ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.
އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަންނަ އާދީއްތަ ދުވަހު ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު، ފުރަތަމަ ހަރަކާތެއްގެ ގޮތުގައި، އަންނަ ހޮނިހިރު ދުވަހު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާނެ ކަމަށެވެ.
އެ ހަރަކާތަކީ ރާއްޖޭގެ އުމްރާނީ އަދި އިގްތިސާދީ ތަރައްގީ އާއި ކުރިއެރުމުގައި އިންޖިނިއަރިން ދާއިރާ އާއި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރާ ބެހޭ ގޮތުން ކުޑަކުދިން އަހުލުވެރިކުރުވައި، ޒުވާން ޖީލުގެ މެދުގައި އެ ދާއިރާއަށް ހުރި ޝައުގުވެރިކަން އިތުރުކުރުމުގެ މައިގަނޑު މަގުސަދުގައި ބާއްވާ ހަރަކާތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ކުޑަކުދިންގެ ހަވީރުގައި އިންޖިނިއަރިން ދާއިރާއާ ގުޅުންހުރި ދައުލަތުގެ މުހިންމު މުއައްސަސާތަކާއި ސަރުކާރު އެކި ކުންފުނިތަކުގެ ހާއްސަ ސްޓޯލްތަކެއް ވެސް ހުންނާނެ ކަމަށެވެ.
އިންޖިނިއަރިންއާ ގުޅުންހުރި ތަފާތު އިލްމީ އަދި މަޖާ ހަރަކާތްތައް އަމަލީ ގޮތުން ތަޖުރިބާކޮށް، އެ މުއައްސަސާތަކުގެ އިންޖިނިއަރުން ކުރަމުން އަންނަ އަގުހުރި މަސައްކަތްތަކުގެ މައުލޫމާތު ހޯދުމުގެ ފުރުސަތު ކުޑަކުދިންނަށާއި އާންމުންނަށް ވެސް އެ ސްޓޯލްތަކުން ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދަރިވަރުން މަޝްރޫއުތައް ހިންގާ ސައިޓްތަކަށް
މިނިސްޓްރީން ބުނީ ކުޑަކުދިންގެ ހަވީރުގެ އިތުރުން އިންޖިނިއަރިންއަށް ދަރިވަރުން އަހުލުވެރިކުރުވުމަށް ހާއްސަކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސައިޓް ވިޒިޓްތަކެއް ވެސް އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ރާވާފައިވާ ކަމަށެވެ.
ސައިޓް ވިޒިޓްތައް ކުރިއަށް ގެންދަނީ ކޮންމެ އަތޮޅެއްގެ ވެސް މަދުވެގެން ދެ ރަށެއްގައި އެ ރަށެއްގައި މަޝްރޫއެއްގެ ސައިޓަށް ނުވަތަ އިންޖީނުގެއަށް ދަރިވަރުން ގެންގޮސްގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އިންޖިނިއަރުން އެތަނަށް ގޮސް، އެ މަޝްރޫއެއްގައި ނުވަތަ އިންޖީނުގޭގެގައި އިންޖިނިއަރުންގެ ދައުރަކީ ކޮބައިކަން ދަރިވަރުންނަށް ކިޔައިދޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ މާލޭގައި މިހާރު ކުރިއަށް ގެންދާ އެއް ޕްރޮޖެކްޓް ކަމަށްވާ ތިލަމާލެ ބްރިޖަށް ވެސް ސައިޓް ވިޒިޓެއް ރާވާފައިވާ ކަމަށާއި އެ ސައިޓް ވިޒިޓްތައް ރާވާފައި ވަނީ އެކި އުމުރުފުރާގެ ސްކޫލް ދަރިވަރުންނަށް ހާއްސަކޮށް ކަމަށެވެ. އަދި، އެ ވިޒިޓްތަކުގައި އިންޖިނިއަރުން އޮން ސައިޓްގައި ކުރާ މަސައްކަތްތަކާއި އެ ކަހަލަ މަޝްރޫއެއްގައި އިންޖިނިއަރުންގެ ދައުރު ކިޔައިދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިންޖިނިއަރިން ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އެންމެ ހާއްސަ ހަރަކާތަކީ އިންޖިނިއަރިންގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިން ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދޭ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު" ދިނުމުގެ ރަސްމިއްޔާތު ބާއްވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ. އެ ހަފުލާގައި އިންޖިނިއަރިން ދާއިރާއިން 10 ގިންތިއަކުން އެވޯޑު ދޭނެ އެވެ.