ޑީއެޗްސީ-6 ގެ ދެ  ޓްވިން އޮޓަ ކްލަސިކް 300-ޖީ މަތިންދާބޯޓު (ސީޕްލޭން) ގަތުމަށް ލެޓަ އޮފް އިންޓެންޓް (އެލްއޯއައި) ގައި މޯލްޑިވިއަން އިން ކެނެޑާގެ ޑީ ހެވިލަންޑް އެއާކްރާފްޓް ލިމިޓެޑާ އެކު ސޮއިކޮށްފި އެވެ.

މިއީ ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ޓްވިން އޮޓަ މަތިންދާބޯޓު ބޭނުންކުރާ ދިވެހިރާއްޖޭގައި، ޓްވިން އޮޓަ ކްލާސިކް 300-ޖީ މޮޑެލްގެ މަތިންދާބޯޓަކަށް އޯޑަރު ދިން ފުރަތަމަ ފަހަރުކަން މޯލްޑިވިއަނުން ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

ޓްވިން އޮޓަ މަތިންދާބޯޓަކީ ފާއިތުވި ދިހަވަރަކަށް އަހަރު، މާލެއިން ރިސޯޓުތަކަށާއި އެކި ރަށްރަށަށް ޓޫރިސްޓުން އުފުލައިދީ، ރާއްޖޭގެ ޓޫރިޒަމްގެ މައިބަދައިގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޯޓުތައް ކަމަށާއި ކްލާސިކް 300-ޖީ އާ އެކު، އެއްގަމު ރަންވޭއެއް ނެތް ސަރަހައްދުތަކަށް ޓޫރިސްޓުން އުފުލުމުގައި މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް ބުންޏެވެ.

"ރާއްޖޭގައި އެންމެ ފުރަތަމަ ޓްވިން އޮޓަކްލާސިކް 300-ޖީ ތައާރަފްކުރާ އެއާލައިނަށް މޯލްޑިވިއަން ވެގެންދާތީ އަޅުގަނޑުމެން ފަހުރުވެރިވަން،" މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސްއާ ހަވާލާދީ ނޫސް ބަޔާނުގައިވެ އެވެ.

"ސީޕްލޭން ދަތުރަކީ ދިވެހިރާއްޖޭގައި ޗުއްޓީގެ ފެށުން، އަދި އަޅުގަނޑުމެންގެ ކޮންމެ ދުވަހެއްގެ އޮޕަރޭޝަންތައް ބިނާވެފައިވަނީ މި މަތިންދާބޯޓުގެ މައްޗަށް. އެންމެ ފަހުގެ އާ ޖެނެރޭޝަންގެ މި ބޯޓުގެ ސަބަބުން، ޒަމާނީ އާ ޓެކްނޮލޮޖީ އާއި އޮޕަރޭޝަނަލް ކުރިއެރުންތަކުގެ ފައިދާ ލިބިގެންދާއިރު، އަޅުގަނޑުމެންގެ ޓޫރިސްޓުންނާއި ރިސޯޓު ބައިވެރިން އުންމީދުކުރާ އިތުބާރުހުރި ހިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގައި ދެމިތިބެވޭނެ."

އޭނާ ވިދާޅުވީ މިއީ ޓޫރިސްޓުންގެ ތަޖުރިބާއަށާއި، މޯލްޑިވިއަނުން ހިދުމަތްދޭ ރިސޯޓުތަކަށާއި އަދި މޯލްޑިވިއަންގެ ހިދުމަތަށް ބަރޯސާވާ ރަށްތަކުގެ މުޖުތަމައުތަކަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ. 

"...މީގެ ސަބަބުން އަޅުގަނޑުމެންގެ ކެޕޭސިޓީ އިތުރުވެ، ބޯޓުގެ ތެރޭގައި ދަތުރުވެރިންނަށް ލިބޭ ހިތްހަމަޖެހުން އިތުރުވެ، އަދި ރައްކާތެރިކަމާ އެކު ދިވެހިރާއްޖެ ގުޅުވާލަދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ."

ކްލާސިކް 300-ޖީ އަކީ ރާއްޖޭގެ އޮޕަރޭޝަންތަކަށް ބޭނުންވާ ކުރު ރަންވޭތަކުން އުދުއްސާލުމާއި ޖެއްސުމަށް ހާއްސަ ގާބިލްކަމާ އެކު އުފައްދާފައިވާ، އޭވިއޮނިކްސް ޒަމާނީކޮށްފައިވާ ބޯޓެކެވެ. ބޯޓުގެ ބަރުދަން ކުރިއަށްވުރެ ލުއިކޮށްފައި ވުމުން ދަތުރުވެރިންނާއި ލަޖެގް އުފުލުމަށް އިތުރު ޖާގަ ލިބި، މަތިންދާބޯޓު ފްލީޓުގެ އިގްތިސާދީ ފައިދާ ބޮޑުވުމަށް ފުރުސަތު ލިބެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1،000 އަށްވުރެ ގިނަ މަތިންދާބޯޓު އުފައްދައި، އެތައް މިލިއަން ގަޑިއިރެއްގެ ދަތުރު ހަމަކޮށްފައިވާ ޓްވިން އޮޓަ އަކީ، އާކްޓިކް ސަރަހައްދުން ފެށިގެން ރާއްޖެ ފަދަ މާހައުލުތަކުގައި ވެސް  ބޭނުންކުރާ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ޔޫޓިލިޓީ އެއާކްރާފްޓެވެ. އަދި މީގެ ބޯޓުތަކުގެ ބޭނުން އެންމެ ބޮޑަށް ހިފަނީ ރާއްޖޭގައި ކަމަށް ވާއިރު މިއީ ރައްކާތެރި އަދި އިތުބާރުހުރި ދަތުރުފަތުރުގެ މިންގަނޑަކަށް ވަނީ ވެފަ އެވެ. 

މޯލްޑިވިއަންގެ ފްލީޓްގައި 25 މަތިންދާބޯޓު ހިމެނެ އެވެ. މީގެ ތެރޭގައި އެއާބަސް އޭ330-200 ގެ ބޯޓަކާއި އެއާބަސް އޭ320 އަކާއި އޭޓީއާރްގެ ގެ 5 ބޯޓު، ޑޭޝް 8 ގެ 7 ބޯޓު އަދި ޑީސީއެޗް-6 ޓްވިން އޮޓަގެ 11 ބޯޓު ހިމެނެ އެވެ.