އައްޑޫގެ ރަށްތައް ގުޅުވައިދޭ ލިންކްރޯޑްގެ މަސައްކަތް، މިހާރު ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ބަދަލުގައި އެހެން ބަޔަކާ ހަވާލުކޮށްގެން ނަމަވެސް އަވަސް ކުރަން މަސައްކަރް ކުުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ލިންކްރޯޑްގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރީ ވީހާ ވެސް ހަރަަދުކުޑަކޮށް ކުރިއަށް ގެންދަން ކަމަށާއި އެކުންފުންޏަށް މެޝިނަރީ ވެސް ހޯދި ކަމަށެވެ. އެ މަގު ސާފުކުރުމުގެ މަސައްކަތް އާރްޑީސީން ކުރިއަށް އެބަ ގެންދާ ކަަމަށާއި ނަމަވެސް އައްޑޫ ރައްޔިތުން ބޭނުންވަނީ އެ މަގުގައި ތާރު އަޅައި، ރައްޔިތުންނަށް ފަސޭހަވާނެ ގޮތެއް ހަދަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މިހާރު އަޅުގަނޑުމެން މަސައްކަތް އެބަ ކުރަން އެ މަސައްކަތް އަވަސްކުރެވޭނެ ގޮތެއް ހޯދަން، އެހެން ބަޔަކާ ސީދާ ލިންކް ރޯޑްގެ މަސައްކަތް އެކަނި، ތާރު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ނަަމަވެސް. ވަރަށް ހަރަދުބޮޑު ޕްރޮޖެކްޓަކަށް ވާތީވެ، ވަރަށް ގިނަ ފައިސާ ދާނެ ޕްރޮޖެކްޓަކަށް ވާތީވެ ހަރަދު ކުޑަކޮށް ގެންދެވޭނެ ގޮތެއް ހޯދަން އަަޅުގަނޑުމެން މަސައްކަތް ކުރަނީ. އެހެންވީމާ އެގޮތުން އިރާދަކުރެއްވިއްޔާ ހަމަ އައްޑޫ ލިންކް ރޯޑްގެ މަސައްކަތް، އެހެން މަސައްކަތްތައް އާރްޑީސީގައި ބަހައްޓާފައި ލިންކްރޯޑްގެ ބައި އަވަސްކުރެވޭނެ ގޮތެއް ހޯދޭތޯ އަަޅުގަނޑުމެން މަސައްކަތް އެބަ ކުރަން،" މުއްތަލިބު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) އައްޑޫގެ މޭޔަރަކަށް އަދި ފަހުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އިރު އައްޑޫގައި ކުރިއަށް ގެންދިޔަ މަގު ހެދުމުގެ ބޮޑު މަޝްރޫއުގައި ލިންކް ރޯޑް ހިމަނާފައި ނުވާތީ މިނިސްޓަރު އޭނައަށް މިއަދު ފާޑުވިދާޅުވި އެވެ.
މުއްތަލިބު މިި މޭރުމުން ވާހަކަ ދެއްކެވީ އައްޑޫ ޓޫރިޒަމް ޒޯނުގައި ގިނަ އަދަދެއްގެ ގެސްޓްހައުސްތަކެއްގެ މަސައްކަތް ނިމެމުން ދާއިރު، އެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ މަސަައްކަތް ފެށޭނީ ކޮން އިރަކުތޯ، މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.ރައް
މުއްތަލިބު ވިދާޅުވީ އައްޑޫގެ ހުރިހާ މަގެއް ހެދި އިރު "ލިންކް ރޯޑް ގައި އަތްލާފައި ނެތް" ކަމަށާއި އެކަމުގައި ޒިންމާވާ ފަރާތްތަކުން ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. މަގު ހެދުމުގެ މަޝްރޫއުގައި ލިންކް ރޯޑް ނުހިމެނީ ކީއްވެތޯ އޭނާ ތަކުރާރުކޮށް ސުވާލުކުރެއްވި އެވެ. ލިންކް ރޯޑް އެވަރަށް ހަލާކުވެގެން ދިޔަ އިރު އައްޑޫ ސިޓީކައުންސިލުން ކުރީ ކީއްތޯ ވެސް އޭނާ އެއްސެވި އެވެ.
"ހިތަދޫ އުތުރު ދާއިރާ އިއްޒަތްތެރި މެންބަރު [އަބްދުﷲ ސޯދިގު] މޭޔަރަކަށް ހުންނެވި އިރުގައި ބޮޑު މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދިޔަ. ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އިރުގައި ބޮޑުމަގު ހެދުމުގެ މަޝްރޫއު ކުރިއަށް ދިޔަ. ކީއްވެތޯ ލިންކް ރޯޑް އިސްވެފައި ނެތީ؟ ކީއްވެތޯ ލިންކް ރޯޑް ހިމެނިފައި ނެތީ؟ އައްޑޫގައި 60 ކިލޯ މީޓަރުގެ މަގު ހަދާފައި އޮތް އިރު ކީއްވެތޯ ލިންކް ރޯޑްގައި އަތް ނުލީ،" މުއްތަލިބު ވިދާޅުވި އެވެ.
ލިންކް ރޯޑް އެވަރަށް ހަލާކުވި އިރު އައްޑޫ ޓޫރިޒަމް ޒޯނުން ބިންތައް ކުއްޔަށްދީގެން ކައުންސިލަށް ފައިސާ ލިބުނު ކަމަށް ވިދާޅުވެ، އެ ފައިސާއިން ލިންކް ރޯޑް މަރާމާތުނުކުރީ ކީއްވެތޯ ވެސް މިނިސްޓަރު ސުވާލުކުރެއްވި އެވެ.
މީގެ 22 އަހަރު ކުރިން ހެދި ލިންކު ރޯޑު އަލުން ހަދަން ނިންމައި އާރްޑީސީއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އެވެ. ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ތިން އަހަރާއި 9 މަސްދުވަހުން ނިންމަން ޖެހޭ ގޮތަށެވެ.
އެ ޕްރޮޖެކްޓުގައި، ލިންކް ރޯޑް ޒަމާނީ ފެންވަރަށް ހެދުން، 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު ނުވަތަ ގާ އެޅުން، ފޭދޫގައި ފެން ހިންދާ ނިޒާމު ގާއިމްކުރުން، ދުވާރުތައް ހެދުން އަދި މަގުގެ ފާހަގަތަކާއި މަގުމަތީގެ ނިޝާން ބޯޑުތައް ހަރުކުރުން ހިމެނެ އެވެ.
އައްޑޫ ލިންކް ރޯޑު ފުރަތަމަ ހެދީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އިން ދިވެހި ސަރުކާރަށް ދިން 7.9 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުންނެވެ. ޖުމުލަ 12.5 ކިލޯ މީޓަރުގެ ލިންކް ރޯޑްގެ މަސައްކަތްކުރީ ޑެންމާކާއި ލުބްނާންގެ ދެ ކުންފުންޏެއް ގުޅިގެން އުފެއްދި ހޯގާޑް އެންޑްޝުލްޒް އެސްލެބެނާން އިންނެވެ. ލިންކު ރޯޑް ޕްލޭންކޮށް، ޑިޒައިންކުރީ ނިއު ޒީލޭންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން ސްމާޓް އެވެ.