ހއ. އުލިގަމުން ބީލަން އުސޫލުން ބިން ވިއްކަން ދެވަނަ ފަހަރަށް ހުޅުވާލައިފި އެވެ.
އެ ރަށުން ވިއްކަނީ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި އޮތް 2،500 އަކަފޫޓުގެ ތިން ބިމެވެ.
އުލިގަން ކައުންސިލުން ބިން ވިއްކަން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ މޭ މަހު އެވެ. ނަމަވެސް އެއްވެސް މީހަކު ބިން ގަންނަން ހުށަހަޅާފައި ނުވާތީ މިއަދު ވަނީ އަލުން އިއުލާނު ކޮށްފަ އެވެ.
ބީލަން އުސޫލުން ބިންތައް ގަންނަން ޝައުގުވެރިވާ ނަމަ ބީލަމުގައި ރަޖިސްޓަރީވާން ކައުންސިލުން ވަނީ އެދިފަ އެވެ.
ބީލަމުގައި ރަޖިސްޓަރީވާން މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކުން މެންދުރު އެކެއް ޖެހުމާ ދެމެދު ކައުންސިލް އިދާރާގައި ރަޖިސްޓަރީ ކުރުމަށް އެދިފައިވެ އެވެ.
ބީލަން ހުށަހެޅޭނީ، އެ މުއްދަތުގައި ބީލަމުގައި ރަޖިސްޓަރީވާ މީހުންނަށް އެކަންޏެވެ.
ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ މި މަހު ގެ 17 ވަނަ ދުވަހުގެ މެންދުރު އެކެއް ޖަހާއިރު އުލިގަން ކައުންސިލް އިދާރާގަ އެވެ.