މިހާރު ކުރިއަށްދާ ވޯލްޑް ކަޕާ ދިމާކޮށް ޔޫތު، ސްޕޯޓްސް މިނިސްޓްރީން ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ޔޫތު ހަބުގައި ހުކުރު ދުވަހު ހަވީރު އޮންނާނެކަން، އެ މިނިސްޓްރީން އިއުލާން ކޮށްފި އެވެ. 

"ގޭމިން ކާނިވަލް" ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތަކީ ވޯލްޑް ކަޕާ ގުޅިގެން އެ މުބާރާތް ނިމެންދެން ކޮންމެ ހުކުރު ދުވަހެއްގައި ވެސް ކުރިއަށްގެންދާނެ ހަރަކާތެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.  

މި ކާނިވަލަކީ ވޯލްޑް ކަޕް ނިމެންދެން ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ހަތަރަކުން ހައެއް ޖަހަންދެން ލިލީ މަގުގައި ހުންނަ ޔޫތު ހަބްގައި ކުރިއަށްދާ ހަރަކާތެއް ކަމަށް މިނސްޓްރީން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި ކުޑަކުދިންގެ ކާނިވަލުގައި ކުޑަކުއްޖަކު ބައިވެރި ވަނީ --- ފޮޓޯ: ޔޫތު މިނިސްޓްރީ
މިދިޔަ ހުކުރު ދުވަހު ބޭއްވި ކުޑަކުދިންގެ ކާނިވަލުގައި ކުޑަކުއްޖަކު ބައިވެރި ވަނީ --- ފޮޓޯ: ޔޫތު މިނިސްޓްރީ

"މި ހަރަކާތުގައި ތަފާތު ގިނަ ކުޅިވަރުތަކެއްގައި މުޅިން ހިލޭ ބައިވެރިވުމުގެ ފުރުސަތު ކުޑަކުދިންނަށައި އާންމުންނަށް ލިބޭނެ،" މިނިސްޓްގެ އޮފިޝަލް ވިދާޅުވި އެވެ. 

މި ގޭމިން ކާނިވަލަކީ ޔޫތު ހަބުގައި ކުރިއަށްގެންދާ ވޯލްޑް ކަޕް "ވޮޗް ސީރީޒްގެ" ބައެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މި ހަރަކާތްތަކުގައި ފުޓްބޯޅައިގެ މަޝްހޫރު ކުޅުންތެރިން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެއްފަހަރާ 250 މީހުންނަށް ތިބެވޭ ޔޫތު ހަބުގައި ބާއްވާ މި ވޮޗް ޕާޓީއަކީ އާއިލާތަކަށާއި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއްގައި އުފާފާޅުކުރުމުގެ ފުރުސަތު ލިބިގެންދާނެ ހަރަކާތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

ޔޫތު ހަބްގައި ވޯލްޑް ކަޕް ފޯރި ނެގުމަށް ބޭއްވި ހަރަކާތުގައި ގުރުއަތު ނަގަނީ --- ފޮޓޯ: ޔޫތު މިނިސްޓްރީ
ޔޫތު ހަބްގައި ވޯލްޑް ކަޕް ފޯރި ނެގުމަށް ބޭއްވި ހަރަކާތުގައި ގުރުއަތު ނަގަނީ --- ފޮޓޯ: ޔޫތު މިނިސްޓްރީ

މެޗުތައް ދެއްކުމުގެ އިތުރުން ހިލޭ ކާބޯތަކެތި ލިބޭނެ ސްޓޯލްތަކާއި ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތައް ދިނުން އޮންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޭ އިނާމުތަކުގެ ތެރޭގައި މުބާރާތުގެ ރަސްމީ  ބޯޅަ އާއި "ޔޫތު ބައި ޖިމްނޭޝިއާ" ގެ އެއް މަސްދުވަހުގެ ހިލޭ މެންބާޝިޕް ހިމެނެ އެވެ. 

ޔޫތު މިނިސްޓްރީން ބުނީ މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ކުޅިވަރުގެ ޒަރީއާއިން ގައުމީ އެއްބައިވަންތަކަން އާލާކޮށް، ޒުވާނުންނަށާއި މުޖުތަމައުއަށް ފައިދާހުރި މާހައުލެއް ބިނާކޮށްދިނުން ކަމަށެވެ.