ނޭޕާލާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި މިދިޔަ ހަފުތާގައި ބިންގަނޑު ކަނޑައިގެން ގޮސް ހިނގި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ރާއްޖޭގެ ރެޑް ކްރެސެންޓުން ހުޅުވާލައިފި އެވެ.
އެ ޖަމާއަތުން އިއްޔެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައިވާ ގޮތުން، ފައިސާ ފޮނުވަން ޖެހޭނީ، ކްރައުޑު ފަންޑިން ޕްލެޓްފޯމެއް ކަމަށްވާ "ގިވްއޭޝިޔާ" މެދުވެރިކޮށެވެ. އަދި ބީއެމްއެލާއި އިސްލާމިކް ބޭންކު މެދުވެރިކޮށް ޑޮލަރުން ވެސް ރެޑް ކްރެސެންޓަށް ފައިސާ ފޮނުވޭނެ ކަމަށް ބުންޏެވެ.
އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އެ ފަންޑަށް ފައިސާ ޖަމާކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
ރެޑް ކްރެސެންޓުން ބުނީ، ނޭޕާލް ރެޑް ކްރޮސް ސޮސައިޓީއަށް ފައިސާ ފޮނުވާނީ އިންޓަނޭޝަން ފެޑެރޭޝަން އޮފް ރެޑް ކޮރޮސް އެންޑް ރެޑް ކްރެސެންޓު ސޮސައިޓީސް (އައިއެސްއާރުސީ) މެދުވެރިކޮށް ކަމަށެވެ.
އެ ޖާމައަތުގެ ޓާގެޓަކީ 10،000 ޑޮލަރު ހޯދުމެވެ. މިހާތަނަށް ލިބިފައިވަނީ ފަސް ޑޮލަރެވެ.
މިހާތަނަށް ބެލި ބެލުމުން އެ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގަން މެދުވެރިވީ ހިމާލަޔާ ފަރުބަދަތަކުގެ އުސް ސަރަހައްދަކުން ގްލޭޝިއާއެއް (ސްނޯ ފަރުބަދައެއް) ކަނޑައިގެން ގޮސް ވެއްޓުމާ ގުޅިގެންނެވެ.
އެ ހާދިސާގައި 300 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު 1،300 އަށް ވުރެ ގިނަ މީހުން ވަނީ ގެއްލިފަ އެވެ.
ކަނޑައިގެން ދިޔަ ގްލޭސިއާއާ އެކު އެތައް މިލިއަން ޓަނެއްގެ ގަނޑުފެނާއި، ކިސަޑާއި ހިލަތައް ތިރީގައިވާ ވާދީތަކާއި ކޯރުތަކަށް ފައިބައިގެން ދިޔަ އެވެ. އަދި ކުރަމުންދިޔަ މޫސުމީ ވިއްސާރައިގެ ސަބަބުން އެ ފެންގަނޑު ފެތުރުމުގެ ބާރު އަވަސްވެ، ފެންގަނޑު ބޮޑުވެގެން ދިޔަ އެވެ. އަދި ވާދީތަކުން ފެންގަނޑު ދެމިގަތީ އާދަޔާ ހިލާފު ބާރަށް އަދި އުސްކޮށެވެ.
ފެންގަނޑު ފެތުރިގެން ދިޔަ މަގުމަތީ ހުރި އިމާރާތްތައް ވަނީ ކިސަޑާއި ކުނިބުނީގެ ތެރޭގައި ވަޅުލެވިފަ އެވެ.