އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް އަދި އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމްކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ފޮރިން މިނިސްޓްރީން ދޮގުކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބެންގަލޫރުގައި ރާއްޖޭގެ ކޮންސުލޭޓެއް އަދި އައްޑޫގައި ކޮންސުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާގައި ޝާއިއުކޮށްފައިވާ ޚަބަރުތަކަކީ ސައްހަ މައުލޫމާތުތަކެއް ނޫން ކަމަށެވެ.
މިނިސްޓްރީން ބުނީ މާލޭ ނޫން އެހެން ރަށެއްގައި ބޭރު ގައުމެއްގެ ކޮންސުލޭޓެއް ގާއިމުކުރުމާ މެދު ދިވެހި ސަރުކާރުން ވަކި ގޮތެއް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ. އެކަމަކީ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމޭނެ ނިންމުމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
އެހެންވެ މިނިސްޓްރީން ވަނީ ނޫސްތަކާއި ސޯޝަލް މީޑިއާގައި ތެދު އަދި ޒިންމާދާރު މައުލޫމާތު ޝާއިއުކުރުމަކީ މުޖުތަމައުގެ ހަމަޖެހުމާއި ރައްޔިތުންގެ ހޭލުންތެރިކަމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ބުނެފަ އެވެ.