންނާނެ ކަމަށް އެންޑީއޭ އިން ބުންޏެވެ. 

ފަސް އަހަރުގެ މުއްދަތަކަށް ހޯދައި ސީއީއޯގެ އަސާސީ މުސާރައަކީ 23,935ރ. އެވެ. އަދި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 28,095ރ. ލިބެ އެވެ. 

މަގާމުގެ ޝަރުތުތައް: 

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ނުވައެއްގެ ސަނަދަކަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށް ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން ދެ އަހަރު މަސައްކަތްކުރުން ނުވަތަ؛
  • އެ އިން ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ނުވައެއްގެ ސަނަދެއް ހާސިލްކޮށް ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން ފަސް އަހަރުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • އެ އިން ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް އަށެއްގެ ސަނަދެއް ހާސިލްކުރުމާ އެކު، ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން ހަތް އަހަރު ދުވަހުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • އެ އިން ދާއިރާއަކުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ހަތެއްގެ ސަނަދެއް ހާސިލްކުރުމާއެކު ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރުގެ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން. 
  • އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ނުވަތަ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށެއް ނުވަތަ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށެއް ނުވަތަ މީހަކު މެރުމުގެ ކުށެއް ނުވަތަ ޓެރަރިޒަމް އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އެއްވެސް ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން. 

މިދިޔަ މެއި މަހުގައި އެންޑީއޭ އިން ވަނީ 2014 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އެ އިދާރާގެ ބޯޑުގެ ހިންގާ ގަވައިދަށް ފުރަތަމަ އިސްލާހު ގެނެސްފަ އެވެ. 

އޭގެ ތެރޭގައި އެންޑީއޯ ބޯޑުގައި ކުރިން 10 އިދާރާއެއްގެ މެމްބަރުން ތަމްސީލުކުރި ނަމަވެސް ރައީސް އޮފީހާއި ޑިފެންސް މިނިސްޓްރީ އާއި އިމިގްރޭޝަން އަދި ކަސްޓަމްސްގެ ބަދަލުގައި އެހެން އިދާރާތައް ވަނީ ހިމަނައިފަ އެވެ.

އަލަށް ހިމަނާފައި ވަނީ އިޖުތިމާއީ ރައްކާތެރިކަމާބެހޭ މިނިސްޓްރީގައި އެ ސިޔާސަތުތައް ތަންފީޒުކުރާ މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީއަކުން ކަނޑައަޅާ މީހަކު ލުމާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ސަރުކާރުގެ މިނިސްޓްރީގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތްކުރާ މުވައްޒަފަކު ލުމުގެ އިތުރުން ކަރެކްޝަނަލް ސާވިސްގެ ބަންދުގައި ތިބޭ މީހުންނަށް މަސްތުވާތަކެތީގެ ފަރުވާ ދިނުމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެ ސާވިސްއިން ކަނޑައަޅާ މީހަކު ބޯޑުގައި ހިމެނުމަށެވެ. 

އެންޑީއޭ އަށް ކުރިން ސީއީއޯ އައްޔަންކުރަނީ ތިން އަހަރަށެވެ. އެކަމަކު، އެ މުއްދަތު މިހާރު ވަނީ ފަސް އަހަރަށް އިތުރު ކޮށްފަ އެވެ.

ޑްރަގަށް ދެވިހިފައިވާ މީހުން އެކަމުން ސަލާމަތްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރާ އެންޑީއޭގައި މި ވަގުތު ސީއީއޯއެއް ނެތެވެ. އެ ތަން ހިންގުމާ ޖުލައި 2024 އިން ފެށިގެން ހަވާލުވެ ހުންނެވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޝިދެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި އިމާދު ސޯލިހު ވަކިކުރުމަށް ފަހުގަ އެވެ.