ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީއެންސީގެ ކޮންގްރެސް 1،300 އަށް ވުރެ ގިނަ މެމްބަރުންނާ އެކު މިއަދު ފަށައިފި އެވެ.
ސޯޝަލް ސެންޓަރުގައި ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ކޮންގްރެސް އިފްތިތާހްކޮށްދެއްވީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެެވެ.
އަތޮޅާއި ރަށްތައް ހިމެނޭހެން ދާއިރާތައް ތަމްސީލްކުރާ ގިނަ މެމްބަރުންނާ އެކު ކޮންގްރެސް ފެއްޓުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ޕާޓީގެ މެމްބަރުން މަސައްކަތް ކުރަން ވާނީ ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހު ކުރިއަށް ނެރެގެން ކަމަށެވެ.
'ގައުމު' އެއީ އެ ޕާޓީގެ އެންމެ ފުރަތަމަ ޝިއާރު ކަމަށާއި ޕާޓީގެ މެމްބަރުން ކުރިއަށްދާނީ އެކަން ހަދާނުގައި ބަހައްޓައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޕާޓީގެ ކޮންގްރެސްއަށް މެމްބަރުން އެއްވެ ތިބީ އެންމެ ފުރިހަމައަށް ކަންކަން ފޯރުކޮށްދިނުމަށެެވެ. ޕާޓީގެ ދައުރު ފުޅާކޮށް، އެކުގައި މަސައްކަތް ކުރުމުގެ ވަރުގަދަ އަޒުމް އެ ޕާޓީގައި ވަރުގަދަކަން ރައީސް ފާހަގަކުރެއްވި އެެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ މަގާމުތަކަށް ގިނަ ބަޔަކު ވާދަ ކުރެ އެވެ. އޭގެތެރޭގައި އެ ޕާޓީގެ ޒުވާނުންގެ ހަރަކާތުގެ ރައީސާއި ނައިބު ރައީސާއި ސެކްރެޓަރީ ޖެނެރަލް އާއި ހަޒާންދާރު އަދި އަންހެނުންގެ ހަރަކާތުގެ ވެސް ހަމަ އެ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރާނެ އެވެ.
ޕީއެންސީގެ ސެނެޓަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދުތައް
- އާއްމުކޮށް ހުޅުވާލާ 18 ގޮނޑިއަށް، 73 ކެންޑިޑޭޓުން.
- ނައިބު ރައީސް ކަމަށް 11
- އަންހެނުންނަށް ހާއްސަކުރާ 10 ގޮނޑިއަށް، 23 ކެންޑިޑޭޓުން
- ޒުވާނުންނަށް ހާއްސަކުރާ 7 ގޮނޑިއަށް 13 ކެންޑިޑޭޓުން
މި ސަރުކާރު ފެށިއިރު 3،000 މެމްބަރުން ތިބި ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރު 77،000 އަށް ވުރެ ގިނަ އެވެ.