ރާއްޖޭގައި އެތެރޭގެ ވައިގެ ދަތުރުތަކުގެ ޓިކެޓް މިހާރު ވެސް ހުރީ ހަރަދާ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށާއި ޓިކެޓްގެ އަގު ހެޔޮކުރުމުގައި ގޮންޖެހުންތައް އެބަހުރި ކަަމަށް ޓޫރިޒަމް އަދި ސިވިލްއޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެތެރޭގެ ދަތުރުތަކަށް ރާއްޖޭގައި ބޭނުންކުރާ އޭޓީއާރު މަތިންދާބޯޓްތަކަކީ އޮަޕަރޭޓްކުރަން ބޮޑު ހަރަދެއް ކުރަން ޖެހޭ މަތިންދާބޯޓްތަކެއް ކަމަށާއި މިހާރު ވެސް ރާއްޖޭގައި ޓިކެޓްގެ އަގު ހުރީ އޮޕަރޭޝަނަލް ކޮސްޓަށް ވުރެ ބޮޑުކޮށް ނޫން ކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމުން ވެސް ރާއްޖޭގައި ޓިކެޓް އަގުބޮޑުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މެދުއިރުމަތީގެ މި ހަނގުރާމައިގައި ވެސް، ތެލުގެ އަގުބޮޑުވެގެން ދިޔައިމާ މުޅި ދުނިޔޭގެ އެއާލައިންތަކުގައި  ގާތްގަނޑަކަށް 30 ނޫނީ 40 ޕަސެންޓްގައި ޓިކެޓް ފެއާ މައްޗަށް ގޮސްފައި އެ ހުރީ. އެކަމަކު ވެސް އަޅުގަނޑުމެން ސަރުކާރުން ރައީސް ނިންމެވި ނިންމެވުންތަކާ ގުޅިގެން، ހަރަދުތައް އެހެން ގޮތް ގޮތަށް މެނޭޖްކޮށްގެން، ރައްޔިތުންނާ ހިސާބަށް އެ އަގުބޮޑުނުކޮށް، ހަމަ ހުރި އަގުތަކުގައި މިއަދާ ހިސާބަށް ވެސް އަޅުގަނޑުމެން ހިފަހައްޓަމުން މިއައީ ހަމަ ވަރަށް ޗެލެންޖިން މަސައްކަތެއް،" އަމީން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

އޭނާ ވިދާޅުވި ގޮތުގައި ޓިކެޓްގެ އަގު ދަށްކުރަން ރާއްޖޭގައި އުނދަގޫ ވަނީ ދަތުރުކުރާ ފަސިންޖަރުންގެ އަދަދު އެކަށީގެންވާ ވަރަށް ނެތުމުންނެވެ. އެ ސަބަބުތައް އެހެން ހުރުމުން، ޓިކެޓްގެ އަގު ދަށްކުރުމަކީ ކޮންމެ ބަޔަކަށް ވެސް ވަރަށް ގޮންޖެހުންބޮޑު ކަމަކަށް ވާނެ ކަަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގައި ދަތުރުފަތުރުގެ  ނިޒާމުަގައި، ހާއްސަކޮށް ވައިގެ ދަތުރުފަތުރުގެ ނިޒާމުގައި ، މާސް ނޫނިއްޔާ ބޮޑު އަދަދު އެ އޮންނަން ޖެހޭ [ވަރަށް]، އެފިޝަންޓް އޮޕަރޭޝަނަށް އޮންނަން ޖެހޭ އަދަދަށް، ރައްޔިތުން ނޫނިއްޔާ މީހުން، ނޫނީ ދަތުރުކުރާ ޕެސެންޖަރުންގެ އަދަދު ނެތީމާ މި އަންނަ ޗެލެންޖަސް މި ހުންނަނީ އިނގޭތޯ. އެއީ ހަގީގަތަކީ، ޓިކެޓްގެ އަގު ދަށްކުރުމަކީ ވަރަށް ޗެލެންޖިން މަސައްކަތަަކަށް ހަމަ އެއްޗެސް ފަރާތަކަށް [ކޮންމެ ފަރާތަކަށް ވެސް] ވާނީ،" އަމީން ވިދާޅުވި އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމުން ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގެ ޓިކެޓްގެ އަގު ދިވެހިންނަށް ބޮޑު ނުކުރި ނަމަވެސް ޓޫރިސްޓުންނަށް ޓިކެޓް ވިއްކާ އަގު ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިދިޔަ އޭޕްރިލްމަހު ބޮޑުކުރި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް އޮފިޝަލަކު "މިހާރު" އަށް އޭރު ވިދާޅުވި ގޮތުގައި ބޭރު މީހުންނަށް ވިއްކާ ޓިކެޓްގެ އަގުބޮޑުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލް އިން ޖެޓްފިއުލް ވިއްކާ އަގު ބޮޑުކުރަމުން ގެންދާތީ އެވެ.

ރާއްޖޭގައި ޖެޓްފިއުލްގެ އަގު 1.19 ޑޮލަރުން 1.99 ޑޮލަރަށް އޭރު ބޮޑުކުރި އެވެ.