ސަލްޓަންޕާކުގައި ހުންނަ ތާރީހީގެ، އުސްގެކޮޅުގައި ގްރެފިޓީ ކުރަހައި އެތަނަށް ގެއްލުންދިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ހެރިޓޭޖް މިނިސްޓްރިން މިއަދު ބުނެފި އެވެ. 

މިނިސްޓްރީން ބުނީ ރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަަމަށެވެ. 

އެހެންވެ، ފުލުހުންނާ ގުޅިގެން އެކަން ހިނގާދިޔަ ގޮތާއި ޒިންމާވާ ފަރާތްތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ. 

މިނިސްޤޓްރީން ބުނީ ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެ ކަމުގައި ޒިންމާވާ ފަރާތްތަކާ މެދު ސަގާފީ ތަރިކައިގެ ގާނޫނާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ. 

އެތަނަށް ބަޔަކު ގެއްލުންދިންއިރު މިއީ ތަޅުލާފައި ހުންނަ ތަނެކެވެ. އަދި ސަލްޓަން ޕާކުގެ އެތެރެއަކީ ކެމެރާ ވެސް ހަރުކޮށްފައި ހުންނަ ތަނެކެވެ. 

އުސްގެކޮޅުގައި އިންޓްރެކްޓިވް މިޔުޒިއަމެއް ހަދަން މި ސަރުކާރުން ނިންމާފައިވާއިރު އެ ބަދަލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެތަނަށް ގެންނަވަން ބޭނުންފުޅުވާ ބަދަލެއް ކަމަށް ކުރީގެ މިނިސްޓަރު އާދަމް ނަސީރު ވިދާޅުވެފައިވެ އެވެ.

އެކަމަކު ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނީ އެ މަޝްރޫއުއާ ގުޅިގެން އުސްގެކޮޅުގެ ތަޅުދަނޑި އާއި އެތަން ބެލެހެއްޓުމުގެ ކަންކަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދޭން މާލޭ ސިޓީ ކައުންސިލުގައި އެދިފައިވިޔަސް އެތަން މިނިސްޓްރީއާ ހަވާލުކޮށްފައިނުވާ ކަމަށެވެ.

އުސްގެކޮޅުގެ އެތެރޭގެ ފާރުގައި ގްރެފިޓީ ކުރަހާފައި.
އުސްގެކޮޅުގެ އެތެރޭގެ ފާރުގައި ގްރެފިޓީ ކުރަހާފައި.

އެހެންވެ، ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ކަންކަން އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެެ. 

މިނިސްޓްރީން ބުނީ އެ އިމާރާތަކީ ރަނގަޅު ފެންވަރަކަށް ހެދިފައިވާ އެ ދުވަސްވަރުގެ އިމާރާތްކުރުމުގެ ފަރުމާ ވަރަށް ރަނގަޅަށް ދައްކުވައިދޭ ތަނެއް ކަމަށާއި އެ ފަދަ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ތަނަށް ލިބުން އެކަށީގެންވާ ކަމަށެވެ.

އުސްގެކޮޅަކީ 1903 ވަނަ އަހަރު ރާއްޖޭގެ ރަސްކަން ކުރެއްވި އަލްސުލްތާނު މުހައްމަދު އިމާދުއްދީން ހަވަނަ މިސްރުން ކައިވެނި ބައްލަވައިގެންނެވި އަނބިކަނބަލުންނަށް ހެއްދެވި ތަނެކެވެ. ނަމަވެސް ގިނަ ދުވަސްނުވެ އެ ރަސްކަން ނިމުމަކަށް އައީ އެވެ. ފަހުން އެ ގެކޮޅު ބޭނުންކުރީ ރަސްކަލުންގެ އެކިއެކި ބޭނުންތަކަށެވެ. އެންމެ ފަހުން ވެސް އެތަނުގައި ހިންގީ ގައުމީ ދާރުލްއާސާރެވެ.

ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސްވީ އެ ތަނަކީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާ އެވެ.