ކުދި ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ މި އަހަރުގެ ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމާއި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް މި މަހު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ. 

ފޮރިން މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނީ މާލޭގައި ހުންނަ ބާސެލޯ ނަސަންދުރަ ހޮޓަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ފޯރަމް އިންތިޒާމުކުރަނީ ދިވެހި ސަރުކާރުގެ ފަރާތުން އެ މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި އެންޓީގާ އެންޑް ބާބޫޑާގެ ސަރުކާރާއި އދ. ގެ އޮފީސް އޮފް ދަ ހައި ރެޕްރެޒެންޓޭޓިވް ފޯ ލީސްޓް ޑިވެލޮޕްޑް، ލޭންޑްލޮކްޑް ޑިވެލޮޕިން ކަންޓަރީސް އެންޑް ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އޯއެޗްއާރުއެލްއެލްއެސް) ގުޅިގެން ކަމަށެވެ. 

ތިން ދުވަހުގެ އެ ފޯރަމް ބާއްވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށެވެ. 

މިނިސްޓްރީން ބުނީ އެ ފޯރަމް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވީ 2024 ވަނަ އަހަރު އެންޓީގާ އެންޑް ބާބޫޑާގައި ބޭއްވި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރު ވަނަ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައި، ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި ގުޅުންތައް ބަދަހިކޮށް، ދެމެހެއްޓެނިވި ތަރައްގީއަށް، އަދި ވަކީން ހާއްސަކޮށް ތަރައްގީއަށް ބޭނުންވާ މާލީ ވަސީލަތްތައް ހޯދުމަށް، އިތުރު މަސައްކަތްތަކެއް ކުރެއްވުމަށް ބާރުއެޅުއްވި އެޅުއްވުމުގެ ތެރެއިން ކަމަށެވެ.

ރައީސް ވަނީ ސިޑްސް ކޮންފަރެންސްގެ ނާއިބު ރައީސްގެ ހައިސިއްޔަތުން ޕްލޭނަރީ ސެޝަންތައް ޗެއާ ކުރައްވައިފަ އެވެ. ކޮންމެ 10 އަހަރަކުން އެއް ފަހަރު ބާއްވާ އެ ކޮންފަރެންސްގައި ރާއްޖެއިން ތަފާތު ޕެނަލްތަކުގައި ބައިވެރިވުމުގެ އިތުރުން، ހައި-ލެވަލް ސައިޑް އިވެންޓުތަކެއް ވެސް ވަނީ ބާއްވައިފަ އެވެ. އަދި އެ ކޮންފަރެންސްގެ ޕްރިޕެރޭޓަރީ ކޮމިޓީގެ ކޯ-ޗެއާއެއްގެ ގޮތުގައި ރާއްޖެއިން ހަރަކާތްތެރިވި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014 ވަނަ އަހަރު ބޭއްވި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތިންވަނަ ބައިނަލްއަގުވާމީ ބައްދަލުވުމުން ފެށިގެން ސިލްސިލާ ގޮތެއްގައި ދެ އަހަރުން އެއް އަހަރުން ބާއްވަމުން އަންނަ ފޯރަމެކެވެ.

ފޯރަމްގެ މަގުސަދުތައް

  • ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގައި ދައުލަތްތަކުގެ އިތުރުން އެ ގައުމުތަކުގެ ވިޔަފާރިތަކާއި އެކިއެކި އިންވެސްޓަރުންނާއި އެހީދޭ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުން.
  • ފާއިތުވި ބައްދަލުވުންތަކެކޭ އެއްފަދައިން މި އަހަރުގެ ފޯރަމުގައި ވެސް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގައި ވިޔަފާރިކުރުމަށާއި އިންވެސްޓްކުރުމަށާއި އިގުތިސާދީ ތަރައްގީގެ އެކި މަޝްރޫއުތައް ހިންގުމަށް ދިމާވާ ދަތިތަކާއި ހުރި ފުރުސަތުތަކާ މެދު މަޝްވަރާކޮށް އެއްބަޔަކު އަނެއް ބައެއްގެ ފަރާތުން ހައްލުތައް ދަސްކުރުމަށާއި ތަޖުރިބާ ހިއްސާކުރުމަށާއި އެކި ސަރަހައްދުތަކުގެ ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އިންވެސްޓަރުންނާ ގުޅުން ބަދަހިކުރުމަށް ތަފާތު ހަރަކާތްތަކާއި މަސައްކަތްތައް ކުރުމަށް ރާވާފައިވޭ.
  • ތަރައްގީގެ މަގުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކާއި އެ ކުރިއެރުންތައް ހާސިލުކުރުމުގައި ލިބިފައިވާ ތަޖުރިބާ އާއި ދަސްވި ފިލާވަޅުތަކާއި ރާއްޖޭގެ ވިޔަފާރިތަކުން ކުރަމުންދާ އީޖާދީ މަސައްކަތްތައް އެ ފޯރަމްގެ ބައިވެރިންނާ ހިއްސާކުރުމަށް ހާއްސަ އިސްކަމެއް ދޭނެ. 
  • ޓޫރިޒަމާއި މަސްވެރިކަމާއި އިޔާދަކުރަނިވި ހަކަތަ އާއި ކޮންޒަވޭޝަންގެ ދާއިރާއިން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތައް ދައްކާލުމަށް ތަފާތު ހަރަކާތްތަކެއް ރާވާފައިވޭ. 

މިނިސްޓްރީން ބުނީ އައިލެންޑް އިންވެސްޓްމަންޓް ފޯރަމަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރުވަނަ ބައްދަލުވުމުގައި ފާސްކުރި "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (އަބާސް)"ގެ ދަށުން ސިލްސިލާ ގޮތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޯރަމެއް ކަމަށެވެ.

އެ ފޯރަމްގެ މަގުސަދަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާއި ދަތިތައް ދެނެގަނެ، އިންވެސްޓަރުންނާ ގުޅުން ބަދަހިކުރުމާ އެކު އެ ގައުމުތަކުގައި އިންވެސްޓްކުރާނެ ފަރާތްތައް ހޯދުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި އަހަރުގެ ފޯރަމަކީ އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ރަސްމީކޮށް އިފްތިތާހުކުރެވޭ ފޯރަމް ކަމަށް ވާތީ، އެ ފޯރަމްގެ އަމާޒަކީ އިންވެސްޓްމަންޓަށް ހުރި ފުރުސަތުތަކާއި ކުރިމަތިވާ ދަތިތައް ދެނެގަނެ ތަޖުރިބާ ހިއްސާކޮށް، ހައްލުތައް ހޯދުމަށް މަސައްކަތްކުރުމެވެ. 

އެ ފޯރަމްގައި 30 އަށް ވުރެ ގިނަ ގައުމުތަކުން 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.