އެޗްއައިވީ ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ ފީޖީން ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެޗްއައިވީ ޓެސްޓްކުރުމާއި، ފަރުވާދިނުމާއި، އަދި ރައްކާތެރިކަމުގެ ހިދުމަތްތައް ފުޅާކުރަން ފަށައިފި އެވެ.
ޕެސިފިކްގެ މި ކުޑަ ޖަޒީރާ ގައުމުގެ ބޮޑެތި މީހުންގެ ތެރެއިން ކޮންމެ 60 މީހުންގެ ތެރެއިން އެކަކީ މިހާރު ލޭގެ ޒަރީއާއިން ފެތުރޭ މި ވައިރަސް ޖެހިފައިވާ މީހެކެވެ. މިއީ ފަސް އަހަރު ކުރިން މި އަދަދު ހުރީ 167 މީހުންގެ ތެރެއިން 1 ގަ އެވެ. އަދި އެޗްއައިވީގެ ސަބަބުން މަރުވާ ކުޑަކުދިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.
އެ ގައުމުގެ ހެލްތު މިނިސްޓަރު ޑރ. ރަޓޫ އެޓޯނިއޯ ލަލަބަލަވޫ ނެރުއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވީ ސިއްހީ ނުރައްކާ އިއުލާންކުރީ، އާދައިގެ ބަލިމަޑުކަމެއްގެ ނިސްބަތުން ފިޔަވަޅު އަޅައިގެން މިކަމުން ސަލާމަތްވާން ނެތުމުން ކަމަށެވެ.
އެއް މިލިއަނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ މި ގައުމުގައި 2025 ވަނަ އަހަރު އެކަނިވެސް 2,016 މީހުންނަށް އަލަށް އެޗްއައިވީ ޖެހިފައިވާކަން ދެނެގަނެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު ލަލަބަލަވޫ ވިދާޅުވި އެވެ.
"އޭގެ ތެރޭގައި މާބަނޑު 50 މީހުން ހިމެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު އެޗްއައިވީއާ އެކު 59 ކުދިން އުފަންވިއިރު އޭގެ ތެރެއިން 18 ކުއްޖަކު، އެއް އަހަރު ފުރުމުގެ ކުރިން މަރުވެފައިވެ އެވެ.
މަސްތުވާތަކެތި ޓްރެފިކްކުރާ މަރުކަޒެއްގެ ގޮތުގައި ފީޖީ އޮތުން އަދި އެ ގައުމުގައި މެތަމްފެޓަމިން ޑްރަގްސް ބޭނުންކުރާ ނިސްބަތް އިތުރުވުމާއި އެކަކު ބޭނުންކޮށްފައި ހުންނަ ކަށި އަނެކަކު ބޭނުންކުރުމަކީ، އެ ގައުމުގައި އެޗްއައިވީ މިހާ ބޮޑަށް ފެތުރެން ދިމާވި ސަބަބެކެވެ.
އޭގެ އިތުރުން ސިއްހީ ހޭލުންތެރިކަން ކުޑަވުމާއި އެޗްއައިވީއާ މެދު މީހުން ދެކޭގޮތް އަދި އެކަށީގެންވާ ވަރަށް ޓެސްޓު ނުކުރެވި، ފަރުވާ ނުލިބުމަކީ ވެސް އެ ހާލަތު އިތުރަށް ގޯސްވި ސަބަބުތައް ކަމަށް ފިޖީ ސަރުކާރުން ބުންޏެވެ.
އެޗްއައިވީ/އެއިޑްސްއާ ދެކޮޅަށް މަސައްކަތްކުރާ އދ. ގެ ޖަމިއްޔާ ޔޫއެންއެއިޑްސް އިން ބުނީ ފިޖީއަކީ އެޗްއައިވީ އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު އެންމެ ހަލުވިކޮށް އެ ބަލި ފެތުރޭ ގައުމު ކަމަށެވެ.
މިދިޔަ އަހަރު ފިޖީގެ 9,100 މީހުން އެޗްއައިވީއާއެކު ދިރިއުޅުނެވެ. އަދި އޭގެ ތެރެއިން ބަލި ހުރިކަން އެނގިފައިވަނީ އެންމެ 39 ޕަސެންޓު މީހުންނަށް ކަމަށާއި އެންޓިރެޓްރޯވައިރަލް ފަރުވާ ހޯދަމުންދަނީ 22 ޕަސެންޓު މީހުން ކަމަށް ވެސް ބުންޏެވެ.
ފީޖީގައި އެޗްއައިވީ ޖެހިފައިވާ މީހުންގެ ތެރެއިން ދެބައިކުޅައަށް ވުރެ ގިނަ ކޭސް ގުޅިފައިވަނީ ޖިންސީ ގުޅުމާ އެވެ. އަދި 42 ޕަސެންޓަށް ވުރެ ގިނަ ގިނަ ކޭސް ގުޅިފައިވަނީ މަސްތުވާތަކެތި އިންޖެކްޓްކުރުމާ އެވެ.
އެޗްއައިވީ ނައްތާލަން ފިޖީގެ ސަރުކާރުން ވަނީ ފަސް ވަޒީރުންގެ ސަބް-ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އަދި އެޗްއައިވީ ހުންނަ މީހުންނާ މެދު ތަފާތުކުރުން ގެންގުޅުމަކީ ގާނޫނީ ކުށެއްކަމާއި އެ ބައްޔާ ގުޅޭ ފަރުވާތައް ގުޅި ގައުމުން ލިބޭނެ ގޮތް ހަދާނެ ކަމަށް ސަރުކާރުން އިއުލާންކޮށްފައިވެ އެވެ.