ސަރުކާރުގެ އަމާޒަކީ މުވައްޒަފުން ގެއަށް ގެންދަން ލިބޭ މުސާރަ ކުރިއަށްވުރެ ބޮޑުކޮށްދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އައިޖީއެމްއެޗްގައި މަސައްކަތް ކުރާތާ ވަރަށް ދުވަސްވީ މުވައްޒަފަކު “ރައްޔިތުންގެ އަޑު" ޕްރަގްރާމްގައި މުސާރައާ ބެހޭ ގޮތުން ފާޅުކުރި ކަންބޮޑުވުމަކާ ގުޅިގެންނެވެ. އެ މުވައްޒަފު ވަނީ މުސާރަ މުރާޖައަކުރުމުން ބައެއް މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ ފައިސާ ކުރިއަށް ވުރެ މަދުކަން ފާހަގަކޮށްފަ އެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް އަމަލުކުރަން ފެށި ޕޭފްރޭމްވޯކުގެ ސަބަބުން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށެވެ. އެއްވެސް މުވައްޒަފަކު ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ ކަމަށް ޕޭ ކޮމިޝަނަށް އެންގެވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުން ހުރިހާ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭ އެއްޗެއް ކުރިއަށްވުރެ ބޮޑުވާން. އެއީ އޭގެ އެންމެ ބޮޑު މަގްސަދަކީ ވެސް. ވައުދުވި ގޮތަކީ ވެސް. އެގޮތަށް ނުވެ ހައްލުނުވެ ހުރިހާ އެންމެންނަށް ހައްލު ކުރަން އަދިވެސް ދަންނަވައިގެން، ހުރިހާ މުވައްޒަފުންނަށް މިކަން ހައްލުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އެންމެ ފަހުން ރަސްމީކޮށް ބޮޑުކޮށްފައިވަނީ ނޭޝަނަލް ޕޭ ހާމަނައިޒޭޝަން ފްރޭމްވޯކްގެ ދަށުން މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ .
މި ބަދަލުގެ ދަށުން، މީގެ ކުރިން މުސާރަ ބޮޑުނުވެ ތިބި އާންމު ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުން ޖުޑިޝަރީ އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައަށް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފަ އެވެ.
މީގެ އިތުރުން ސިވިލް ސާވިސްގެ ދާއިރާތަކުގެ ތެރެއިން ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މެއި 1، 2022ގައި ބޮޑުކުރިއިރު ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މެއި 1، 2023 ގައި ވަނީ ބޮޑުކޮށްފަ އެވެ.