އެކަނިވެރި މައިންނަކީ 100 ޕަސެންޓު މުސްލިމް ގައުމެއްގައި ތިބެންޖެހޭ ބައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް އިއްޔެ ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ފާހަގަކުރި ބައްޕައިންގެ ދުވަހާ ގުޅުވައި ސޯޝަލް މީޑިއާގައި ރާޝިދާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ އަންހެނެއްގެ އަދި ކޮންމެ ކުޑަ ކުއްޖެއްގެ އަސާސީ ބޭނުންތަކާއި ހައްގުތައް ފުރިހަމަ ކޮށްދީ ރައްކާތެރި ކޮށްދިނުމުގެ ދީނީ ޒިންމާ އަދާ ކުރަން ޖެހޭ ބަލަދުވެރިއެއް [ފިރިހެނެއް] ހުންނާނެ ކަމަށެވެ.

"މުދާ ބަހާ ދުވަހު، މި ބަލަދުވެރިޔާ ހުރި ތާކުން ހޯދައިގެން ވެސް ކޯޓުން ގެނެސް މުދާ ހަވާލު ކުރާނެ. އޭނާގެ ޒިންމާ އަދާކުރަން ބާރު އަޅާ މީހަކު ނޫޅޭ. ނިކަމެތި މަންމައިންނަށާއި ޅަދަރިންނަށް ދައުލަތުން އެހީވެދިނުމަކީ މުޅިން އެހެން ކަމެއް،" އޭނާ އެ ޕޯސްޓުގައި ވިދާޅުވި އެވެ.

"ބައްޕައިންގެ ދުވަސް ފާހަގަކޮށް ނިމުނުއިރު ބައްޕަ ފެންނަން ނެތް ކުދިންނާއި، ބައްޕަ ދުނިޔެ ދޫކޮށްފައިވާ ކުދިންނާއި، ބައްޕައެއްގެ އަޅާލުން ނުލިބޭ ކުދިން ވެސް އިހުސާސްތަކެއް ކުރާނެކަން ޔަގީން،" އޭނާ ލިޔުއްވާފައިވެ އެވެ.

ރާޝިދާ ވިދާޅުވި ގޮތުގައި އެކަނިވެރި މައިން ދިވެހި މުޖުތަމައަށް ތައާރަފްކުރީ ޒިންމާދާރުކަން ކުޑަ "ބަލަދުވެރިން" ކަމަށެވެ.

އޭނާ އިޝާރާތްކުރައްވާފައި އެ ވަނީ ކައިވެނި ރޫޅި ނުވަތަ އަނބި/ފިރި މަރުވެފައިވާ މީހުންނަށް ދައުލަތުން އިނާޔަތް ދޭން ފެށުމަށް ކަމަށް ބެލެވެ އެވެ. 

އެކަނިވެރި މައިންނާއި ބަފައިންނަށް މީގެ ކުރިން ދެމުން އައި 1،000ރ. މި ސަރުކާރުން ވަނީ ކުއްޖަކަށް 3،000ރ. ގެ މަގުން ބޮޑުކޮށްފަ އެވެ. އެއް ކުއްޖަކު ބަލަހައްޓާ ނަމަ މަހަކު 3،000ރ. ލިބޭއިރު އެންމެ ގިނަވެގެން މަހަކު ލިބޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12،000ރ. އެވެ. އަދި އަހަރަކު އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 144،000ރ. ކަމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.